އަހުމަދު އުޝާމް

އިގްތިސާދީ ހާލަތު މެނޭޖްކުރުމުގައި ސަރުކާރު ނުކުޅެދިއްޖެ: އުޝާމް

އިގްތިސާދީ ހާލަތު މެނޭޖްކުރަން ސަރުކާރު ނުކުޅެދިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާތައް ފަށާފައިވާ ކަމަށް ވާހަކަ ދެކެވޭތާ ދެތީން ދުވަސް ވެއްޖެ އެވެ. ސަރުކާރުން އެކަން މިއަދު ވަނީ ޔަގީން ކޮށްދީފައެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ރައްޔިތުންގެ މަޖިލީސް ހުޅުވެންވާއިރަށް އެ އިސްލާހުތައް ގާނޫނަށް ގެންނަން ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އެ ބަދަލުތައް ގެނައުމެވެ.

ޖީއެސްޓީ ބޮޑުކުރަން ނިންމައިފިނަމަ މުދަލާއި ހިދުމަތްތަކުގެ އަގު އަނެއްކާވެސް އުފުލިގެން ދާނެ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ އުޝާމް މިރޭ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ފޫބައްދަން ޖީއެސްޓީ ބޮޑުކުރަން ނިންމި ކަމަށް ސަރުކާރުން މިއަދު އިއުލާނު ކުރިއިރު މީގެ މަހެއް ކުރިން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅި ރިސޯޓުތަކުގެ ބިމުކުލި ކުޑަކުރަން ކަމަށެވެ. މިކަމުންވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މެނޭޖު ކުރަން ސަރުކާރު ނުކުޅެދިފައިވާ މިންވަރު ހާމަވާ ކަމަށް ވިދާޅުވިއެވެ.

ރިސޯޓް ބިމު ކުލި ކުޑަކުރަން ސަރުކާރުން ހުށައެޅުމަށް ފަހު އެކަމަށް ފާޑުކިޔުން އަމާޒުވުމުން އެ ނިންމެވުން އަނބުރާ ގެންދިޔައީ އެވެ.