ހަބަރު

ރެކޯޑް އަދަދަކަށް ހޯދި ހިލޭ އެހީ ކޮބައިތޯ: ސައީދު

އިންފްރާސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) ގެ ފައުންޑިން މެންބަރަކަށް ރާއްޖެ ހެދުމުން، ޖޯކު ޖެހި ބޭފުޅުން މިއަދު އެ ބޭންކަށް ސަލާންޖަހަން ދިއުމުން، މި ސަރުކާރުގެ އެއްވެސް އަމާޒެއް ނެތްކަން ހާމަވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން، ބުދަ ދުވަހު ވަނީ އިންފްރާސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީ ޖަގަތީސާ ޕާންޑިއަންއާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތާބެހޭ ގޮތުން އެ ބޭންކުގެ އިސްވެރިންނަށް މިނިސްޓަރު ޝާހިދު މައުލޫމާތު ދެއްވި އެވެ. އަދި އޭއައިއައިބީ އާއި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރި އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ކުރީގެ މިނިސްޓަރު ސައީދު ވިދާޅުވީ އޭއައިއައިބީގެ ފައުންޑިން މެންބަރަކަށް ރާއްޖެ ހެދުމުން މިހާރުގެ ފޮރިން މިނިސްޓަރާއި މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ޖޯކް ޖައްސަވާފައިވާ ކަމަށެވެ. އަދި މިހާރު އެ ބޭންކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ސަލާންޖެއްސެވުމަކީ މި ސަރުކާރުގެ އެއްވެސް އަމާޒެއް ނެތްކަން ހާމަވާ ކަމެއް ކަމަށެވެ.

ސައީދު ވަނީ ރެކޯޑް އަދަދަކަށް ހޯދި ކަމަށް ބުނާ ހިލޭ އެހީ ކޮބައިތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

އޭއައިއައިބީގެ ފައުންޑިން މެންބަރަކަށް ރާއްޖެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޗައިނާއާ ވަރަށް ޚާއްސަ ގުޅުންތަކެއް ބާއްވަވާފަ އެވެ. އެ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާ ވަރަށް ބޮޑު ކުރި އެވެ.