މޯލްޑިވްސް ނޭޝަނަލް ޕާޓީ

ގޮތް ނިންމާނީ ރައްޔިތުން ދެކޭގޮތް ބެލުމަށްފަހު: އެމްއެންޕީ

ވެރިކަން ކުރުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް އެމްޑީޕީގެ އިސް ވެރިންނާ ބައްދަލުކޮށް ވާހަކަ ދެކެވުނު ނަމަވެސް އެކަމުގައި އެ ޕާޓީން ގޮތް ނިންމާނީ ރައްޔިތުން ދެކޭގޮތް ސާފު ކުރުމަށް ފަހު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ބުނެފި އެވެ.

މިއަދުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

ބައްދަލްވުމާއި ގުޅޭގޮތުން އެމްއެންޕީން ބުނީ ނަޝީދުގެ ދައުވަތަކަށް އެ ޕާޓީގެ އިސް ބޭފުޅުން މިއަދު އެމްޑީޕީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. ބައްދަލްވުމުގައި ރާއްޖެއަށް ދިމާވެފައިވާ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން އިސްލާހު ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށް ބުންޏެވެ.

އެ ގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން އެކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

އެމްއެންޕީން ބުނީ ގައުމުގެ މުސްތަގުބަލާއި ގުޅޭ އެފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރީން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަަމަށެވެ. އަދި މިއަދު މަޝްވަރާ ކުރެވުނު ކަންކަމާމެދު އެމްއެންޕީން ގޮތްތަކެއް ނިންމާނީ ރައްޔިތުން ދެކޭ ގޮތް ސާފު ކުރުމަށް ފަހު ކަމަށެވެ.

މިއަދުގެ ބައްދަލްވުމުގައި ރައީސް ނަޝީދުގެ އަރިހުގައި އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް އާއި މަޖިލީހުގެ ނާއިބު ރައީސް އަދި ނަޝީދުގެ ކޮއްކޮ އީވާ އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.

އެމްއެންޕީގެ ފަރާތުން ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ދެ ނާއިބު ލީޑަރުން ކަމަށްވާ އަބްދުﷲ ރިޔާޒު އާއި އަހުމަދު އުޝާމް އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި އިތުރު ތިން ނާއިބު ލީޑަރުން ބައިވެރިވެވަޑައިގަތެވެ.