ބައްސާމް އަދީލް ޖަލީލް

ބައްސާމް: ދިވެހި ފުޓްބޯޅައިގެ އެއް ފިތް!

ބައްސާމް އަދީލް ޖަލީލްގެ ވީޑިއޯ އިންޓަވިއު | އަވަސް ވީޑިއޯ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ދިވެހި ފުޓްބޯޅައިގެ ހާއްސަ ނަމެކެވެ، ކުޅިވަރުގެ އާއިލާއަކަށް އުފަންވި ބޭފުޅެކެވެ. ހުރިހާ ގޮތަކުން ކުލަބު ވެލެންސިއާ ގުޅި ލާމެހިފައިވާ އަދީލް ޖަލީލްގެ ބޭފުޅެކެވެ. ބައްސާމް ކުޅިވަރުގެ ތެރެއަށް ނުކުތީ އޭނާގެ ޅަފުރާގަ އެވެ. އެފްއޭއެމްގެ މަގާމަކާ ހަމައަށް ވަޑައިގަތުމުގެ ކުރިން، ބައްސާމް ވެލެންސިއާގެ ވައިސް ޗެއާމަންގެ ގޮތުގައި ވެސް ހުންނެވި އެވެ. އެއީ ފުޓްބޯޅަ އެޑްމިނިސްޓްރޭޝަންގައި ބައްސާމްގެ ފެށުމެވެ. އޭގެ ކުރިޔަށް ކުޅުންތެރިޔެއްގެ ގޮތުގައި ކުލަބު ވެލެންސިއާއަށް ކުޅުއްވި އެވެ. ބައެއް އުމުރު ފުރާތަކުގެ ޖޫނިއާ ނެޝަނަލް ޓީމްތަކުގައި ވެސް ހިމެނި ވަޑައިގަތެވެ. މެލޭޝިއާ އަށް ކިޔަވަން ވަޑައިގަތުމުގެ ކުރިން ވެލެންސިއާއަށް ކުޅުއްވި ނަމަވެސް އެނބުރި ރާއްޖެ ވަޑައިގެން އޭނާ ވެންނެވީ ވެލެންސިއާގެ ހިންގުމުގެ މަސައްކަތުގެ ތެރެއަށެވެ. ތައާރަފަކަށް މިވަރު ފުއްދާލާނީ އެވެ.

ދެހާސް ސާދަ ވަނަ އަހަރު، ފީފާއިން އެފްއޭއެމްއަށް ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގި އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމު ބައްސާމް ލިބި ވަޑައިގަތީ ފީފާއިން އައްޔަން ކުރި ނޮމަލައިޒޭޝަން ކޮމިޓީގެ ފަރާތުންނެވެ. ފަހުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަންވެސް އޭނާ ކުރެއްވި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ ދައުރުގައި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ކަމަށް ބައްސާމް ވަޑައިގެންނެވި އެވެ. އަދި ފަހުން އެފްއޭއެމާއި ފުޓްބޯޅައިގެ ތެރޭގައި އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން ޖެނަރަލް ސެކެޓްރީ ކަމުން ބައްސާމް އެއް ފަރާތަށް ލެވުނެވެ. ނަމަވެސް އެކްސްކޯއިން އެ ނިންމުން ފާސް ކޮށްފައި ނުވުމުން، ބައްސާމް ވަކި ކުރަން ނިންމި ނިންމުން ފީފާއިން ބަލައެއް ނުގަތެވެ. ބައްސާމް އެ މަގާމުން ވަކި ކުރުމާއެކު، އެފްއޭއެމްގައި އުފެދުނު ހިތްހަމަނުޖެހުންތަކާއެކު، އެކްސްކޯގެ ފަސް މެންބަރުން އެއްފަހަރާ އެފްއޭއެމުން އިސްތިއުފާ ދިނުމުން ތޯރިގްގެ މަގާމު ގެއްލި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އެވެ. އަދި ނޮވެންބަރު، 2016 ގައި ބޭއްވި އެ އިންތިހާބަށް ބައްސާމް ކުރިމަތި ލައްވާ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އެ ފަހުން އޭނާގެ ހަތަރު އަހަރުގެ ދައުރު ނިމުމަކާ ހަމައަށްދާއިރު ބައްސާމްގެ ލީޑާޝިޕްގައި ދިވެހި ފުޓްބޯޅައަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްދީފަ އެވެ. އަދި ބައްސާމް ބެލެވިފައި ވަނީ ދިވެހި ފުޓްބޯޅަައިގެ ރީތި އެއް ފިތުގެ ގޮތުގަ އެވެ.

އެފްއޭއެމްގެ ރައީސްކަމަކީ ކުރެއްވި އުންމީދެއް ނޫން

ބައްސާމް ވިދާޅުވާ ގޮތުގައި ކުޅިވަރުގެ އާއިލާއަކަށް އުފައްވުމުން، އަބަދުވެސް ކުޅިވަރަށް ޚިދުމަތް ކުރުމަކީ ކުރާ ހިތްވާ އަދި އުންމީދު ކުރައްވާ ކަމެކެވެ. އެކަން އެގޮތަށް ހިނގަމުން ދިޔަ އެވެ. އޭނާގެ ދުރުމީގެ އެންމެ ދުރު ހިސާބަކަށް އޮތީ ވަރަށް ލޯބިވާ ވެލެންސިއާގެ ރައީސްކަން ކުރެއްވުމެވެ.

"ވެލެންސިއާގެ ރައީސްކަން ކުރެވޭނެ ދުވަހަކަށް އަބަދުވެސް ލުކްފޯވާޑް ކުރިން،" ބައްސާމް ވިދާޅުވި އެވެ. "އެއާ ހިލާފަށް ދިވެހި ފުޓްބޯޅަ އެސޯސިއޭޝަންގެ އެންމެ އިސްވެރިއަކަށް ހުރުމަކީ ދުވަހަކުވެސް އަޅުގަނޑު ދެކެފައިވާ ހުވަފެނެއް ނޫން."

ބައްސާމް ވިދާޅުވި ގޮތުގައި ޝަވީދާއެކު އެފްއޭއެމްގައި މަސައްކަތް ކުރަން އޭނާއަށް ލިބި ވަޑައިގެންނެވި ފުރަސަތަކީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން މަސައްކަތް ފެށުނު ހިސާބެވެ. އަދި އޭނާއަށް ވެސް އެ މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަދެވުނު ހިސާބެވެ.

ބޮޑަށް މަސައްކަތްކުރީ ޑިވެލޮޕްމަންޓަށް

ފާޑު ކިޔުމާއި އަރައިރުންތަކާއެކު އައި ބޮޑު ބަދަލެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ވަޑައިގެންފި އެވެ؛

އޭނާ ވިދާޅުވި ގޮތުގައި އެހާ ހިސާބުން އަމާޒެއްގެ ގޮތުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ފުޓްބޯޅައިގެ ތަރައްގީއަށް ކުރަންޖެފައިވާ އޮތް ކަންކަމުގައި ހިފާށެވެ. ބޮޑަށް ބެއްލެވީ 2008 ވަނަ އަހަރު ސާފު ޗެންޕިއަންޝިޕަށްފަހު އޮތް ހިސާބުން އިތުރު ކާމިޔާބީތައް ހޯދަން ކުރަންޖެހޭ ކަންކަމަށެވެ. އެއީ 2016 ވަނަ އަހަރެވެ. ބައްސާމުގެ ސިކުނޑީގައި ބައިވަރު ކަންކަން ހުއްޓެވެ. އޭގެ ތެރެއިން ޚާއްސަ އެއް ކަމަކީ ބައިނަލްއަގްވާމީ ދަނޑުގައި ދިވެހިން ފަހުރުވެރިވާނެ ކާމިޔާބުތައް ހޯދޭނެ ވަރުގަދަ ޓީމެއް ބިނާ ކުރުމެވެ.

"އެންމެ ބޮޑު އިސްކަމެއް ދެވުނު އެއް ކަމަކީ ކޯޗުން ތަމްރީނު ކުރުން. އެގޮތުުން ވަރަށް ގިނަ އަދަދަކަށް ކޯޗުން ވާނީ ތަމްރީން ކޮށްފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯސްތައް ހިންގުނު... މައިގަނޑު އެ އަމާޒަކީ ދުރު މުސްތަގްބަލަށް ވަރުގަދަ ޓީމެއް ތައްޔާރު ކުރުން، އެހެންވީމަ އަޅުގަނޑު އިސްކަން ދިނީ ޑިވެލޮޕްމަންޓަށް، އަޅުގަނޑު އުފާކުރަން ކުރެވުނު އެ މަސައްކަތަށް،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ކުޅިވަރު ދަނޑުތައް ތަރައްގީ ކުރުމުގެ މުހިންމު މަސައްކަތްތަކެއް ވެސް ބައްސާމް އިސްވެ ހުންނަވައި ފެއްޓެވި އެވެ. އެކަންކަން ފަށަން އެފްއޭއެމުން ތައްޔާރުވި އެވެ. ނަމަވެސް ބައެއް ހުއްދަ ނުލިބުމާއި ތަފާތު ސަބަބުތަކާއި ގުޅިގެން އަމަލީ މަސައްކަތް ނުފެށުނީ އެވެ. ނަމަވެސް ރާއްޖޭގެ 18 ރަށެއްގައި ފުޓްބޯޅަ ދަނޑުތައް ހެދުމުގެ ބޮޑު މަސައްކަތާއި އުންމީދު ބައްސާމު ދޫކޮށެއް ނުލައްވަ އެވެ. އަދި އޮތީ ކުރިއަށެވެ. އެކަމަށް އެފްއޭއެމް ވެސް އޮތީ ތައްޔާރުވެފަ އެވެ. އަތޮޅުތަކުގެ ފުޓްބޯޅަ ވަރުގަދަކުރުމަކީ ވެސް ބައްސާމްގެ ވަރަށް ބޮޑު އަމާޒެކެވެ. އެކަމަށް މިހާރުވެސް ވަނީ ބައެއް އޮޅި ގިރާކޮށްފައެވެ. ބައެއް މަސައްކަތް ވަނީ ފަށާފަ އެވެ.

ކުޅުންތެރިންނާ، ކުލަބުތަކާއެކު އޮތް ގުޅުން

ބައެއް ފަރާތްތަކަށް ހީވެފައި އޮންނަ ގޮތުގައި ކްލަބުތަކާއި، އަދި ކުލަބުތަކަށް ނިސްބަތްވާ ކުޅުންތެރިންނާ، އެފްއޭއެމާ ހާއްސަކޮށް ބައްސާމާ އޮންނަޖެހޭ ގާތް ގުޅުން ވަރަށް ބަލިކައްޓެވެ. ބައްސާމް ވިދާޅުވި ގޮތުގައި ކުލަބުތަކާއި ކުޅިންތެެރިންނާ އެފްއޭއެމާ ގުޅުން ބަރާބަރެވެ. އަދި އޭނާއާ އޮތީ ވެސް ވަރަށް ގާތް އަދި ވަކި ނުވެވޭނެ ގުޅުމެކެވެ. މިހާރުވެސް މަހަކު އެއްފަހަރު އޭނާ ކުލަބުތަކާ ބައްދަލު ކުރައްވައެވެ. އަދި ކްލަބުތަކުގެ އިސްވެރިންނާ ފޯނުން ގުޅުއްވައި ހިޔާލު ބަދަލު ކުރައްވަ އެވެ. އެއީ އޭނާގެ އާދައިގެ ޝެޑިއުލެވެ.

"އަޅުގަނޑާ އަދި އަޅުގަނޑު މަގާމުގެ ހައިސިއްޔަތާ ކުރިމަތިވި އެންމެ ބޮޑު އެއް ކޭހަކީ އަޝްފާގު ގައުމީ ޓީމަށް ކުރިން ނުނެގި މައްސަލަ.... އަޝްފާގަކީ ހަގީގަތުގައި ވަރަށް ކުޑައިރުންސުރެ ގާތް ރަހުމަތްތެރިއެއް. އަޅުގަނޑާ އަޝްފާގުގެ ގުޅުން އޭރުވެސް މިހާރު ވެސް ގޯހެއް ނޫން. ގުޅުން ހަމަ ވަރަށް ރަނގަޅު،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ގަބޫލު ކުރައްވާ ހަމައެއް އޮވެ އެވެ. އެއީ މަގާމުގެ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއް ވެސް ނިންމާނީ ރަހުމަތްތެރި ކަމާއި ގާތް ކަމަށް ނުބަލާ ޕްރޮފެޝަނަލްކޮށެވެ. ކަމެއް ނިންމާއިރު އެއީ ރަހުމަތްތެރިއެއްތޯ ނޫނީ ގާތް ކުލަބެއްތޯ ބައްލަވާކަށް ބައްސާމް ބޭނުންފުޅެއް ނުވެއެވެ. މިސާލެއް ވެސް ބައްސާމް ދެއްވި އެވެ.

އެއީ އޭނާ ވެސް ބައްލަވަން ހުންނަވަނިކޮށް ވެލެންސިއާ ފަސްޓް ޑިވިޝަނުން ރެލިގޭޓްވެގެން ދިއުމެވެ. އޭގެ ސަބަބުން ކުޅިވަރުގެ އާއިލާގެ ވަރަށް ގިނަ ބަޔަކު ބައްސާމަށް ގުޅައި ފަސް ޑިވިޝަންގެ ކުލަބުތަކުގެ އަދަދު އަށަކުން 10 ކަށް އިތުރު ކުރަން އެދުނެވެ. އެކަމަށް ލޮބީ ކުރި އެވެ. އޭރަށް ވެލެންސިއާއަށް ފުރުސަތު ލިބޭނެ އެވެ. ނަމަވެސް ކުލަބު ވެލެންސިއާގެ ލޯބީގައި ކުޅިވަރުގެ ދަނޑަށް ނުކުންނެވި ބައްސާމް އެ ގޮތް ގަބޫލެއް ނުކުރެއްވި އެވެ. އޭނާ އިހުތިޔާރު ކުރެއްވީ ޕްރޮފެޝަނަލް ގޮތާއި އޮތް އުސޫލެވެ.

"އަޅުގަނޑު ދެންނެވިން އެކަން އެގޮތަށް ނުކުރާނެ ވާހަކަ. ވެލެންސިއާގެ ވެސް ފެންވަރު ނެތުމުން ރެލިގޭޓް ވެގެން ދިޔައީ،"

އެފްއޭއެމްގެ ރައީސްކަމުގައި މިހާތަނަށް ހޭދަކުރެއްވި މުއްދަތުގައި އެއްވެސް ކަމެއް އުސޫލުން ބޭރުގައި ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ވަކި ކުލަބަކަށް ވިޔަސް ވަކި ކުޅުންތެރިއަކަށް ވިޔަސް ޚާއްސަ ގޮތެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެ އެވެ.

ސަޕޯޓަރުން ގިނަ، ކާމިޔާބީތައް ވެސް ގިނަ ތާރީހެއް ވެސް އޮތް ނިއުރޭޑިއަންޓް މައްސަލަ އާއި، އަލީ އަޝްފާގުގެ މައްސަލައާއި ގުޅިގެން އާންމުންގެ ތެރޭގައި ފެތުރުނު ގިނަ ވާހަކަތަކާއި ތުހުމަތުތަކުގެ އެއް އަމާޒަކީ ބައްސާމެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެއިން އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނުވެއެވެ. އަދި އަބަދުވެސް ގައުމީ ކޯޗަށް ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތެވެ.

"ހަމަ އެއްވެސް ކަމެއްގައި އަޅުގަނޑުގެ ނުފޫޒެއް ނޯންނާނެ ... ޓެކްނިކަލް ސައިޑުން ނަގާ ކޮންމެ ޑިޒިޝަނަކަށް އެފްއޭއެމާއި އަޅުގަނޑު އިހުތިރާމުކުރަން އަބަދުވެސް... ދެންވެސް،"

އޭނާ ވިދާޅުވި ގޮތުގައި ނިއުގެ ކުޅުންތެރިންނަށް މުސާރަ ނުލިބި ދިގުލައިގެންދިޔަ މައްސަލާގައިވެސް އެފްއޭއެމުން މަސައްކަތް ކުރީ ނިއުއަށާއި ދިވެހި ފުޓްބޯޅައަށް ރަނގަޅަކަށެވެ، އަދި އެކަމަށް އަވަސް ހައްލެއް ހޯދައިދޭށެވެ. އެ މައްސަލާގައި އެޅީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ކުޅުންތެރިންގެ ހައްގުގައި އަދި ކުލަބުތަކުގެ ހައްގުގައި ވެސް މަސައްކަތް ކުރަން އޮތީ އެފްއޭއެމް. އެހެންވީމަ މަސްލަހަތު ހުރި ގޮތުގައި ކޮންމެ ނިންމުމެއް ވެސް އަޅުގަނޑުމެން ނިންމާނީ." ބައްސާމް ވިދާޅުވި އެވެ.

ކްލަބުތައް ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް

ވޭތުވެދިޔަ ދުވަސްތަކުގައި ކުލަބްތައް ހަރުދަނާ ކުުރަން އިސްވެ ނުކުންނަވައި ބައްސާމް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގައުމީ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަން ބޭނުންނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުލަބުތަކުގެ ހިންގުން ހަރުދަނާ ކުރުމެވެ. އެހެންވެ އެ މަސައްކަތް ކުރަންޖެހެ އެވެ. ލީގުތަކުގެ ފެންވަރު ރަނގަޅުވާން އޮތް ބާރަކީ އެއީ އެވެ. އެފަދަ ބަދަލުތައް ގެނައުމުގައި އޭނާ ވަނީ ތަޖުރިބާތައް ކުރެއްވިފަ އެވެ. އެ ގޮތުން ކުޑައިރުން ފެށިގެން ވެލެންސިއާ މެނޭޖްކުރުމުގައި އޭނާގެ ބައްޕަ ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކާއި ވެލެންސިއާއިން ރާއްޖެ ފުޓްބޯޅައާއި ކްލަބު ހިންގުން ބަދަލުކޮށްލި ގޮތް އެނާއަށް ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވަ އެވެ.

"އަޅުގަނޑަށް އެބަ އެނގޭ ކުލަބުތައް ހިނގާގޮތް... އަދި ހިންގަންވާ ގޮތް ވެސް! ހަގީގަތުގައި ކުލަބުތައް ހިންގާ ގޮތުން ކުޅުންތެރިންގެ ފެންވަރަށް އެބަ ބަދަލު އާދޭ... ވަރުގަދަ ޕްރީ ސީޒަނެއް ނުހެދެއްޏާ ކުޅުންތެރިންގެ ފެންވަރު މައްޗެއް ނުވާނެ،"

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ދުވަސްތަކުގައި ކުލަބުތަކުގެ ހިންގުން ހަރުދަނާ ކުރަން އެޅި އެންމެ ދިގު ފިޔަވަޅަކީ ކުޅުންތެރިން ކުލަބުތަކަށް ސޮއި ކުރެވޭނެ މުއްދަތެއް ކަނޑައެޅުމެވެ. އަދި ކުޅުންތެރިންނަށް ދެވޭނެ އުޖޫރައެއް ކަނޑައެޅުމާއި، ކުޅުންތެރިން ކުލަބު ބަދަލު ކުރުމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލުތަކެއް ގެނައުމެވެ.


"ކުލަބަކަށް ކުޅުންތެރިއަކު ސޮއިކުރަންޖެހެނީ ތިން އަހަރަށް، އެހެން ކަމުން އާ ސީޒަން ފެށޭއިރު ރަނގަޅު ޓީމެއް އަބަދުވެސް އޮންނާނެ. ދެން އޮތީ ކުލަބްތަކުން ކުޅުންތެރިންނަށް ދޭ އުޖޫރާއާ ގުޅޭ ގޮތުން ގެނެވުނު ބަދަލު. އަދި ކުޅުންތެރިންނަށް ތިން މަހު މުސާރަ ނުދީފިނަމަ އެގްރީމަންޓް އުވާލުމުގެ ބާރު ކުޅުންތެރިންނަށް ވެސް ދިނުން. މި ގެނެވުނު ހުރިހާ ބަދަލުތަކަކީ މުހިންމު ބަދަލުތަކެއް... މިވަގުތު އެ ހުރިހާ ބަދަލުތަކުގެ އެންމެ ހެޔޮ ނަތީޖާ ނުފެނިދާނެ. ނަމަވެސް އަހަރުތަކެއް ފަހުން މި ހެޔޮ ބަދަލުތަކުގެ ނަތީޖާ އަންނާނެ." ބައްސާމް ވިދާޅުވިއެވެ.

ކުލަބުތަކަށް ދާއިމީކޮށް މާލީ މަންފާ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްވެސް ބައްސާމް ވަނީ ފައްޓަވާފަ އެވެ. ކުލަބުތަކަށް ވިޔަފާރީގެ ތެރެއަށް ވަދެވޭނެ ގޮތްތަކަކީ ކޮބައިތޯ ވެސް ދަނީ ބައްލަވަމުންނެވެ. އޭނާގެ އަމާޒަކީ އަދި ދެ އަހަރެއްހާ ދުވަހުން އެކަން މުޅީން ފުށުން ޖަހާލައި ބަދަލެއްގެ ތެރެއަށް ގެންދިއުމެވެ.

މުހިންމު ކާމިޔާބީތައް

ދެހާސް އަށެއްގެ ފަހުން މިދިޔަ އަހަރު ބޭއްވި ސާފު ޗެންޕިއަންޝިޕް ރާއްޖޭގެ ގައުމީ ޓީމު އުފުލާލުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. އެ ކާމިޔާބު އައީ ބައްސާމް އިސްވެ ރޭވި ޕްލޭންގެ ސަބަބުންނެވެ. ވަރަށް ޒުވާން ކުޅުންތެރިންތަކަކާއެކު ރާއްޖެއަށް ފަޚުރުވެރި ނަމެއް ހޯދައި ދެވުމަކީ އެ ޕްލޭން ރަނގަޅު ކަމުގެ މިސާލަކަށް ފުދެ އެވެ. އައިއޯއައިޖީގައި ފުޓްބޯޅައިން ނާކާމިޔާބު ވިޔަސް ވޯލްޑްކަޕް އޭސިން ކޮލިފައިންގައި ގުއާމް ބަލިކުރުމަކީ ވެސް ގައުމީ ޓީމުން ހޯދި ކާމިޔާބެކެވެ. އަދި ޗައިނާ މެޗުން ބަލި ވިނަމަވެސް ދިވެހި ގައުމީ ޓީމު ކުޅުނެވެ. ތޭރަ އަހަރުންދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޓީމުތައް ހުރީ ބައްސާމާއެކު ރަނގަޅު ދުވެލީގަ އެވެ.

"ގައުމީ އަންހެން ޓީމު ވެސް ދަނީ ބައިވެރިވާ ކޮންމެ މުބާރާތެއްގައި އިތުރު ކުރިއެރުންތައް ހޯދަމުން." ބައްސާމް ވިދާޅުވިއެވެ. -- ގައުމީ އަންހެން ޓީމު ދާދިފަހުން ވަނީ ސިންގަޕޫރުގައި އޮތް މުބާރާތެއްގައި ބައިވެރިވެ ލޯ މެޑައްޔެއް ހޯދާފަ އެވެ.

"ހަގީގަތުގައި ވެސް ވަރަށް ބޮޑަށް އުފާވޭ ޕްރޮގްރެސް ފެނިފައި، ޚާއްސަކޮށް އަންޑަ ނައިޓީން. އަޅުގަނޑަށް ޔަގީން އެއީ ސާފު މުބާރާތް ކާމިޔާބު ކުރެވޭނެ ވަރުގެ ޓީމެއްކަން. އެ ހިސާބަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް." ބައްސާމް ވިދާޅުވިއެވެ.

ގައުމީ ކޯޗުގެ ނިންމުންތަކަށް އިހުތިރާމުކުރަން

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމީ ކޯޗަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ބައްސާމް ވެސް ރަނގަޅު ކޮންމެ ފާޑުކިޔުމަކަށް މަރުހަބާ ވިދާޅުވެ އެވެ. އެހެން ނަމަވެސް މިދިއަ ދުވަސްތަކުގައި ގިނައިން އައީ ރަނގަޅު ފާޑުކިޔުމެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޗް ޕީޓާ ސެގަޓަށް ދިނީ ދެ އަހަރުގެ ޓާސްކެކެވެ. އެއީ ޒުވާން ވަރުގަަދަ ޓީމެއް އެކުލަވައިލުމެވެ. ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސާފުގެ ތަށި ހޯދައި ދިނެވެ. ޒުވާން ވަރުގަދަ ޓީމެއް ބިނާކުރަމުންދާ މަންޒަރާއި ނަތީޖާ ދައްކައި ދިނެވެ. އަނެއް މަސައްކަތަކީ ޑިސިޕްލިން ޓީމެއް އުފެއްދުމެވެ. އެކަމަށް މަގުފަހި ކުރުމަށް ކޯޗް އަޅާ ކޮންމެ ފިޔަވަޅަކަށް އެފްއޭއެމް އިހުތިރާމް ކުރެ އެވެ.

"ކުރިއެރުންތައް ކޯޗް އެބަ ގެނެސްދޭ. އެހެންވީމަ އެކަން އަޅުގަނޑުމެން އެބަ ގަބޫލު ކުރަން ޖެހޭ... އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް ޑިސިޕްލިން ޓީމެއް އުފެއްދުން. ޑިސިޕްލިން ނެތިއްޖާ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ހަގީގީ ފެންވަރު ނެތީ، އަޅުގަނޑު ދެންނެވިން ކޯޗަށް ބުރަކަށީގައި އޮތް ނަމަށް ނުބަލާށޭ. ޓީމު ޑިސިޕްލިން ކޮށް ދޭށޭ."

ސަރުކާރާއި ބައްސާމްގެ ގުޅުން

އެފްއޭއެމުން އަބަދުވެސް ބޭނުންވަނީ ސަރުކާރާއި އެހެން އިދާރާތަކާ އެކުގައި ކުރިއަށްދާށެވެ. ބައްސާމް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވި ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އެފްއޭއެމާއި ކުޅިވަރުގެ މިނިސްޓްރީއާ ދެމެދު އޮތެވެ. މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފަކީ ކުރިންސުރެ ބައްސާމްގެ ގާތް ރަހުމަތްތެރި އެކެވެ. އެ ގުޅުން އަދިވެސް އެބައޮތެވެ.

"ނުތަނަވަސް ކަމެއް ކުރިން އޮތްނަމަވެސް ގުޅިގެން މަސައްކަތް ކުރުން އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ. އަބަދުވެސް ސަރުކާރުގެ އެހީތެރިކަން ބޭނުންވާނެ އަޅުގަނޑުމެންނަށް. އަދި ސަރުކާރާއެކު އަޅުގަނޑަށް ވެސް މަސައްކަތް ކުރެވޭނެ." ބައްސާމް ވިދާޅުވިއެވެ.

ފުޓްބޯޅައަށް ޚިދުމަތްކުރެއްވުމަކީ ބައްސާމްގެ އަބަދުވެސް އުންމީދެވެ. އަބަދުވެސް ކުރައްވާނެ ކަމެކެވެ. ނިމުމެއް ނެތް ކަމެކެވެ. އެހެން ނަމަވެސް އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރެއްވުމާމެދު އަދި މުޅީން ގޮތެއް ނުނިންމެ އެވެ.

"އެކަމަކު ގާތީ އެ އިންތިޚާބުގައި އަޅުގަނޑު ވާދަކުުރުން ... އަދި ކޮންމެ ގޮތަކަށް ކަންކަން ދިމާވި ނަމަވެސް އަމާޒަކީ ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުން،"

ދަނގަޑޭގެ ތައުރީފު ބައްސާމަށް

ރާއްޖޭގެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ދިވެހިން އެންމެ ލޯބިވާ ކުޅިވަރު ޝަހުސިއްޔަތު އަލީ އަޝްފާގު ބުނި ގޮތުގައި ބައްސާމްގެ ލީޑަރުޝިޕްގައި ދިވެހި ފުޓްބޯޅަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ އެވެ. އެފްއޭއެމުން ރަނގަޅު މަސައްކަތް ކޮށްފި އެވެ. އޭގެ ފަހަތުގައި ހުންނެވީ ބައްސާމެވެ.

"އަޅުގަނޑުމެން ދެ މީހުން މިއީ އަންޑާ 16 އަދި 19 އަށް އެކުގައި ކުޅުނު ދެމީހުން. އަދި ފަހުން ވެލެންސިއާއަށް ބަދަލުވިއިރު ކުލަބު ހިންގެވީ ބައްސާމްގެ ބައްޕަ. އެެހެންވީމަ ދެ މީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮވޭ... މިހާރު ބުނެވޭނީ އެއީ ދިވެހި ފުޓްބޯޅައިގެ ވަރަށް ހާއްސަ ނަމެކޭ އަދި ލީޑަރެކޭ،" އަޝްފާގު ބުންޏެވެ.