އިދިކޮޅު ފަރާތްތައް

"އަމާޒަކީ ޔާމީން މިނިވަންކޮށް، އިންތިހާބު ކާމިޔާބު ކުރުން"

މި ފެށުނު 2021 ވަނަ އަހަރު އެންމެ އިސްކަން ދޭނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވާ ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މި ސަރުކާރުން ސިޔާސީ ހުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް އެ ކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ހަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަ ކަމަށްވެސް ބުނެފައިވެއެވެ. އަދި ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަަމަށްވެސް ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެކެވެ،"

މިދިޔަ އަހަރަކީ ދުނިޔެއަށާއި މުޅި ރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިވި އަހަރަކަށްވީއިރު ކޮވިޑް19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރު ވެގެން ދިޔައީ ސަރުކާރުގެ ނާގާބިލްކަމާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށާ މުޅި ނިޒާމު ކޮރަޕްޝަންގެ ހާއްޔަކަށްވެ، ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާފައިވާ ކަަމަށެވެ. އަދި ބޮއްސުންލާފައިވާ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދީ ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ހައްލުކޮށް ދިނުމަށްވެސް ގޮވާލާފައިވެއެވެ.