ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ތާއީދު ހޯދުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ މ. އަތޮޅާއި ފ. އަތޮޅަށް ދަތުރު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕީޕީއެމްއާއި ކޮންގްރަސް ޕާޓީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރަސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މޮންދު) ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީއަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ރައީސް ޔާމީން އަތޮޅުތެރެއަށް އިތުރު ދަތުރުތަކެއް ކުރައްވާނެ ކަމަށެވެ.
އެ ގޮތުން ރައީސް ޔާމީން މާދަމާ ފަށްޓަވާ ދަތުރުފުޅަކީ މ. އަތޮޅުގެ ބައެއް ރަށްރަށާއި ފ. އަތޮޅުގެ ބައެއް ރަށްރަށް ތިން ދުވަހުގެ މުއްދަތަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު އެ ދެ އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ދެ ޕާޓީން ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޔާމީނާއި ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ މި މަހުގެ ކުރީކޮޅު އދ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފަ އެވެ.
އދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މި ސަރުކާރުގެ ގެނައުމަށް ބުރަ މަސައްކަތްތަކެއްް ކުރެއްވި އަދި ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ޖަމީލު ވަނީ ކައުންސިލް އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރަން ޖެހޭނެ ކަމަށާއި ޕީޕީއެމް އަނބުރާ ވެރިކަމަށް އަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.