މޯލްޑިވްސް ނޭޝަނަލް ޕާޓީ

ޕެންޝަން މައްސަލަ ރައީސްގެ ސަމާލު ކަމަށް ގެންނަވައިފި

ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޕެންޝަންގެ ހައްގުވެރިންނަށް އެންމެ އެދެވޭގޮތެއްގައި ލިބެމުން ނުދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދައުލަތުގެ ޕެންޝަން ސިޔާސަތު ތަރުތީބުކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދިއްޖެ އެވެ. އެކަމަށް އެދި އެ ޕާޓީން މިއަދު ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވާފައެވެ.

ޕެންޝަންގެ މައްސަލައަކީ މެއި 16 ގައި އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ 179 ވަނަ މާއްދާގެ ދަށުން މަޖިލީހަށްވެސް ހުށަހަޅާފައިވާ މައްސަލައެކެވެ. އެހެނަސް މިމައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އިސްލާހުކުރުމަށް ބިލެއްގެ ގޮތުގައެއް ނޫނެވެ. ސަބަބަކީ ޕެންޝަނާ ގުޅޭ ކަންކަމަކީ އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަމަކަށްވާތީ އެފަދަ ބިލު ހުށަހެޅެނީ ސަރުކާރަށް ކަމަށް ވުމުން ކަމަށް އެމްއެންޕީން ބުނެއެވެ.

އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް މި މައްސަލަ މަޖިލީހުގެ ތަޅުމުގައި ހުށަހެޅުމުން މައްސަލައާ ދޭތެރޭ އިތުރަށް ބަހުސްކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓަކަށް ހުށަހެޅުމުން ފެންނަ ކަމަށް ނުވަ ވޯޓް އަދި ނުފެންނަ ކަމަށް 19 ވޯޓް ލިބި މައްސަލަވަނީ މަޖިލީހުން ބޭރުކޮށްފައެވެ. މަޖިލީހުގެ އެ ނިންމުމަށް މައިގަނޑު ގޮތެއްގައި ތާއީދު ކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެންބަރުނެވެ.

އެ ޕާޓީން ބުނީ ޕެންޝަންގެ ގާނޫނާ ގުޅޭ ގޮތުން އެ ޕާޓީން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާއި ހަމަޔަށް ގާނޫނުގެ މަގްސަދުތަކާއި ލާޒިމްކޮށްފައިވާ ޒިންމާތަކާއި ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަންގެ ހައްގުވެރިންނަށް ލިބިދެމުން ނުދެއެވެ.

ޅައުމުރުން ފެށިގެން އެތަކެއް އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކޮށްފައިވާ މީހާއަށް ސަރުކާރުން އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ދޭ އަދަދާއި މުޖުތަމައަށް ގެއްލުންވާހެން އުމުރުގެ ބޮޑުބައި ހޭދަކުރި މީހާއާ އެއްވެސް ތަފާތެއް ނެތް ފަދައިން ޕެންޝަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންޕީގެ ސިޓީގައި ބުނެފައިވަނީ މި މައްސަލައަކީ އެ ޕާޓީޏް އިސްރަށްވެހިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުން ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

".. މިސަބަބަށްޓަކައި ކަމާގުޅޭ މައުލޫމާތު އެއްކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި މައްސަލައަށް ހައްލެއް ހޯދޭތޯ މި ޕާޓީން ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދައުލަތަށް ހިދުމަތް ކުރުމަށްފަހު 'ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު' ވުޖޫދަށް އައުމުގެ ކުރިން ހިދުމަތުން އެއްފަރާތަށް ވަޑައިގެންނެވި ބޭފުޅުންނަށް އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދިނުމަށް އޮތް ހުރަހަކީ އެކަމަށް ހިނގާނެ ބޮޑު ހޭދަ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވީ ނަމަވެސް އެއީ އަސްލެއްގެ މައްޗަށް ދެކެވޭ ވާހަކަ އެއް ކަމަށް މި ޕާޓީއަށް ގަބޫލު ނުކުރެވެއެވެ،"

އެމްއެންޕީން ވަނީ ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސްރަށްވެހިންގެ ހިދުމަތްތަށް އަގު ވަޒަން ކޮށް އިންސާފުވެރި ކަމާ އެކީ ޕެންޝަން ލިބޭނެ ގޮތަކަށް ދައުލަތުގެ ޕެންޝަން ސިޔާސަތު ބައްޓަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ސިޓީގައި އެދިފައެވެ.