ހަބަރު

ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތަކަށް 200 މިލިއަން ޑޮލަރު ނުލިބި

ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ ތެރެއިން ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުލަތަށް ލިބެންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕޮރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދަށް ވުރެ ބޮޑު އަދަދެއް ސަރުކާރަށް ލިބެން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 91 މިލިއަން ޑޮލަރަށް އަރާކަމަށެވެ.

ނަމަވެސް، ރައީސް މިއަދު ވިދާޅުވި ގޮތުގައި 60 އެއްހާ ރަށް ޓޫރިޒަމް ތަރައްގީއަށް ދޫކޮށްގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް 220 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށެވެ.

"މިހާރު އޮންނަ އުސޫލުގެ ތެރެއިން އަގު ކުރީމާ، އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 220 މިލިއަން ޑޮލަރު އޭގެ އަގުގެ ގޮތުގައި އެބަ އަރާ. އެއީ އަދި ދޫކޮށްފައިހުރި ފަޅުތައް ނުހިމަނައި. އެހެންވީމާ އެ ރަށްތައް ދޫކުރި ފަރާތްތަކުން ދެއްކި ކަމަށް އެ ބުނާ 91 މިލިއަން ޑޮލަރު ކެނޑީމަވެސް އަދި އެ ފަރާތްތަކުން ސަރުކާރަށް ދައްކަން އެބަ އޮތް 128 މިލިއަން ޑޮލަރު،" ރައީސް ތަފްސީލްކޮށްދެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ދޫކޮށްފައިހުރި ރަށްތައް ދޫކޮށްފައިވަނީ ހަމައަގުގައި ނޫންކަން ހާމަވެފައިވާތީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓް ފައިނަލްވުމާއެކު، އެ ރަށްތަކަށް ލިބެންޖެހޭ ހަމައަގު ހޯދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިހާރުވެސް އެގްރީމަންޓް ބާތިލުކުރެވޭނެ ރަށެއްވާނަމަ އެކަން ވެސް ކުރަމުން ގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ ދެ ދުވަސް ކުރިން ވެސް އަޅުގަނޑުވާނީ އޭގެ އެއް އެގްރީމަންޓް ބާތިލުކޮށްފައި،" ސޯލިހު ހާމަކުރެއްވި އެވެ.

ނަމަވެސް، ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ބައެއް ރަށްތައް މިހާރު ހުޅުވައިގެން އޮޕަރޭޓް ކުރަމުންދާއިރު އަނެއް ބައި ރަށްތަކުގެ މަސައްކަތް ކުރިއަށްދާތީ، އެގްރީމަންޓް ބާތިލްކުރުން ފަދަ ފިޔަވަޅެއް އެޅުމަކީ ފަސޭހަކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވި އެވެ.

"މިކަމާދޭތެރޭ ފިޔަވަޅެއް އަޅާއިރު އަޅުގަނޑުމެން ވަރަށް ވިސްނަންޖެހޭ. ރަށްތަކެއް ކުއްޔަށް ނަގައިގެން ހަދަމުންދާ ރަށްތަކެއްގެ ވާހަކަ މި ދެންނެވީ. އަދި އޮޕަރޭޝަންގައި ހުރި ރަށްތަކެއްގެ ވާހަކަ. އެހެންވީމާ ރާއްޖޭގައި އިންވެސްޓާ ކޮންފިޑެންސް ނުގެއްލޭ ގޮތަށް ސަރުކާރުން ހައްލެއް ހޯދަންޖެހޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.