ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު މިއަދު މަގާމުން ވަކިކުރައްވާފައި ވަނިކޮށެވެ.
އުޝާމު މިރޭ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނޫން ކަމަށާއި ގާނޫނުން އެބާރު ލިބިދީފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑަށް ކަމަށެވެ.
"އެސްއޯއީތަކުގެ ބޯޑުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވެޓައިޒޭޝަން ގާނޫނާހިލާފަށް ސަރުކާރުން ކުރަމުންދާ ކަމެއް،" ކުރިން ޑެޕިއުޓީ އެޓާނީ ޖެނަރަލް ކަންވެސް ކުރައްވާފައިވާ އުޝާމު ވިދާޅުވި އެވެ.
ޕްރައިވަޓައިޒޭޝަން ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ)ގެ ދެވަނަ ނަންބަރުގެ ސްކްރީން ޝޮޓެއް އުޝާމު ކުރެއްވި ޓްވީޓުގައި ހިމަނުއްވާފައިވެ އެވެ.
މިމާއްދާގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި, ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަންކުރަންޖެހޭ ފަރާތްތައް އައްޔަން ކުރުމުގައި އަމަލުކުރަން ޖެެހޭ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަންތަނަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ ފަރާތްތައް އައްޔަނު ކުރުން ހިމެނޭ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މިގާނޫނުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރުމުގެ އިހްތިސާސް ލިބިގެން ނުވާ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން ގާނޫނު މިހާރު އޮތް ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަންކުރަންޖެހޭ އަދި ވަކިކުރަންޖެހޭ ބޭފުޅުންގެ ނަންތައް ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުވަނީ ސަރުކާރުންނެވެ. ނަމަވެސް އެ ނަންތަކާ މެދު ގޮތް ނިންމަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.