އިގްތިސޯދު

ރާއްޖޭގެ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް 100 ބިލިއަނުން މައްޗަށް

ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އަމީރު އުފަލުން ފޮޅިއްޖެ އެވެ.

ތާރީހީ މި ކާމިޔާބީއާ ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިމާވަމުންދާ އެތައް ގޮންޖެހުންތަކަކާ އެކުވެސް ހޯދުނު ކާމިޔާބީން ދައްކައިދެނީ އިގްތިސޯދީ ގޮތުން ސީދާ ރާސްތާ އެއްގައި ކުރިއެރުން ހޯދުމަށް ސަރުކާރުން އެކުލަވާލި ހަރުދަނާ އިގްތިސޯދީ ސިޔާސަތުގެ ކާމިޔާބީ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ މެއި މަހުގެ މެކްރޯ އިކޮނޮމިކް އަޕްޑޭޓްގެ ބައެއް ތަފާސްހިސާބުތަކާ އެކު އަމީރު ކުރެއްވި ޓްވީޓެއްގައި ފަތުރުވެރިކަމުގެ ދާއިރާ އިން ހޯދާފައިވާ ބޮޑު ކުރިއެރުމާ ގުޅިގެން އެހެން ދާއިރާތަކަށް ލިބިގެންދިޔަ ކުރިއެރުމާއެކު ރާއްޖޭގެ ރިއަލް ޖީޑީޕީ ނުވަތަ އިގްތިސާދީ ކުރިއެރުން މިއަހަރު މިހާރު މައްޗަށް ޖެހިލާފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ހުންނާނެ ކަމަށް ކުރިން ލަފާކުރީ 7.6 ޕަސަންޓްގަ އެވެ. ނަމަވެސް އިގްތިސާދީ އެކި ދާއިރާތަކަށް އަންނަ ހެޔޮ ބަދަލުތަކާ އެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ނިމޭއިރު ހުންނާނީ 9.4 ޕަސަންޓްގައި ކަމަށް ފިނޭންސް މިނިސްޓްރީން މިހާރު ލަފާކުރެ އެވެ.

"އިގްތިސޯދީ ކުރިއެރުން މެދު ރާސްތާއެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައާއި އަދި މިދިޔަ އަހަރު ޗައިނާ ބަންދުކޮށްފައި އޮތް ނަމަވެސް ރައްޖެއަށް މިދިޔަ އަހަރު އައި ފަތުރުވެރިންގެ އަދަދު 26.7 ޕަސަންޓަށް ވަނީ އިތުރުވެފަ އެވެ. މިއީ 2021 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ އިތުރު އަދަދެކެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން މިއަހަރުވެސް މައްޗަށް ދާނެ ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިހާރުވެސް 17.5 ޕަސަންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު އަމީރު މިއަދު ވަނީ މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރި ފަތުރުވެރިންގެ އަދަދު -- 1.8 މިލިއަން ފަތުރުވެރިންގެ އަދަދު މައްޗަށް ޖެހިލައި އެ އަދަދު 1.9 މިލިއަން ފަތުރުވެރިންނަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ. މިބަދަލު އަންނަނީ ރާއްޖެއަށް ލިބޭ އިގްތިސާދީ ކުރިއެރުންތަކާ އެކު ރާއްޖެއަށް އިތުރު އެއާލައިންތަކުން މިއަހަރު ދަތުރުކުރާނެތީއާއި ޗައިނާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑްގެ ކުރީގެ ހާލަތާ އެއްވަރަކަށް މިއަހަރު މައްޗަށް ދާނެ ކަމަށް ބެލެވޭތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.