އަހުމަދު އުޝާމް

ޖީއެސްޓީ ބޮޑުކުރުން؛ ސިންގަޕޫރާއި ގުޅުވާތީ ރައްދެއް

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާ ނިންމުން ދިފާއު ކުރުމުގެ ގޮތުން އިގްތިސާދީ ގޮތުން ވަރުގަދަ ސިންގަޕޫރުންވެސް ޖީއެސްޓީ ބޮޑު ކުރަން ނިންމާފައިވާ ނިންމުމާއި އަޅާ ކިޔާތީ ވިލިމާލެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެންއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް އެކަމަށް ރައްދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީސް ހުޅުވެންވާއިރަށް އެ އިސްލާހުތައް ގާނޫނަށް ގެންނަން ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އެ ބަދަލުތައް ގެނައުމެވެ.

ޖީއެސްޓީ ބޮޑުކުރަން ނިންމައިފިނަމަ މުދަލާއި ހިދުމަތްތަކުގެ އަގު އަނެއްކާވެސް އުފުލިގެން ދާނެ އެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވުމުން މި ދަނޑިވަޅުގައި ސިންގަޕޫރު ފަދަ ދުޅަހެޔޮ އިގްތިސާދެއް އޮތް ގައުމުތަކުންވެސް ޖީއެސްޓީ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ބުނެ ސަރުކާރުގެ އެެ ނިންމުން ބައެއް ފަރާތްތަކުން ދަނީ ދިފާއު ކުރަމުންނެވެ.

އެކަމަށް ރައްދު ދެއްވާ އުޝާމް ވަނީ ސިންގަޕޫރުން އެފަދަ ފިޔަވަޅު އަޅަމުންދާ ގޮތާއި ރާއްޖެއިން ފިޔަވަޅު އަޅަމުންދާ ގޮތާ ވަރަށް ތަފާތު ކަމަށް ވިދާޅުވެ މިސާލު ދައްކަވާފައެވެ. އުޝާމް ވިދާޅުވި ގޮތުގައި ސިންގަޕޫރު ސަރުކާރުން ޖީއެސްޓީ ބޮޑު ކުރަން ނިންމާފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެ ގައުމުގައި މިހާރު ނަގަނީ ހަ އިންސައްތައިގެ ޖީއެސްޓީ އެކެވެ. އަދި އަންނަ އަހަރު އެ އަދަދު 8 އިންސައްތައަށް ބޮޑު ކުރަން ވަނީ ނިންމާފައެވެ. ނުވަ އިންސައްތާގައި ޖީއެސްޓީ ނަގަން ފަށާނީ 2024 ވަނަ އަހަރު އެވެ.

އުޝާމް ވަނީ މީގެ ފަސް އަހަރު ކުރީން 2018 ވަނަ އަހަރު އެ ގައުމުގެ ސަރުކާރުން ޖީއެސްޓީއަށް ބަދަލުތަކެއް ގެންނަން ނިންމާ އެކަން އިއުލާނު ކުރައްވާފައިވާ ކަމަށް ވިދާޅުވެވައެވެ.

"އެއީ ކަންކަން ދިރާސާކޮށްގެން ރޭވުންތެރިކަމާއެކު ކުރާ ގޮތް،" އުޝާމް ވިދާޅުވިއެވެ.

އާންމުންގެ އަތުން ޓެކްސް ނެގުން އިތުރު ކުރަން ނިންމުމާއި ގުޅިގެން އެމްޑީޕީގެ މަޖިލީސް މެންބަރުންވެސް ގެންދަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައީސް ނަޝީދުވެސް ވަނީ މިއީ ޓެކްސް އިތުރު ކުރަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އިގްތިސާދީ ހާލަތާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

ސަރުކާރުން މި ފަހަކާ ޖެހެންދެން ބުނަމުން އައީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ގޮތުގައި މެނޭޖު ކުރެވޭނެ ކަމަށެވެ. އަދި ދަރަނި ދެއްކުމާއި އެ ނޫން ކަންކަމުގައިވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރަން ނިންމުމުން ސިޔާސީ ވެރީންނާއި އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ އާއި ސިޔާސީ މަސައްކަތްތަކަށް ކުރަން ޖެހޭ ހޭދަ ކުޑަ ނުކުރެވޭ ކަމަށް އާންމުން ދެކެއެވެ.