އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައި އަނިޔާ ކޮށްގެން ސަރުކާރަށް އިތުރުވާނެ ތާއީދެއް ނެތް ކަމަށާއި އެ ގޮތަށް އަމަލު ކުރުމުން ވެސް ތާއީދު އިތުރު ވަނީ ރައީސް ޔާމީނަށާއި އިދިކޮޅު ކޯލިޝަނަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާ އެއްގަ އެވެ، އަދުރޭ ވިދާޅުވީ ސަރުކާރުން ރައީސް ޔާމީނަށް އަނިޔާ ކުރަމުން ދާއިރު، ރައްޔިތުން ބޭނުންވާ ތަރައްގީ ސަރުކާރަށް ގެނެސް ނުދެވޭ ކަމަށާއި ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު ކުޑަވެ، އިދިކޮޅު ކޯލިޝަނަށް ތާއީދު އިތުރުވަމުންދާ ކަމަށެވެ.
"ރައީސް ޔާމީނަށް އޮންނަ ތާއީދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު ދަނީ އެމަނިކުފާނަށް ތާއީދު އިތުރުވަމުން. މި ސަރުކާރުން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ރައީސް ޔާމީނަށް އޮންނަ ތާއީދު ވަނީ އިތުރުވަމުން ދޭ،" އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ޕާޓީއެއް ނޫން ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް އަދުރޭ ރައްދު ދެއްވި އެވެ. އަދުރޭ ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގައި ދިވެހިންނަށާއި ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރަނީ ހަމައެކަނި އިދިކޮޅު ކޯލިޝަނުން ކަމަށެވެ.
"އެމްޑީޕީ އެ ދަންނަ ޑިމޮކްރަސީއެއް އަޅުގަނޑުމެން ނުދަންނަން. އެ ޑިމޮކްރަސީ ދަސް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ވެސް ނޫން. އެ ބޭފުޅުން ދަންނަ ލާމަރުކަޒީއަކީ ލާދީނީ ޑިމޮކްރަސީ. ކެމްޕޭނަށް ދައުލަތުގެ ވަސީލަތް ބޭނުން ކުރުން، އެ އަޅުގަނޑުމެން ބޭނުމެއް ނޫން." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ދެން ވިދާޅުވީ ގައުމު ސަލާމަތް ވާނީ ކައުންސިލްތައް ޕީޕީއެމަށް ދީގެން ކަމަށެވެ. އަދި އޭގެ ފަހަށް ވެސް މަސައްކަތް ނުނިމޭ ކަމަށާއި ކައުންސިލްތައް ކާމިޔާބުކޮށް ޕީޕީއެމް އަލުން ވެރިކަމަށް ގެންނަން މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މާދަމާގެ މުސްތަގުބަލު ބިނާ ކުރެވެން އޮތީ ޕީޕީއެމްއަށް ވެރިކަމާ ހަވާލުވުމުގެ ފުރުސަތު ލިބިގެން. ރައްޔިތުން އެބަ ޖެހޭ ޕީޕީއެމްއަށް މި ފުރުސަތު ހޯދައިދޭން. ޕީޕީއެމްއަށް ހޯދައި ދިނުމަކީ ރައީސް ޔާމީނަށް ހޯދައި ދިނުން." އަދުރޭ ވިދާޅުވި އެވެ.