ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް ތައްޔާރުކުރި ރިޕޯޓް ދިރާސާކޮށް މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދީނީ އިލްމުވެރިޔަ އަފްރާޝީމްގެ ގަތުލުގެ މައްސަލާގައި 11 ރެކޮމެންޑޭޝަނެއް ހިމަނާފައިވާ ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ ރިޕޯޓް ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި 10 މެންބަރަކު އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.
ފުރަތަމަ ރެކޮމެންޑޭޝަނަކަށް އޮތީ ޖިނާއީ ކުށްތައް ހިންގާފައިވާ ކަމަށް ރިޕޯޓްގައި ކަނޑައެޅިގެން ފާހަގަކޮށްފައިވާ ހުރިހާ މީހުނަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށެވެ. އެ ގޮތުން އަފްރާޝީމްގެ ގަތުލުގައި އަމަލީ ގޮތުން ބައިވެރިވި ހ. ލޮބީ ހުސައިން ހުމާމާއި، ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އޭރު އުމުރުން 18 އަހަރު ކުއްޖާގެ ވާހަކަ ކޮމިޓީ ރިޕޯޓްގައިވެ އެވެ. ދެވަނަ ކަމަކީ އެ މީހުން މިހާރު ތިބި ތަންތަނާއި އިތުރު މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން 241 ކޮމިޓީއަށް ހިއްސާ ކުރުމެވެ.
ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލު ކުރެވިފައިވާ ގޮތާއި ފައިސާގެ މިންވަރު ދެނެގަތުމާއި އެ ފިކުރުގެ ހަރަކާތްތައް ހިންގަން ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް މިރާ މެދުވެރިކޮށް ހޯދުމެވެ. އެ ގޮތުން ސަލަފް ޖަމިއްޔާއިން މިދިޔަ ހަތް އަހަރު ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް ބަލައި އެ ޖަމިއްޔާއިން އަފްރާޝީމްގެ ގަތުލަށް ފަންޑްކުރި ބެލުން ހިމެނެ އެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން މީހުންނާއި، މައުލޫމާތު އެނގި ތިބެ ސިއްރު ކުރި މީހުންނާިއ މައުލޫމާތު ދިނުމަށް ލަސްކުރި މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުން ވެސް ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ލިސްޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ނަންފުޅު ހިމެނިވަޑައިގަންނަވަ އެވެ.
އަފްރާޝީމްގެ ގަތުލާ ގުޅިފައިވާ ބައެއް މީހުން ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާތީ، އޭގެ ހަގީގަތް ހޯދުމަށް އެ މީހުން ފުރި ތާރީހްތަކާއި ފުރަން ހުއްދަ ދިން މީހުނާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ބޯޑްގައި ތިބި މީހުން ދެނެގުމަށް ވެސް ކޮމިޓީން ރެކޮމެންޑް ކުރެވެ އެވެ. އަދި ރިޕޯޓްގައި ބުނާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށެވެ.
އަފްރާޝީމްގެ ގަތުލު ތަހުގީގުކޮށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓްގައިވާ ގޮތުން އޭނާ ގަތުލުކުރީ ދީނީ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ދީނީ ހަރުކަށި ޖަމާއަތަކުންނެވެ. އެކަމަކު ސުވާލު އުފެދޭ ގިނަ ކަންކަން ހިމެނޭ ކަމަށް ބުނެ އަފްރާޝީމްގެ އާއިލާއިން ވަނީ ރިޕޯޓް ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ.
ކޮމިޝަންގެ ރިޕޯޓްގެ ސައްހަ ކަމާ މެދު އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ސުވާލު އުފައްދާފަ އެވެ. އަފްރާޝީމްގެ ގަތުލު ސިޔާސީ ހަތިޔާރަކަށް ހަދާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އަފްރާޝީމްގެ ގަތުލާއި ސިޔާސީ މީހުނާ ގުޅުވައި މީގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުން ވެސް ހިމެނެ އެވެ.