އަހުމަދު އުޝާމް

ސަރުކާރުން ހިޔާނާތުގެ ވާހަކަ ދައްކަނީ ސިޔާސީ ފައިދާއަށް: އުޝާމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އަކީ މި ސަރުކާރުންނާ އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކަމުންދާ ވާހަކަތަކެއްކަން އެނގިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ރޭ އޮތް ބަހުސްގައި އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ދެއްކެވި ވާހަކަތަކަަކަށް އިޝާރާތް ކުރައްވައެވެ. ބަހުސްގައި ފައްޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރި ކަމަށް ބުނާ ބޭފުޅުންގެ ސައްހަ ލިސްޓެއް އެބައޮތް ކަމަށެވެ. އެ ލިސްޓް ކަމަށް ބުނެ މަޖިލީހުން އާންމުކުރި ލިސްޓަކީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށް ވިދާޅުވިއެވެ.

އެ ލިސްޓްގައި ހިމެނޭ އެތައް ބަޔަކު އުނިކޮށްފައިވާ ކަމަށާ ސައްހަ ލިސްޓް ނެރުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަންތައް އުނިކޮށްފައި ރައްޔިތުންގެ މަޖިލީހުން ނެރެނީ. ހަގީގީ ލިސްޓު އަދި އަޅުގަނޑުމެން ނެރޭނަން،" ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒް ފަހްމީ ހިމެނިވަޑައިގަންނަވާ ކޮމެޓީން އާންމުކުރި ލިސްޓަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ އެކަމުންވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އަކީ މި ސަރުކާރުންނާ އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކަމުންދާ ވާހަކަތަކެއްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރަމުންދާ ކަމަކީ އެބަޔަކު ބޭނުންވާ ނަންތަކެއް ހިމަނައިގެން ލިސްޓް ނެރެއްވުން ކަމަށް ވިދާޅުވިއެވެ.

"އިންސާފުވެރިކަމާއެކު މައްސަލަ ބަލައި ގެއްލުނު ރައްޔިތުންގެ ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް މިސަރުކާރުގެ ނެތް،" އުޝާމް ވިދާޅުވިއެވެ.

ހިޔާނާތުގެ ބައިވެރިންގެ ލިސްޓް އެބައޮތް ކަމަށް ވިދާޅުވެ އެ ލިސްޓް އާންމު ކުރައްވަން ޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދެއްވާފައެވެ. އެކަމާއި ގުޅިގެންވެސް އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަން ބެލުމުގެ ނަމުގައި ކޮމިޝަނެއް އުފައްދާ ދައުލަތުން ވަނީ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކޮމިޝަނަށް ހަރަދުކޮށްފައެވެ. އެއްވެސް ނަތީޖާއެއް ނުނެރެވި ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް ރައީސް ސޯލިހް ވަނީ ކުއްލި ގޮތަކަށް އެ ކޮމިޝަން އުވާލައްވާފައެވެ.