ފިނޭންސް މިނިސްޓްރީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ޝަފީގު އެދިވަޑައިގެންފި

ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރާ ބައްދަލުވުން ސިއްރުކުރަން އޭނާ އެދިވަޑައިގެންފި އެވެ.

އަވަސް އެނގިފައިވާ ގޮތުން މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ސިއްރުކޮށްދިނުމަށް އެދި މިނިސްޓަރު ޝަފީގު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކުރަން މިނިސްޓަރު އެދިވަޑައިގެންނެވި ސަބަބެއް އަދި ނޭނގެ އެވެ. މި ގޮތަށް ޝަފީގު އެދިވަޑައިގެންނެވި ނަމަވެސް ކޮމިޓީ ސިއްރުކުރުމާމެދު ގޮތެއް ނިންމާނީ އެ ކޮމިޓީ ބައްދަލުވުން ފެށުމަށްފަހު ނަގާ ވޯޓަކުންނެވެ.

މާލިއްޔަތު ކޮމިޓީއަށް ޝަފީގު ހާޒިރުކުރަން އެ ކޮމިޓީން ފާސްކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.

ކޮމިޓީއަށް ވަޒީރު ހާޒިރުކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.

މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ކުރާ އެކިއެކި ހަރަދަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ހަރަދުތަކެއްތޯ ބެލުމާއި މަޖިލީހުން ފާސްކުރާ ފައިސާގެ އަދަދުތައް ހަރަދުކުރެވިގެންދަނީ އެކަންކަމަށްތޯ ބެލުން ހިމެނެ އެވެ.

ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ދައުލަތުގެ އިދާރާތަކުން ފައިސާ ހަރަދުކޮށްފައިވާނަމަ އެގޮތަށް ފައިސާ ހަރަދުކުރަންޖެހުނު ސަބަބާއި ހާލަތު ބެލުމަކީވެސް ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން ދައުލަތަށް ލޯނު ނެގުމާއި ދައުލަތުގެ ފަރާތުން ގެރެންޓީ ދިނުމުގައި މަޖިލީހުން އަދާކުރަންޖެހޭ ދައުރާ ގުޅިގެން ކަންކަންކުރުމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް ބެލުމާއި، އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކަނޑައެޅުމުގައި އެހެން ކޮމިޓީތަކުގެ މަޝްވަރާ ހޯދުމަކީވެސް މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

މި ކޮމިޓީގައި 11 މެންބަރުން ތިއްބަވަ އެވެ.