ޑރ. މުހައްމަދު ޝަފީގު

ބަދަލުތައް ގެނައުމުގެ "ގަޓް" އެބަހުރި: ޑރ. ޝަފީގު

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ "ގަޓް" އެބަހުރި ކަމަށާއި އިސްލާހީ ބަދަލުތައް ގެނައުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ފިނޭންސް މިނިސްޓްރީ ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި "ސްކޭލިން ބެކް އެންޑް ރީ-ބިލްޑިން ބަފާސް" ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރޭ ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ޝަފީގު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް މިދިޔަ އަހަރު އަންނާނެ ކަމަށް ލަފާކުރި ކުރިއެރުން އައިސްފައި ނުވާ ކަމަށެވެ. އެގޮތަށް ދިމާވީ ސަރުކާރުގެ ތެރެއިން އިގްތިސާދީ ބަދަލުތައް ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާތީ ކަމުގައި ވިދާޅުވި އެވެ.

"އެެކަމަކު މިހާރު [މިސަރުކާރުން] މިދަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެ އެކަން ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވި ގޮތުގައި އިގްތިސާދީ ބަދަލުތައް ގެނެވޭނީ ހަގީގީ މާނައިގައި އަޅާ ފިޔަވަޅުތަކެއްގެ ތެރެއިންނެވެ. އެގޮތުން ސަރުކާރުގެ ހަރަދުތައް މިހާރަށް ވުރެ ބޮޑަށް ކުޑަކުރަން ބާރު އަޅަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އާސަންދަ ހަމަޖައްސައިދޭ އުސޫލާއި ސަބްސިޑީ ދޭ އުސޫލުތައް އަލުން މުރާޖައާކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުން އިގްތިސާދީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެ މަސައްކަތް ފަށަންޖެހޭ ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމާއި، ހިންގުމަށް ބަދަލު ގެނައުމާއި، ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ނިންމަންޖެހޭ ކަމުގައި ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ވަގުތެއްގައި މި ބަދަލުތައް ތަންފީޒުކުރާނެ. މިމަސައްކަތުގައި ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަން،" ޑރ. ޝަފީގު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ދަށުން މިއަހަރަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ލިބެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުގެ ބަޖެޓް އެކުލަވާލާއިރު ބޭރުގެ މާލީ އިދާރާތަކުން ދީފައިވާ ލަފައާއި އިރުޝާދުގެ ބޭނުން ހިފާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނީ 4.7 ޕަސެންޓު ގައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް އެ މީހުން ކުރާ ހޭދަ މަދުކުރަމުންދާތީ އިގްތިސާދީ ކުރިއެރުމަށް އެކަމުގެ ސަބަބުން މަޑުޖެހުމެއް އަންނާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.