ޗެމްޕިއަންސް ލީގް

ޑިމާރިއާގެ ދެ ގޯލުން ރެއާލްއަށް ހިތްދަތި ބައްޔެއް

ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ އޭންހަލް ޑީ މާރިއާ ޖެހި ދެ ލަނޑާއެކު ޕީއެސްޖީން 3-0 އިން މޮޅުވެ ރެއާލް މެޑްރިޑް ހިތްދަތި ކޮށްލައިފި އެވެ.

ސަސްޕެންޝަންގެ ސަބަބުން ޓީމުގެ އެންމެ މުހިންމު ދެ ފޯވަޑުން ކަމަށްވާ ނޭމާ ޖޫނިއާ އާއި ކިލިޔަން އެމްބާޕޭ ނުލައި ކުޅުނު ޕީއެސްޖީން ވަނީ މުޅި މެޗުގައިވެސް ރެއާލް އާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. ރެއާލްއިން ޖެހި ދެ ގޯލް ވީއޭއާރުން ބަލައި ނުގަތް ދެ ހަމަލާ ފިޔަވައި ގޯލާ ސީދާ އަމާޒުވާ ގޮތަށް އިތުރު ހަމަލާތަކެއް ރެއާލްއަށް ފޮނުވާ ނުލެވުނެވެ.

އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ހުރިހާ ގޮތަކުންވެސް ޕީއެސްޖީ ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި އެ ޓީމަށް އެ މޮޅު ހައްގު ކަމަށް ޒިދާން ބުންޏެވެ. އޭނާ ބުނީ ރެއާލް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއްވަރެއްގައި އިންޓެންސިޓީ ނުގެންގުޅުން ކަމަށެވެ.

މެޗުގައި ޕީއެސްޖީ ޓީމުގައި ހިމެނޭ މުހިންމު ތިން ކުޅުންތެރިންނަކީ ކުރިން ރެއާލް އަށް ކުޅުނު ކުޅުންތެރިންނެވެ. ފުރަތަމަ ދެ ލަނޑު ޖެހި ޑީމާރިއާގެ އިތުރުން ގޯލްކީޕަރު ކޭލޯ ނާވަސް އާއި ޕަބެލޯ ސަރާބިއާ އަކީ ކުރިން ރެއާލްއަށް ކުޅުނު ކުޅުންތެރިންނެވެ. ރެއާލް އަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގް ހޯދައިދިނުމުގައި ނާވަސް މުހިންމު ދައުރެއް އަދާ ކުރި އެވެ.

އާދިއްތަ ދުވަހު ރެއާލުން ނުކުންނާ އެ ޓީމުގެ ކުރީގެ ކޯޗް ހުލެން ލޮޕެޓެގީގެ ސެވިއްޔާއާ ދެކޮޅަށެވެ. އެ ޓީމުގެ ސާޖިއޯ ރެގޫލެން އާއި ހާވިއާ ހެންޑޭޒް އަކީ ލޯނެއްގެ ދަށުން ކުރިން ރެއާލްއަށް ކުޅުނު ކުޅުންތެރިންނެވެ.