އަހުމަދު އުޝާމް

ބަޣާވާތުގެ ބައިވެރިންނާއި ހިޔާނާތްތެރިން ގިނައީ ސަރުކާރާ އެމްޑީޕީގައި: އުޝާމް

ބަގާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްކެވި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ފެބްރުއަރީ ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އެ ޕާޓީގެ ކެންޑިޑޭޓާ ވާދަކުރާ އެމްއެންޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓަށް ފާޑުވިދާޅުވުމުގެ ގޮތުން އެ ދެ ޕާޓީގެ އިސްވެރިންނަށް އަމާޒުކުރައްވާ ނުސީދާކޮށް ބަހުގެ ހަމަލާ ދެއްވާފައެވެ.

ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިފަހަރު ވޯޓްދޭއިރު ބަގާވާތާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާކުރުމާ ދެކޮޅަށް ކަމަށް ވޯޓް ދޭން ޖެހޭ ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މެންބަރު އުޝާމް ވިދާޅުވީ ވެރިކަން ހޯދަން އުޅުނުއިރު ބަޢާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭވި ކަމަށެވެ. އަދި ރައީސް ސޯލިހް ވިދާޅުވާ ބަޢާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ އެމަނިކުފާނުގެ ޕާޓީ އާއި އެ މަނިކުފާނުގެ ސަރުކާރުގައި ކަމަށް އުޝާމް ވިދާޅުވިއެވެ.

ވެރިކަން ހޯދަން އުޅުނުއިރު ބަޢާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ. ރައީސް ސޯލިހް ތިޔަ ވިދާޅުވާ ބަޢާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރު ވެސް ތިބީ މަނިކުފާނުގެ ޕާޓީ އާއި މަނިކުފާނުގެ ސަރުކާރުގައި
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

ބަޢާވާތުގެ ބައިވެރިންނާއި ދެކޮޅަށް ވޯޓް ދޭން ޖެހޭ ކަމަށް އިޝާރާތް ކުރައްވާ ރައީސް ނުސީދާކޮށް ފާޑުވިދާޅުވީ އެމްއެންޕީ އާއި އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމަށެވެ. ނާޒިމް އާއި ރިޔާޒުއަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށްލުމުގެ އަޑީގައި ތިއްބެވި ބޭފުޅުން ކަމަށް އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ކޮންމެ ފަހަރަކު އެ ވާހަކަތައް ދެއްކުން އެ ބޭފުޅުން ހުއްޓަވާލައްވައެވެ. ވާދަވެރިކަން އުފެދުމާއެކު އެންމެ ހަރުއަޑުން ދައްކަވާ ވާހަކައަކަށް ބަޢާވާތުގެ ވާހަކަ ދައްކަވައެވެ.

މަނީ ލޯންޑާކުރުމާ ދެކޮޅަށް ވޯޓްދޭން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ސޯލިހް ބަހުގެ ހަމަލާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމަށެވެ. ރައީސް ޔާމީންގެ މައްޗަށް މި ސަރުކާރު އައި ފަހުން މަނީ ލޯންޑަރިންގެ ދައުވާ އުފުލާ އެ ދައުވާ ސާބިތުވާ ކަމަށް ނިންމާ ފަސް އަހަރުގެ ޖަލު ހުކުމެއްވެސް ދަށު ކޯޓުން އިއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރައްވާފައެވެ. އޭގެ ފަހުންވެސް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.

ބަޢާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައި ސަރުކާރުގައި ކަމަށް އުޝާމް ވިދާޅުވިއިރު އެމްޑީޕީއާއެކު މި ސަރުކާރު ދަމަހައްޓަމުންދާ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫންގެ އެމްއާރްއެމަށް ނިސްބަތްކޮށް އެމްޑީޕީން ވަނީ ބަޢާވާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކޮށްފައެވެ.