މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ޕީޖީ ގުރޫޕް ދާނީ ބޮޑުވަމުން: ރިޔާޒު

މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ އެންމެ ބޮޑަށް ފުރުސަތު އޮތް ޕާޓީ ކަމަށާ އެ ޕާޓީއަށް މަޖިލީހުގެ އިތުރު މެންބަރުންތަކެއް ގުޅި ޕާލިމަންޓަރީ ގުރޫޕް ބޮޑުވެގެން ދާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ނާއިބު ރައީސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ ރަޖިސްޓްރީވެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމާއެކު މަޖިލީހުގައި ތަމްސީލުވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެ ޕާޓީގައި ރިޔާޒު ހިމެނިވަޑައިގަންނަވާހެން ތިން މެންބަރުން ތިއްބަވައެވެ. ޕީޖީ ލީޑަރަކީ ރިޔާޒެވެ. ނާއިބު ލީޑަރަކީ ވިލިމާލެ ދާއިރާގެ މެންބަރު އުޝާމެވެ. ދެން ހުންނެވީ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ނާޒިމް ވިދާޅުވީ އެމްއެންޕީ ވެގެންދާނީ އެންމެ ބޮޑަށް ފުރުސަތު އޮތް ޕާޓީއަށް ކަމަށާ އަދި "ދެބަސްވެގެން" އުޅެވޭނެ މިނިވަން ހިޔާލުގެ ހަމައެކަނި ޕާޓީއަކަށް އޮންނާނީ އެމްއެންޕީ ކަމަށެވެ.

މަޖިލީހުގައި މިވަގުތުވެސް މިނިވަން މެންބަރުން ތިއްބެވުމުން އިތުރު މެންބަރުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވި ބައެއް މެންބަރުން ފަހުން ފަހަތަށް ޖެހިވަޑައިގަތަސް ޕާޓީ އުފެއްދެވުމާއެކު ވަރަށް ގިނަ މެންބަރުން އެ ބޭފުޅުންގެ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ﷲގެ ރަހުމަތްފުޅުން އަޅުގަނޑުމެންގެ އެމްއެންޕީގެ ޕާލިމަންޓަރީ ގުރޫޕް ދާނީ ބޮޑުވަމުން،" އިތުރު މެންބަރުން ގުޅޭނެތޯ ދެންނެވުމުން ރިޔާޒު ވިދާޅުވިއެވެ.

އެމްއެންޕީއާ ރައީސް ސޯލިހާއި ގުޅުމެއް ނެތް

އެމްއެންޕީއަކީ ރައީސް ސޯލިހުގެ "ބެކަޕް"އަކަށް އުފައްދާފައިވާ ޕާޓީއެއް ކަމަށް ދެކެވޭ ވާހަކަތަކަށްވެސް ރިޔާޒު ރައްދު ދެއްވިއެވެ. ރިޔާޒު ވިދާޅުވީ އެ ޕާޓީއަކީ ރައީސް ސޯލިހަށް މަދަދުވެރިވާން އޮތް ޕާޓީއެއް ނޫން ކަމަށެވެ. އެމްއެންޕީގެ ސިޔާސަތަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން ކަމަށާ އެކަމުގައި ކޮންމެ ބަޔަކަށްވެސް އެހީތެރިވެދޭނެ ކަމަށެވެ.

ނަމަވެސް ސިޔާސީ ގޮތުން އެމްޑީޕީ އާއި ޕީޕީއެމާވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފު އަޅުގަނޑުމެންގެ މިސްރާބު. 2023 ގައި އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ހުންނާނެ. މިއީ އެއްވެސް ބައެއްގެ ބެކަޕެއް ނޫން. އަޅުގަނޑުމެން މި ނިކުތީ މުޅީން އައު ވިސްނުންތަކާއެކު. ހަގީގަތުގައި ސިޔާސީ ބޮޑު ދެ ޕާޓީ ވަނީ ފެއިލްވެފައި ރައްޔިތުންނަށް ޑެލިވާ ކުރުމުގައި،"

ރިޔާޒު ތަކުރާރުކޮށް ވިދާޅުވީ 2023 ގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާ އެ ކެންޑިޑޭޓަކު ހޮވާނީ މެންބަރުންގެ ވޯޓުން އެކަމަށް ހާއްސަ ރިޔާސީ ޕްރައިމަރީން ކަމަށެވެ. އަދި އެ ޕާޓީން ކެންޑިޑޭޓަކު ނުނެރެ ފަހަތަށް ޖެހެން ޖެހޭނެ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.

"އެ ފަދަ އެއްވެސް ހާލަތެއް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެމްއެންޕީން ތާއީދު ކުރުމާއި ގުޅޭގޮތުން ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ރައީސްގެ ތ އަތޮޅު ދަތުރުގައި ބައިވެރިވުމާއި އޭނާގެ އަމިއްލަ ގެސްޓްހައުސްގައި ރައީސް މަޑުކުރެއްވުމާއި އެމްއެންޕީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ރައީސް ސޯލިހަކީ އެކުވެރިއެއް ކަމަށް ވިދާޅުވެ ސިޔާސީ ގޮތުން ހުންނެވީ ރައީސް ސޯލިހާއެކު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އޭރު ކުރެވުނު މަސައްކަތުގައި މަޖިލީސްތެރެއިން އެކުލަވާލެވުނު ޕީޖީ ގުރޫޕްގެ ލީޑަރަކަށް ރައީސް ސޯލިހު ހުންނެވިއިރު ރިޔާޒު ހުންނެވީ ނާއިބު ލީޑަރަކަށް ކަން ފާހަގަ ކުރައްވާ ރައީސް ހޮވިވަޑައިގަތުމުން ޕީޖީ ގުރޫޕް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވީ އޭނާ ކަމަށް ވިދާޅުވިއެވެ. އެފަދަ އެތައް ސަބަބަކާއި ގުޅިގެން ރައީސް ސޯލިހާއި ގާތް އެކުވެރިކަމެއް އުފެދިފައި އޮތް ކަމަށް ވިދާޅުވިއެވެ.

އަދި ސިޔާސީ ގޮތުން ހުންނަ ޕާޓީއަކީ ރަހުމަތްތެރި ކަމަށް ބުރޫއަރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ހަގީގަތަކީ އެމްއެންޕީއާ ރައީސް ސޯލިހަކާ ނެތް އެއްވެސް ގުޅުމެއް އިނގޭތޯ. ސިޔާސީ ގޮތުން އަޅުގަނޑުމެން މި ކުރާ މަސައްކަތަކާއި އެމަނިކުފާނަކާ ނެތް އެއްވެސް ގުޅުމެއް. ދެން ރައީސް ސޯލިހަކީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް. މިދިޔަ ދުވަސްތަކުގައި އެމްޑީޕީއާއެކު އަޅުގަނޑުމެން މަސައްކަތް ކުރިއިރު އަޅުގަނޑު ހުރީ ރައީސް ސޯލިހު ލީޑުކުރެއްވި ޕީޖީ ގުރޫޕްގެ ޑެޕިއުޓީއަކަށް،" ރިޔާޒު ވިދާޅުވިއެވެ.