ހަބަރު

ހިޔާނާތުގެ ފައިސާ ރައީސް ސޯލިހަށް ލިބުނުކަން ފާހަގައެއްނުވޭ

Jul 23, 2020
8
ރައީސް ސޯލިހު މީގެ ކުރިން އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވަނީ. -- ފައިލް ފޮޓޯ
0%
0%
0%

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ އެއްވެސް ފައިސާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވިކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް އެމަނިކުފާނު އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރިޝްވަތުގެ ގޮތުގައި ރައީސް ސޯލިހަށް 37 މިލިއަން ރުފިޔާ ދެއްވިކަމަށް ބައެއް މީޑިއާތަކުގައި މިދިއަ އަހަރުގެ ތެރޭގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އެ ތުހުމަތު އިދިކޮޅު ޕީޕީއެމުންވެސް ކުރި އެވެ.

ނަމަވެސް، ރައީސް އޮފީހުން ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ރައީސް ސޯލިހާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ބަލަމުންނުދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް މިދިއަ އަހަރު ވަނީ ބުނެފަ އެވެ.

އެސެޓްސް ރިކަވަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅުވައިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ރައީސް ސޯލިހާ ގުޅިގެން އެފަދަ އެއްވެސްކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

"މިދެންނެވީ، [ހިޔާނާތުގެ] ފައިސާ ދައުރުވި ގޮތާއި، އަދި އެއްވެސް ފަރާތެއް ހެކި ބަހުންވެސް، އެފަދަ ފައިސާއެއް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވިކަމުގެ އެއްވެސް އިޝާރާތެއްވެސް ލިބިފައެއްނުވޭ،" އަސްއަދު ވިދާޅުވި އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910