ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކާ އެކު ފިޗް ރޭޓިންސް މައްޗަށް ޖެއްސޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި -- ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައި ވަނިކޮށެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓް ދަށްކޮށްފައި މިވަނީ ދައުލަތުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ ޑޮލަރު ލިބުން ދަތިވެ ދައުލަތުގެ ރިޒާވް ދަށްވަމުންދާ ވަގުތެއްގައެވެ.
ފިޗް ރޭޓިންސްއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކު ބޭރުން ފައިސާ ހޯދުމަށް އޮތް ބޭނުން ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އިސްލާހީ ފިޔަވަޅުތަކާއެކު ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުވާނެ ކަމަށާއި އެ ގާބިލްކަމާ އެކު ރޭޓިން މަތިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ސަރުކާރުން ގެންނަ އިސްލާހީ ބަދަލުތަކާ އެކު އިގުތިސާދު ސިންދަފާތުކޮށް ބޭރުގެ ލޮޅުންތަކަށް ވިލުންވެރިކަން އިތުރުވުމުން މެދުރާސްތާގައި އެކަމުގެ ހެޔޮ އަސަރު ރޭޓިން އަށް އަންނާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދެއެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ރާއްޖެއިން އެއްވެސް ފަރާތަކަށް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ވާނަމަ އެ ފައިސާއެއް އެ ފަރާތަކަށް އަނބުރާ ދޭނެ ކަމުގެ ޔަގީންކަންވެސް ދީފަ އެވެ.
ފިޗުން ނެރެފައިވާ ބަޔާނެއް ބުނެފައިވަނީ ރާއްޖެއަށް ދަރަނި ދެއްކުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އަންނަ އަހަރު ދަރަނީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް 492 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ރުފިޔާ އިން 748 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށްވެސް ފިޗްގެ ބަޔާނުގައިވެ އެެވެ. އަދި ފޮރިން ރިޒާވުގެ ޝޯޓް ޓާމު ފޮރިން ލައިބިލިޓީތަކުގެ އަދަދު 73 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ރުފިޔާއަށް ދަށްވެގެން ގޮސްފައިވާ ކަމަަށްވެސް ފާހަގަކޮށްފައިވެ އެވެ.
ފިޗުން ބުނީ ރާއްޖޭގެ ދަރަނި ދެއްކުން ފަސޭހަ ކުރުމަށްޓަކައި ހަދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި އަށް ބިލިއަން ރުފިޔާ ހުރި ނަމަވެސް ބޭނުންކުރެވޭ ގޮތަށް އެ ފަންޑްގައި ހުރީ 54 މިލިއަން ޑޮލަރު ނުވަތަ 832 ރުފިޔާ ކަމަށެވެ. އެހެންކަމުން އެސްޑީއެފްގައި ހުރި ފައިސާ އަކީ ރާއްޖެއިން ދަރަނި ދައްކަންޖެހޭ ނިސްބަތަށް ބަލާއިރު ދަރަނި ދެއްކޭނެ ވަރެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ހަރަދުތައް ކުޑަނުކުރެވޭކަން ފިޗުން އަންނަނީ ރާއްޖެއާ ގުޅޭގޮތުން އަބަދުވެސް ފާހަގަކުރަމުންނެވެ.
ލޯނު ދޭ މާލީ އިދާރާތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު ފިޗްގެ ރޭޓިން އަށް ވަރަށް ބޮޑަށް ބަލަ އެވެ. އެހެންކަމުން ފިޗްގެ ރޭޓިން ދަށްކުރުމަކީ ބޭރުން ފައިސާ ހޯދުމަށް ރާއްޖެއަށް ދަތިތައް ކުރިމަތިވާނެ ކަމެކެވެ.