ސަލަފް ޖަމިއްޔާ އެއްވެސް ހާލެއްގައި އުވާލުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެ ގޮޔތަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ޖީނާއީ ކުށްކުރި އެންމެނަށް ލަސް ނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން މަޖިލީހުގެ 47 މެންބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ވެސް ހިމެނެ އެވެ.
މިއަދުގެ ޖަލްސާގައި ވަހާކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވެސް އެ މައްސަލާގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވާފައިވާނެ ކަމަށެވެ. ސަލަފް ޖަމިއްޔާ އުވާލަން އެމަނިކުފާނު އެދެވަޑައި ނުގަންނަވާ ކަމަށެވެ.
އެ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ސަލަފް އުފެއްދެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި އޭރު ކުރީގެ ރައީސުން ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ސިޔާސީ ތަޖުރިބާކާރުން އެ ޖަމިއްޔާ ރަޖިސްޓްރީ ނުކުރަން ލަފާ ވެސް ދެއްވި ކަމަށެވެ. އެހެން ނަމަވެސް ސަލަފް ރަޖިސްޓްރީ ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރުގަ އެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެއްވެސް ޖަމާއަތުން މީހުން މެރުމަށާއި ހަނގުރާމައަށް މީހުން ފޮނުވުމަށް ހިތްވަރު ދޭ ބާވަތުގެ އެއްވެސް ވާހަކައެއް ދެއްކުމާއި އެފަދަ އެއްވެސް އަމަލެއް ކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ސަލަފް އުވާލަން އެމަނިކުފާނު ބޭނުންފުޅު ނުވި ނަމަވެސް ފިޔަވަޅު އަޅަން މަޖިލީހުން ފާސް ކޮށްފައިވާ ކަމަށެވެ.
"ސަލަފް ޖަމާއަތާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް އަޅުގަނޑު ހިތުން މަޖިލިހުން އެދިފައި ވަނީ އޭގެ ތެރެއިން މިބާވަތުގެ އަމަލުތައް ހިންގާ ބޭފުޅުންނާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަ ކުރެއްވީ ސަލަފް ޖަމިއްޔާގައި ކުރިން އުޅުނު އަލީ ޖަލީލް (މޮސްކޯގެ ޖަލީލް) ޕާކިސްތާނުގައި 2009 ވަނަ އަހަރު ސިފައިންގެ މަރުކަޒަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއްދީ އަމިއްލައަށް މަރުވެ ދިޔަ ހާދިސާ އެވެ.
"އެންމެ ފަހުން މޮސްކޯގެ ޖަލީލަށް ވެގެން ދިޔަ ގޮތަކީ ޕާކިސްތާނުގައި އަމިއްލަ ހަށީގައި ބޮން ހަރުކޮށްގެން އޭނާ އަމިއްލަ އަށް މަރުވެ ދިޔައީ. މިއީ ރާއްޖޭގެ ޖަމިއްޔާއެއްގެ ތެރޭގައި އުފެދޭ ރޫހެއްގެ ސަބަބުން ނުކުމެވޭނެ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެކެވިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ ގަތުލު ތަހުގީގުކޮށް ނެރުނު ރިޕޯޓްގައިވާ ގޮތުން އޭނާ އަވަހާރަކޮށްލީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމަށެވެ. އެ މަރާ ގުޅިގެން ހިނގި ކަންކަމުގައި ޝާމިލުވި ކަމަށް ރިޕޯޓްގައި ބުނާ ޖަމިއްޔާތަކުގެ ތެރޭގައި ސަލަފް ވެސް ހިމެނެ އެވެ.
ނަމަވެސް އެ ރިޕޯޓްގައި ސުވާލު އުފެދޭ ކަންކަން ހިމެނޭ ކަމަށް ބުނެ އަފްރާޝީމްގެ އާއިލާއިން ވަނީ ރިޕޯޓް ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ. އެހެންވިޔަސް ރިޕޯޓްގައި ހެކިތައް ސާފުކޮށް ހުންނާނެ ކަމަށާއި ރިޕޯޓް ފުރިހަމަވާނެ ކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ.