މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ނާއިބު ރައީސް އެމްޑީޕީގައި، ރަޖިސްޓްރާ އެމްއާރްއެމްގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް ހުސައިން އިސްމާއީލް، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި އޮތް މައްސަލައެއް އަދި ރަޖިސްޓްރާ މުހައްމަދު ޝިހާބު، މޯލްޑިވްސް ރިފޯމް މޫވްމަންޓްގައި އޮތް މައްސަލައެއް އެ ދެ ބޭފުޅުން ފެންމަތި ކުރައްވައިފި އެވެ.

ހުސައިން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޭނާގެ ނަން އޮތްތޯ ބެލުމަށް ކޮށްފައިވާ އެސްއެމްއެސްއާ އެ އެސްއެމްއެސްއާ ގުޅިގެން ލިބުނު ޖަވާބު ހިމެނޭހެން ސްކްރީންޝޮޓެއް ހިމަނުއްވާ ޓްވީޓެއް ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ޑާޓާބޭސްގައިވާ ގޮތުން ހުސައިންގެ ނަން އޮތީ އެމްޑީޕީގެ ދަފްތަރުގައެވެ.

އެކަމާއި ގުޅިގެން ހުސައިން ވިދާޅުވީ އޭނާއަކީ އެމްއެންޕީގެ މެންބަރެއް ކަަމަށާ އަދި މިވަގުތު ހުންނެވީ އެ ޕާޓީގެ ނާއިބު ރައީސްގެ މަގާމުގައި ކަަމަށެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން އޭނާއަކީ އެމްއެންޕީގެ މެންބަރެއް ކަަމަށް ވިދާޅުވިއެވެ.

"އެމްޑީޕީގައި އަޅުގަނޑުގެ ނަން އޮންްނަން ވީ ސަބަބެއް ނޭންގުނު،" އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްގެ ޓްވީޓާ އެކައުންޓް ޓެގް ކުރައްވާ ހުސައިން ކުރެއްވި ޓްވީޓްގައިވެއެވެ.

ހުސައިންގެ އިތުރުން އެމްއެންޕީގެ ރަޖިސްޓްރާ މުހައްމަދު ޝިހާބުވެސް އޮތީ އެހެން ޕާޓީއެއްގެ ދަފްތަރުގައެވެ. ޝިހާބުގެ ނަން އޮތީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގައެވެ.

ވަގަށް ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެ ސިޔާސީ ޕާޓީތަކަށް ވަނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމު ތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ކޮންމެ ފޯމަކަށް ސިޔާސީ ޕާޓީ ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު 5000 ރުފިޔާ އަދި ދެވަނަ ފަހަރު 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ބައެއް މީހުންނަށް ނޭނގި އެ މީހުން ސިޔާސީ ޕާޓީ ތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީ ޕާޓީތަކަށް ވެއްދުމަށް ހުށަހަޅާ މީހުންގެ މައުލޫމާތު މިމަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ އާންމުވެސް ކުރަމުންނެވެ.