ޕީއެސްއައިޕީ

ސަރުކާރުގެ ފުރަތަމަ އަހަރު: 129 މަޝްރޫއު ހަވާލުކޮށް ރެކޯޑެއް

މިދިޔަ ސަރުކާރުގެ ފުރަތަމަ އަހަރު ހަވާލުކުރީ 70 މަޝްރޫއު ކަމަށާ، ނަމަވެސް މި ސަރުކާރުން އަލަށް 129 މަޝްރޫއު ހަވާލުކޮށް، ރެކޯޑު އިތުރުވުމެއް ގެނެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި އަހަރު ހިންގަން ހަވާލުކުރި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) ގެ 129 މަޝްރޫއުގެ އަގު 3.6 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

"ޖޫން މަހުން ފެށިގެން ވަރަށް ޓެންޑަ ބޯޑު މެދުވެރިކޮށް ވަރަށް ގިނަ ޕްރޮޖެކްޓް ތަކެއް އެވޯޑު ކުރެވިއްޖެ. ސަރުކާރުގެ ފުރަތަމަ އަހަރަށް ބަލާނަމަ އޭރުގެ ސަރުކާރަށް [ރައީސް ޔާމީން] އަށް 2014 ވަނަ އަހަރު ދެވިފައި ހުރީ 70 މަޝްރޫއު. 2009 ވަނަ އަހަރު [ރައީސް ނަޝީދުގެ ވެރިކަމުގައި] ދެވިފައި ހުރީ 60 މަޝްރޫއު. އަޅުގަނޑުމެން މި ހާތަނަށް އޮގަސްޓް މަހުގެ ނިޔަލަށް 129 ޕްރޮޖެކްޓް ހަވާލު ކުރެއްވިޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރީ ނަމްބާސްތައް. މިއީ ސަރުކާރުގެ ފުރަތަމަ އަހަރު. މި އަހަރު ނިމެންދާއިރު މިހުރީ 129 ޕްރޮޖެކްޓް. މިހާރު ބަޖެޓުގައި އަލަށް ފަށަން ހަވާލު ކޮށްފައި ހުރި މަޝްރޫއުތައް ހަވާލު ކުރެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހެންވީމަ ސްޕީޑު ހަމަ ރަނގަޅު."

އަލަށް ހަވާލުކުރި މަޝްރޫއުތަކުގެ ތަފުސީލް

  • ފެނާއި ނަރުދަމާ: 70 މަޝްރޫއު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ)
  • ތައުލީމީ ދާއިރާ: 25 ރަށުގައި، 26 މަޝްރޫއު (210 މިލިއަން ރުފިޔާ)
  • ހައުސިން: ތިން ޕްރޮޖެކްޓް (151 މިލިއަން ރުފިޔާ)
  • ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން: 36 ރަށުގައި، (އެއް ބިލިއަން ރުފިޔާ)
  • މަގު ހެދުން، އަށް މަޝްރޫއު (161 މިލިއަން ރުފިޔާ)

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތައް ހަވާލު ކޮށްފައިވަނީ މިދިޔަ ސަރުކާރާ ހިލާފަށް ބޮޑު ތަކުން އަގު ހެޔޮކޮށް، ކޮމްޕެޓިޓިވް ބިޑިން ޕްރޮސެސް އެއްގެ ތެރެއިން ކަމަށެވެ.

މި ހުރީ ނަމްބާސްތައް. މިއީ ސަރުކާރުގެ ފުރަތަމަ އަހަރު. މި އަހަރު ނިމެންދާއިރު މިހުރީ 129 ޕްރޮޖެކްޓް. މިހާރު ބަޖެޓުގައި އަލަށް ފަށަން ހަވާލު ކޮށްފައި ހުރި މަޝްރޫއުތައް ހަވާލު ކުރެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހެންވީމަ ސްޕީޑު ހަމަ ރަނގަޅު
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

"މަޝްރޫއުތައް ހިންގުމުގެ ހަރަދު މިވަނީ ކުޑަ ކުރެވިފައި. މިދިޔަ އަހަރުތަކުގައި 70 ނޫނީ 60 މިލިއަން ރުފިޔާ އަށް ހިންގި މަޝްރޫއުތައް މިހާރު ހަވާލުކޮށްފައި މިވަނީ ގާތްގަނޑަކަށް 25 މިލިއަން ނޫނީ 30 މިލިއަން ރުފިޔާ އަށް ހިންގަން. މިއީ އަދި ފެނާއި ނަރުދަމާ ހިމަނައިގެން،" އަމީރު ވިދާޅުވި އެވެ.

2020 ގައި އިގްތިސޯދު ބޮޑުތަން އިތުރުވާނެ

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި މިހާރު އިގްތިސޯދީ ދުވެލި މަޑު ޖެހުމެއްގައި ހުރި ނަމަވެސް، އާ މަޝްރޫއު ހިނގައިގަތުމުން އިގްތިސޯދީ ދުވެލި ބޮޑުތަކުން ހަލުވި ވެގެންދާނެ ކަމަށެވެ.

"އެމްއެމްއޭގެ ރިޕޯޓުގައި ވަނީ 2018 ގެ ހަތަރު ވަނަ ކްއާޓަރާއި މި އަހަރު ފުރަތަމަ ކުއާޓަރު. ދެހާސް އަށާރަ ވަނަ އަހަރު 4.1 ޕަސެންޓުގައި ހުރެވިފައި އިގްތިސާދީ ދުވެލި ދަށްވީ 3.1 ޕަސެންޓް. މިއީ ހަގީގަތުގައި އިންތިހާބި އަހަރަށްވެފައި ގިނަ މަޝްރޫއުތައް ހިންގި އަހަރަށްވާތީ. ނަމަވެސް މިހާރު ހުރި މަޝްރޫއުތައް ހިންގަން ފެށުމުން މާބޮޑު ތަކުން އިގްތިސޯދު ވެސް ކުރި އަރައިގެން ދާނެ. އަދި 2020 ވަނަ އަހަރަށް ދަތުރުކުރާއިރު، ޖީޑީޕީގެ ކުރިއެރުން މިހާރު އަންދާޒާ ކުރާ ވަރަށް ވުރެ ބޮޑުތަން އިތުރުވާނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނޮމްބަރު ހިސާބުގައި އައްޑޫ ސިޓީގައި ހިންގަން ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކާއި ގުޅިފަޅު ބަނދަރުގެ މަޝްރޫއު ވެސް ފަށާނެ ކަމަށެވެ.

"ހުޅުލެ އެއާޕޯޓު ޓާމިނަލް މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެވަނީ ފެށިފައި،" އަމީރު ވިދާޅުވި އެވެ.