އަހުމަދު އުޝާމް

ރައީސްގެ ވާހަކަތަކުން ފެނުނީ ހުދުމުހުތާރުކަން: އުޝާމް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެހެން ޕާޓީތަކުން މަޑުކޮށް އެމްޑީޕީއަށް ފުރުސަތު ދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހަމަދު ސޯލިހް ދެއްކެވި ވާހަކަފުޅުތަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިން ފެށުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އިންތިހާބުގައި ވާދަނުކޮށް އެހެން ޕާޓީތަކުން މަޑުކޮށްލުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީން ވެފައިވާ ވައުދުތަކެއްވާ ކަމަށާ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި އެކަމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ދަންނަވަން ބޭނުމީ މިދާއިރާގައި ވާދަކުރައްވާ އެހެން ޕާޓީތަކުން އިހަށް ވާނީ މަޑުކޮށްލަން. އަޅުގަނޑުމެން ވެފައުވާ ވައުދުތައް އެބަހުރި، އެކަން ކުރެވޭނީ މި އެމްޑީޕީއަށް. މިދާއިރާގައިވެސް އެބަހުރި އަޅުގަނޑުމެންގެ ވައުދުތަކެއް. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑުމެންގެ ވައުދެއް. މިދާއިރާގެ ހުރިހާ ރައްޔިތުންވެސް ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ހުރިހާ ރައްޔިތުން ވޯޓު ދޭށޭ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ކުރީން އެޓާނީ ޖެނެރަލްގެ ނާއިބުކަންވެސް ކުރެއްވި އުޝާާމް ވިދާޅުވީ އިންތިހާބުތަކަށް ކުރިމަތިލުމަކީ ގާނޫނު އަސީސީގެ 26 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެއާ ހިލާފަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބަސްމަގު ހުރުމަކީ ލަދުވެތި ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެންމެ ޑިމޮކްރެޓިކް ކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންގެ ފަރާތުންވެސް ފެންނަނީ ހުދުމުހްތާރުކަން ކަމަށް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ އާއި އެމްއެންޕީ އަދި ޕީޕީއެމުން ވާދަކުރެއެވެ. މި އިންތިހާބުން ކާމިޔާބު ހޯދަން ތިން ޕާޓީންވެސް ވަރަށް ވަރުގަދަ ކެންޕެއިނެއް ދަނީ ހިންގަމުންނެވެ. އެ ކެންޕެއިންގެ ތެރެއިން އެއް ޕާޓީން އަނެއް ޕާޓީއަށް ރައްދު ދިނުމުގެ ވަރުގަދަ ރޫހެއްވެސް އޮތީ އުފެދިފައެވެ.