ޕީޕީއެމް

ރައީސްގެ ސިޓީފުޅު ހޯދަން އިދިކޮޅުން ރައީސް އޮފީހަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު ހޯދުމަށް އިދިކޮޅުން މިއަދު ރައީސް އޮފީހަށް ހިނގައްޖެ އެވެ.

ރައީސްގެ ސިޓީފުޅު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ރައީސް އޮފީހަށް ދިޔައީ މިއަދު ހެނދުނު 11:30ގަ އެވެ.

ސިޓީފުޅު ހޯދުމަށް ރައީސް އޮފީހަށް ދިޔަ މެންބަރުންގެ ތެރޭގައި ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މަސައްކަތް ކުރާ ބައެއް މެންބަރުންނާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހިމެނިވަޑައިގަންނަވަ އެވެ.

ރައީސްގެ ސިޓީފުޅު ހޯދުމަށް އިދިކޮޅުން މިއަދު ރައީސް އޮފީހަށް ދިޔައިރު ރަސްމީ ބައްދަލުވުމަކަށް އެޕޮއިންޓްމަންޓަކަށް އެދިފައިނުވާ ކަމާށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅުގެ ސަބަބުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ކުރިއަށްދިޔަ ކަނޑުގެ ސަރަހައްދުގެ މައްސަލައަށް އަސަރުކޮށް ރާއްޖޭގެ ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ ރައީސް ސޯލިހްގެ ސިޓީފުޅާއި ކަނޑުގެ ސަރަހައްދުގެ މައްސަލައާ ގުޅުމެއް ނެތްކަން ހާމަކުރައްވާފަ އެވެ.