ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ އަދަދަކީ ސަރުކާރުގެ ލަފާކުރުންތަކަށް ވުރެ މަތީ އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައި މިވަނީ ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ހަލުވިކޮށް ކުރިއަރައިގެން ދާނީ ރާއްޖޭގެ އިގްތިސޯދު ކަމަށް ބުނެފައިވާތީ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މިއަހަރު ރާއްޖޭގެ އިގްތިސޯދު 8.2 އިންސައްތަ އިން ކުރި އަރާނެ އެވެ. މިއީ މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އިންސައްތައަށް ވުރެ ދަށް އަދަދެއް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު ރާއްޖޭގެ އިގްތިސޯދަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ކުރި އަރާނެ އިގްތިސޯދު ކަމަށްވެސް ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އިންސައްތައަށް ވުރެ މިހާރު ދަށްވެގެން ގޮސްފައިވަނީ ކޮވިޑަށްފަހު އިގްތިސޯދުތަކަށް އައި ބޮޑު ކުރިއެރުމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސް އާންމު ހާލަތައް ރުޖޫއަވަމުން ދާތީ ކަމަށެވެ.
ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ ސަބަބެއް ކަމުގައި ރިޕޯޓުގައި ބުނެފައިވަނީ ފަތުރުވެރިން ޒިޔާރާތް ކުރާ މިންވަރު މަތިވުމާއި އުމްރާނީ ތަރައްގީއަށް ރާއްޖެއިން ހޭދަ ކުރާ މިންވަރު ގިނަވެ ތަރައްގީވަމުން ދާތީ އެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ވޯލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި މިދިޔަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ 7.6 އިންސައްތަ އިން 12.4 އިންސައްތައަށް މަތިކޮށްފައި ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި 8.2 އިންސައްތަ އިން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރި ނަމަވެސް އެ އަންދާޒާ އަކީ ދިވެހި ސަރުކާރާ އަދި އެމްއެމްއޭގެގެ އަންދާޒާތަކަށް ވުރެ މަތީ އަދަދެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ 7.6 އިންސައްތައިގެ ބާރު ދުވެލީގަ އެވެ.