ޕީޕީއެމް

ޕީޕީއެމްގެ ކެމްޕޭން ފެށީ ގިނަ ބަޔަކު ޖަމާވެ ތިބި ބޮޑު އެއްވުމަކުން

ޖަލު ހުކުމެއް ތަންފީޒު ކުރުމުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި އެ މަނިކުފާނުގެ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗު ކުރަން މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ ޖަލްސާއަށް ގިނަ އަދަދެއްގެ މީހުން ޖަމާވެ، އެ ޖަލްސާގައި ޕީޕީއެމާއި ކޮންގްރެސްގެ ޕާޓީގެ ސިޔާސަތުތައް އިއުލާން ކޮށްފި އެވެ.

"މިއީ މަގޭ ރާއްޖެ" ޝިއާރާއެކު ފެށި ކެމްޕޭން ޖަލްސާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ގެންދަނީ ޖަލްސާގައި ވާހަކަ ދައްކާ މީހުނަށް ޖޯޝާއެކު ތަރުހީބު ދެމުންނެވެ. މިއީ މި ސަރުކާރު އައި ފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ބޮޑު ޖަލްސާ އެވެ.

މުޅި ކާނިވާ ސަރަހައްދު ފުރާލާފައިވާ މިރޭގެ ޖަލްސާގެ ބައިވެރިން ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕޯސްޓަރުތައް ވެސް އުފުލައިގެނެވެ. އަދި ބައިވެރިން ގެންދަނީ ރައީސް ޔާމީން މިނިވަން ކުރަން ވެސް އަޑުހަރުކޮށް ގޮވާލަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ ޗެއާމަން އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ޕާޓީގެ ސިޔާސަތުތައް އިއުލާން ކޮށް ދެއްވާފަ އެވެ. ޕީޕީއެމްގެ ސިޔާސަތުތައް އިއުލާން ކުރަމުން ދިޔައިރު ވެސް ޖަލްސާގެ ބައިވެރިން ދިޔައީ ރައީސް ޔާމީންގެ ފޮޓޯއާއެކު އަޑުމަޑުނުކޮށް ތަރުހީބު ދެމުންނެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައި މައިގަނޑު ފަސް ސިޔާސަތެއް ވެ އެވެ. އޭގެ ތެރޭގައި އިސްލާމް ދީނުގެ ތެރޭގައި މަސައްކަތް ކުރުމާއި ގައުމުގެ މިނިވަން ކަން ދެމެހެއްޓުމަށް ކައުންސިލަރުން މަސައްކަތް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ކައުންސިލަރުން މަސައްކަތް ކުރާނީ ރައީސް ޔާމީންގެ ސަރުކާރުގައި އޮތް އިގްތިސޯދީ ސިޔާސަތުތައް އަލުން ތަންފީޒު ކުރުމަށެވެ. އަދި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަން ގަބޫލުކޮށް އެ ގޮތުގެ މަތިން ޕީޕީއެމްގެ ކައުންސިލަރުން މަސައްކަތް ކުރާނެ އެވެ. ފަހު ސިޔާސަތެއްގެ ގޮތުގައި އިއުލާން ކުރީ ޕީޕީއެމްގެ ކައުންސިލަރުންނަކީ ތަހުޒީބީ ކައުންސިލަރުންގެ ގޮތުގައި ފެނުމެވެ.

މުއާޒު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ޕީޕީއެމްގެ ކައުންސިލްތަކުން ހުރަސް އަޅައި ސަރުކާރަށް
ޖެއްސުން ކުރަމުން ނުދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް ނާޅާނެ. ސަރުކާރަށް ދުއްޕާނެއް ނުކުރާނެ. އެ ކަމަކު ތަރައްގީއަށްޓަކައި ތަރައްގީ ގެންނަން ސަރުކާރަށް ޕްރެޝަރު ކުރަން، މި ފަހަރުގެ ކައުންސިލް އިންތިހާބު އަޅުގަނޑުމެން ބޮޑު ތަނުން" މުއާޒު ވިދާޅުވި އެވެ.

ޖަލްސާގެ ތެރެއިން ވަނީ އަންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ބޭނުން ކުރާ ރަސްމީ ލަވަ ވެސް ލޯންޗުކޮށްފަ އެވެ.

މިރޭ ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކެމްޕޭން ބޮޑު އެއްވުމަކުން ފެށި އިރު ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން މިދިއަ ހަފުތާގައި ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެފައިވަނީ ވަރަށް މަދު ބައެކެވެ. އެކަމާ އެމްޑީޕީއަށް ވަރަށް ބޮޑު ފާޑުކިޔުން އަމާޒުވުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެހެން ދިމާވީ ސަރުކާރުން އުންމީދުތައް ފުރިހަމަކޮށް ދެއްވިފައި ނުވުމުން ކަމަށެވެ.