ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެކޮޅަށް އިއްޔެ ކުޅުނު މެޗުން 3-1ގެ ނަތީޖާއަކުން އިޓަލީގެ އޭސީ މިލާން މޮޅުވެއްޖެ އެވެ.
ސްޕެއިންގެ މެޑްރިޑް ސިޓީގައި ހުންނަ ސެންޓިއާގޯ ބަނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އޭސީ މިލާން މޮޅުވުމާއެކު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު 18 ވަނައިގަ އެވެ.
ރެއާލް މެޑްރިޑަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް 17 ވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު މިލާނަށް ކާމިޔާބުކޮށްދިނީ މެޗުގެ 12 ވަނަ މިނިޓްގައި މަލިކް ތިއާއޯ އެވެ. އޭގެ 11 މިނިޓު ފަހުން ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަ ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 39 ވަނަ މިނިޓުގައި އަލްވާރޯ މޮރާޓާ ވަނީ މިލާނަށް ދެވަނަ ލަނޑު ޖަހައިދީފަ އެވެ. މެޗުގެ ތިންވަނަ އަދި ފަހު ލަނޑު މިލާނަށް ކާމިޔާބުކޮށްދިނީ 73 ވަނަ މިނިޓްގައި ތިޖާނީ ރެއިންޑާސް އެވެ.
މި މެޗުން ބަލިވުމާއެކު ރެއާލް މެޑްރިޑް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ. މީގެ ކުރިން ފްރާންސްގެ ލިލް އަތުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި ދާދިފަހުން އެލް ކްލެސިކޯގައި ބާސެލޯނާ އަތުންވެސް ވަނީ 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.