ހަބަރު

ބޮޑު ހިޔާނާތާ ގުޅޭ އިތުރު ފަސް މައްސަލަ ދައުވާއަށް ފޮނުވަނީ

Jul 23, 2020
2

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅޭ އިތުރު ފަސް މައްސަލައެއް ކުރިއަށް ދެ ހަފްތާއެއްގެ ތެރޭގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ އެމްއެމްޕީއާރުސީ ތެރެއިން ހިންގި ހިޔާނާތަކީ މާޒީން ފިލާވަޅު ލިބިގަނެގެން، ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ހިޔާނާތް ހިންގިއިރު ދައުލަތުގެ މުޅި ސިސްޓަމް ފެއިލްވެފައިވާ ކަމަށެވެ.

އެގޮތުން، އެކަމުގައި ދައުލަތުގެ ބާރެއްވެސް އަދި މުއައްސަސާއެއްވެސް އިސްތިސްނާނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަސްއަދު ވިދާޅުވީ ކޮމިޝަނުން ހިންގި ތަހުގީގުން އެނގުނީ ރާއްޖޭގެ އެންމެ އަގުބޮޑު މުދާ ނުހަމަގޮތުގައި ބޭނުންކޮށްފައިވާ ކަން ކަމަށާއި އަދި އެއީ ޕްލޭން ކޮށްގެން، އެތައް ބަޔަކު ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.

އެގޮތުން، އެ ހިޔާނާތް ހިންގުމަށް ބޭނުންކުރި އަމިއްލަ ކުންފުންޏެއްކަމަށްވާ އެސްއޯއެފް ކުންފުނިން ފައިސާ ލިބުނުކަމަށް 155 ފަރާތެއްގެ ނަން އޭސީސީން އާއްމުކޮށްފައިވީ ނަމަވެސް، މިހާރު އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފައިވާކަމަށްވެސް އަސްއަދު ވިދާޅުވި އެވެ.

"މިހާރު އެ އަދަދު ހުރީ 300 އަށް ވުރެ މަތީގައި. އެކަމަކު މީގެ ދެ ހަފްތާ ފަހުން އެ އަދަދު އަނެއްކާވެސް އިތުރުވެދާނެ. އިތުރުވަނީ، އަޅުގަނޑުމެން މި މައްސަލަ ބަލަމުންދާ ވަރަކުން އެ ލިސްޓަށް އިތުރު ނަންތައް ވަންނަމުންދާތީ،" އޭނާ ތަފްސީލުކޮށްދެއްވި އެވެ.

އަސްއަދު އިތުރަށް ވިދާޅުވީ، އެ ހިޔާނާތާ ގުޅިގެން، ތުހުމަތުކުރެވޭ 300 ފަރާތްތައް އޭސީސީ އާއި، ފުލުހުންނާއި ބަންޑާރަ ނައިބުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލާ ގުޅިގެން، ގިންތި ކުރެވިފައިވާ ކަމަށެވެ. އޭގައި ބަލާފައިވަނީ، އެ މީހަކު އެ ވަގުތު ހުރި މަގާމެއްގެ އިތުރުން، ފައިސާ ލިބުނު އަދަދާއި ހެކި ހުރި މިންވަރުގެ މައްޗަށްކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިހާރުވެސް ދައުވާކުރުމަށް ދެ މައްސަލައެއް ފޮނުވާފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިތުރު ފަސް މައްސަލަ ދައުވާކުރަން ފޮނުވާނެކަމަށް އަސްއަދު މިއަދު ހާމަކުރެއްވި އެވެ.

"އެ ކޭސްތައް ފޮނުވީމާ، ހާމަވެގެންދާނެ މި ކޮމިޝަނުން މަސައްކަތް ކުރަނީ މިނިވަންކަމާއެކު، ވަކި މީހަކަށް އަދި ވަކި ކުލައަކަށްވެސް ބެލުމެއްނެތިކަން،" އޭނާ ވިދާޅުވި އެވެ.

އެ ވާހަކަ އިޝާރާތްކުރެއްވީ، މި ސަރުކާރުގެ ބޭފުޅެއް ހިމެނޭކަމަށްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް، އެ މައްސަލަތުގައި ހިމެނޭ ފަރާތްތަކެއް އަސްއަދު ހާމަކުރައްވާފައެއް ނުވެ އެވެ.

އަސްއަދު ވިދާޅުވީ ކުރީ ސަރުކާރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް 37 ރަށާއި 12 ފަޅު ދޫކޮށްފައިވަނީ ގާނޫނާ ހިލާފަށް ނުއަގުގައި ކަމަށެވެ.

އަދި ފަޅުތައް ނުހިމަނައި، ރަށްތަކުގެ އަގުތަކަށް ބަލާއިރު 3.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި ފަޅުތައް އަގުކުރާނެ ވަކި ގޮތެއް ކަނޑައެޅިފައިނެތަސް އޭގެ އަގު ހިމަނައިފި ނަމަ ދައުލަތަށް ވަންނަން ޖެހޭ ވަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ތެރެއިން އެ ރަށްތަކާއި ފަޅުތައް ދޫކޮށްގެން 77 މިލިއަން ޑޮލަރު ދައުލަތަށް ގެއްލުންވެފައިވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް، އަސްއަދު ވިދާޅުވީ އެއީ ނުއަގުގައި އެ ރަށްތައް ވިއްކައިގެން ލިބުނު އަދަދު ކަމަށެވެ. އެހެންކަމުން، އެ ހިޔާނާތުގެ ތެރެއިން ދައުލަތަށް ލިބުނު ހަގީގީ ގެއްލުން އެތައް ގުނައެއް އިތުރުވާނެކަމަށް އަސްއަދު ފާހަގަކުރެއްވި އެވެ.