ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކައަކީ މިސަރުކާރުން ހަމައެކަނި ނަމަކަށް ދައްކާ ވާހަކައެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި އަލަށް އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެއް މުއައްސިސް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުންނަށް ދައުވާކޮށްދިނުމަށް އޭސީސީން އެދިފައިވީ ނަމަވެސް އެ ބޭފުޅުންނަށް ފިޔަވަޅު އަޅާނީ ދައުވާ އުފުލުމުން ކަމަށް ސަރުކާރުން މިއަދު ބުނި ބުނުމަށް އިޝާރާތް ކުރައްވައެވެ.
މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް 68 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކުރަނީ އެމަސައްކަތުގެ ބިޑް ކޮމިޓީގެ މެންބަރުންނަށެވެ.
އެކޮމިޓީގައި ތިއްބެވި ޓްރާންސްޕޯޓްގެ ދެ ޑެޕިއުޓީ މިނިސްޓަރުންނަކީ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްޣަނީ އެވެ. ބިޑް ކޮމިޓީގައި ހިމެނޭ އެހެން ބޭފުޅުންނަކީ އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމް އާއި މަރިޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާ އެވެ.
ބިޑް ކޮމިޓީގައި ހިމެނޭ ހުރިހާ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.
އުޝާމް ވިދާޅުވީ އޭސީސީއިން މި މައްސަލަގެ ތަހުގީގު ނިންމާ ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވިފަހުން ދެ ދުވަސްވީއިރު ތުހުމަތު ކުރެވޭ ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަދިވެސް ތިބީ މަގާމުގައި ކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކަ އަކީ މި ސަރުކާރުން ހަމައެކަނި ނަމަކަށް ދައްކާ ވާހަކައެއް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
އޭސީސީ އިން ނިންމި މައްސަލައަކާ ގުޅިގެން ޕީޖީއިން ގޮތެއް ނިންމުމުގެ ކުރިން ވަޒީރަކު ސަސްޕެންޑްކޮށްފައި ހުންނަތާ ހަތަރު މަސްވެފައިވާކަން ފާހަގަކުރައްވާ މި މައްސަލާގައި ޕީޖީން ގޮތް ނިންމުމުން ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނާތީވެސް އުޝާމް ފާޑުވިދާޅުވިއެވެ.
"އެއްބާވަތުގެ ކަންކަމުގައި ގޮތް ނިންމުމުގައި ހަމަހަމަ ކަމެއް އިންސާފުވެރި ކަމެއްވެސް ނެތް،" އުޝާމް ވިދާޅުވިއެވެ.
އުޝާމް އެ އިޝާރާތް ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަގާމުން އެކަހެރި ކުރައްވާފައިވާ ކުރެއްވުމަށެވެ. މަގާމުގެ މަސްއޫލިއްޔަތުން މަހުލޫފް އެކަހެރި ކުރައްވާފައިވާ 115 ދުވަސް ވަނީ ވެފައެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކަ އަކީ މި ސަރުކާރުން ހަމައެކަނި ނަމަކަށް ދައްކާ ވާހަކައެއްއަހުމަދު އުޝާމް | މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެއް މުއައްސިސް
ދެ ޑެޕިއުޓީ މިނިސްޓަރުންނަށް ފިޔަވަޅު އަޅާނެތޯ ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ސަރުކާރުގެ އާންމު އުސޫލަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް ޕީޖީ ގޮތެއް ނިންމަވާ ދައުވާ ކުރެއްވުމުން ފިޔަވަޅު އެޅުން ކަމަށެވެ.
"[އެގޮތަށް އަމަލުކުރަނީ] އެއީ ޕީޖީ އަށް ފޮނުވުމުން ގޮތެއް ނިންމެވުމާ މެދު ބައެއް ފަހަރު ވަރަށް ގިނަ ދުވަސްތައް ފާއިތުވެގެންދާތީ. މިހެން ދެންނެވިޔަސް މައްސަލައެއްގެ ބާވަތާ ހާލަތަށް ބަލައި އަމަލުކުރާ ގޮތް ތަފާތުވެސް ވުމަކީވެސް އެކަށީގެންވާ ކަމެއް،" މަބްރޫކް ވިދާޅުވި އެވެ.