ރާއްޖޭގައި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ކެންޕެއިން ގާނޫނެއް ހަދައިގެން ހުއްޓުވޭނެ ކަމަށް ސަރުކާރުން ދެކޭ ނަމަ އެއީ ވަރަށް ބޮޑު ކުށްހީ އެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ވަނީ ޑްރާފްޓް ކޮށްފައެވެ.
ބިލްގެ ނަމަކަށް މިވަގުތު ޖަހާފައިވަނީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ.
މިބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.
ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.
މިއީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ފައްޓަވާ ފުޅާކޮށް ބޮޑުކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން ފާސްކުރަން ނިންމާފައިވާ ބިލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމްޑީޕީގެ މަޖިލީސް މެންބަރުންވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.
އެކަމަށް އިޝާރާތްކުރައްވާ މެންބަރު އުޝާމް ވިދާޅުވީ ގާނޫނެއް ހަދައިގެން އެކަން ހުއްޓުވޭނެ ކަމަށް ސަރުކާރުން ދެކޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އެހެން ހަދާ ގާނޫނަކުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން އުޅުމުގެ ބަދަލުގަ މިފަދަ އެއްބަސްވުންތައް ސިއްރުނުކޮށް ވީހާވެސް ބޮޑަށް ކަންކަން ހާމަކުރާނަމަ މިހާލަތަށް ކަންކަން ނުދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެންދަވަނީ އިންޑިއާ ސިފައިންގެ އެއްވެސް މީހަކަށް ރާއްޖޭގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އިންޑިއާ އައުޓް ކެމްޕޭން އިތުރަށް ވަރުގަދަ ކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އެހެންވެ އިންޑިއާ އައުޓް ކެމްޕޭނަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލަކަށް ވާތީ އެ ކެމްޕޭން ހުއްޓުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ.