މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ތިން މެމްބަރުން މަޖިލީހުގެ ކޮމިޓީތަަކަށް ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއެންޕީ ރަޖިސްޓްރީކޮށްދިނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އަދިި އޭގެ ދެ ދުވަސް ފަހުން މަޖިލީހުން ވެސް ވަނީ އެމްއެންޕީ ބަލައިގެންފަ އެވެ.
އެމްއެންޕީ މަޖިލީހުން ބަލައިގަތުމާއެކު މަޖިލީހުގެ ކޮމިޓީތަކަށް އައްޔަނުކުރި އެ ޕާޓީގެ މެމްބަރުންގެ ނަންތައް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާންކުރައްވާފަ އެވެ. އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ.
ކޮމިޓީތަކަށް އައްޔަނުކުރި އެމްއެންޕީގެ މެމްބަރުން
- ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަދި ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީއަށް)
- ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ( މާލިއްޔަތު ކޮމިޓީ އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް)
- ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީ އަދި ހިއުމަން ރައިޓްސް ކޮމިޓީއަށް)
ކޮމިޓީތަކަށް ގެނައި ބަދަލާއެކު ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް މިނިވަން މެމްބަރެއްގެ ގޮތުގައި ހަމަޖެއްސި އެވެ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިތުރު މެމްބަރެއްގެ ގޮތުގައި އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންވެސް ހަމަޖެއްސި އެވެ.