ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑިމޮކްރަސީ ހަރުދަނާ ކުރަން ހައްލު ހޯދަންވީ މަޝްވަރާއިން: ރައީސް

ރާއްޖޭގެ ޑިމޮކްރަސީއާއި ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރެވެން އޮތީ މަޝްވަރާ ކޮށްގެން މައްސަލަތަކުގެ ހައްލު ހޯދައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"ޑިމޮކްރެޓިކް ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރަން ޖެހޭ، ރައްޔިތުންގެ މެދުގައިވާ ހިޔާލު ތަފާތުވާ މައްސަލަތަކުގައި ބަހުސްކޮށް މަޝްވަރާގެ ރިވެތި އުސޫލުން ހައްލު ހޯދަން ޖެހޭ." ރައީސްގެ ޓްވީޓްގައިވެ އެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. އެ ގޮތުން ރާއްޖޭގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ ސެޕްޓެމްބަރު 15، 2008 ގަ އެވެ.