ހަބަރު

ތައުލީމީ ނިޒާމުގެ ތެރެއިން ފަންނުވެރިކަން ދަސްކޮށްދޭންޖެހޭ: ނައިބު

ސްކޫލް ނިޒާމުގެ ތެރެއިން ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް އެގޮތަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު، "ފަންނު އެކްސްޕޯ 2019" ލޯންޗް ކުރުމުގެ ގޮތުން މިރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ކޮންމެ މީހަކީވެސް ގައުމަށްޓަކައި، އަމިއްލަ ދިރިއުޅުމަށްޓަކައި، މަސައްކަތްތެރި މީހަކަށް ވުމުގެ އަޒުމް ކަނޑައަޅައި، ރާއްޖޭއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލާ ކަމަށެވެ.

ދިވެހިރާއްޖެއަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮންނަ ގައުމެއްކަމަށާއި، އެންމެ ކުރިއްސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަންކަމުގައިވެސް ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ފައިސަލް ވިދާޅުވީ، މިއަދު މިފަދަ މައުރަޒެއް ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރާއިރު މިފަދަ ހުނަރުތައް ތަރައްގީނުވެ ހުރީ ކީތްވެގެންތޯ ވިސްނާލުން މުހިންމުކަމަށެވެ.

ދިވެހިންގެ ތެރޭގައި ހުރި ހުނަރުތައް އާލާކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަކީ މުޅި ދިވެހި ގައުމުގެ ގައުމީ ވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެކަމެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް އަމާޒު ހިއްޕަވާފައި ވަނީ ރަނގަޅު ޖީލެއް ބިނާކޮށް ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެއްދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންނުވެރި މީހުން ތިބި ނަމަވެސް އަޅާނުލެވި ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން އެފަދަ މަސައްކަތްތެރީންގެ މަސައްކަތްތައް ހީނަރުވެފައިވާކަމަށާއި، ސްކޫލް ނިޒާމުގެ ތެރެއިން ވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުުރުން، ނައިބް ރައީސް ވިދާޅުވީ، މިފަދަ މައުރަޒެއްގެ ތެރެއިން ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި، ހުރިހާ އެންމެންވެސް، ހާއްސަކޮށް ދިވެހި ޒުވާނުން މިފަދަ ފަހި ފުރުސަތު ތަކުގެ ބޭނުން ހިފައި، ދިރިއުޅުން އާރާސްތުކޮށް، ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ. އެ މައުރަޒަކީ ދިވެހިރާއްޖޭގެ އިގްތިސާދު ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބޭއްވޭ މައުރަޒެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.