ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބެލުމުގައި ސަރުކާރު ފެއިލްްވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ ކުރީ ސަރުކާރުތަކުން ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސްޓް ރިކަވަރީ ކޮމިޝަން މިއަދު އުވާލުމާއި ގުޅިގެންނެވެ.
އެކަމަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ ހާއްސަ ކޮމިޝަނެއް އުފައްދައިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބަލައި އެފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ރަައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެ ވައުދު ވިއްކަވައިގެން ކަމަށެވެ.
"ތިން އަހަރުވީއިރުވެސް އެ ވައުދު ނުފުއްދުނު. އެކަން ބެލުމަށް މި ސަރުކާރު ފެއިލްވެއްޖެ،" އުޝާމް ވިދާޅުވިއެވެ.
އެސްޓް ރިކަވަރީ ކޮމިޝަނަކީ ޖަނަވަރީ، 1 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ނަމުގައި އުފެއްދި ކޮމިޝަނެކެވެ.
އެ ކޮމިޝަން ރައީސް ސޯލިހް އުފެއްދެވީ ވެެރިކަމުގެ ފުރަތަމަ ދުވަހު ނޮވެންބަރު 17، 2018 ވީ ހޮނިހިރު ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 14/2018 އިން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު އުވާލައްވާފައިވާ ކަމަަށެވެ.
މި ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުފައްދާފައިވާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް މިދިޔަ އަހަރުގެ ނިޔަލަށް 15.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މި ދެ ކޮމިޝަނަށް ކުރި ހަރަދުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ހަަރަދެއް ކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށެވެ. އެގޮތުން 2018 އިން ފެށިގެން މިދިޔަ ނޮވެމްބަރުު މަހުގެ ނިޔަަލަށް އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށް 9.1 މިލިއަން ރުފިޔާ އަދި މަރު ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށް 4.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މިއަދު އުވާލި އެސެޓް ރިކަވަރީ ކޮމިޝަނަށެވެ. އެ ކޮމިޝަނަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.