ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ކޮން ޕާޓީއަކަށް؟

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރު ހުސައިން ވަހީދު، ކެންސަރުގެ އާލާސްކަންފުޅުގައި އަވާހަރަވީ ޑިސެމްބަރު 14، 2021 ގެ މެންދަމުގެ ވަގުތެއްގަ އެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބައި އިލެކްޝަނަށް ހުޅުވާލުމުން ތިން ޕާޓީއަކުން ކެންޑިޑޭޓުން ވެސް އެވަނީ ނެރެފަ އެވެ. ކެންޑިޑޭޓުން ނިސްބަތްވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިތުރުން އަލަށް އުފެއްދި އަދި ސައިޒު ބޮޑުކުރަމުން ގެންދާ އެމްއެންޕީ އަށެވެ. އިންތިހާބުގެ ކެމްޕެއިން ފެށި، ކެންޑިޑޭޓުންގެ ނަންތައްވެސް މިހާރު ވަނީ ތަރުތީބު ކޮށްފަ އެވެ.

ކެންޑިޑޭޓް ނަންބަރު އެކަކީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު އަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީ އަށް ލިބުނުއިރު އެމްއެންޕީގެ ހަންނާނަކީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކުރިމަތިވީ ސިޔާސީ މަސްރަހު ހަލަބޮލިވެ ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ތާއީދު އޮތްގޮތާ މެދު ބޮޑު ބަހުސެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގަތުމުން އިދިކޮޅުގެ ހަރަކާތްތަކަށް ދިރުން ލިބި ވަރުގަދަ ވެފައިވަނިކޮށެވެ. އަނެއްކޮޅުން ސަރުކާރުން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުދި ރައްޔިތުން ސަރުކާރާ މެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގައި ތިބި ކަމަށް ސަރުކާރުން ބުނަމުންދާ ވަގުތެއްގައެވެ. ވަޒީރުން މެދުވެރިކުރައްވާ ނުރަސްމީ ގޮތެއްގައި ރައީސް ސޯލިހް ދެވަނަ ދައުރެއްގެ ކެމްޕެއިން ފައްޓަވާފައި ވަނިކޮށެވެ. މީގެ އިތުރުން މިހާރު އުފައްދާފައިވާ ސިޔާސީ ޕާޓީތަކަށް ގޮންޖަހާ މުޅިން އައު ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދާ އެ ޕާޓީ ބޮޑުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

އެހެން ކަމުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީއަށްވެސް މި އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެކެވެ. އިންތިހާބުން މޮޅުވުމަކީ ކުރިއަށް ހުރި މަސައްކަތްތައް ކާމިޔާބުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކާ ބާރަކަށް ވާނެ އެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންވެސް ނެރެން ނިންމާފައިވާ މި ތިން ޕާޓީއަށް ކޮމަންޑޫ ގޮނޑި ހޯދުމަކީ މިވަގުތަށް އެންމެ މުހިންމު މަސައްކަތެކެވެ.

ހުރިހާ ޕާޓީތަކުންވެސް އުއްމީދުގައި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު ފަަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީން ދެކެ އެވެ. އެމްޑީޕީގެ ކެމްޕެއިންގެ ފޯރި ވަރުގަދަ ކުރުމަށް ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ކޮމަންޑޫގައި ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވި ގޮތުގައި ކޮމަންޑޫ ގޮނޑިއަކީ އެ ޕާޓީއަށް ކަށަވަރު ގޮނޑިއެކެވެ. އެއީ ކުރީންވެސް އަދި ފަހުންވެސް އެ ޕާޓީގެ ގޮނޑިއެކެވެ.

"މިއިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ،" ޝިފާޒު ވިދާޅުވި އެވެ.

އެމްއެންޕީންވެސް ވަނީ މި އިންތިހާބު ކާމިޔާބު ކުރާނީ އެ ޕާޓީގެ ކެންޑިޑޭޓް ކަމަށް ބުނެފަ އެވެ. އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި އިންތިހާބަށް ނިކުމެ ތިބި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ހަންނާން އެވެ. އެއީ ތައުލީމީ ދާއިރާގެ ހިދުމަތްތެރިއެއް ކަމުން މަޖިލީހުގައި އެ ދާއިރާގެ އަޑު އިއްވަން އެންމެ ގާބިލު ބޭފުޅަކަށް ވާނީ އޭނާ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ތާއީދު އެ ޕާޓީއަށް ލިބޭނެ ކަމާމެދު ޝައްކެއް ނެތެވެ. ކެމްޕެއިންގައި މިހާތަނަށް ހޭދަވި މުއްދަތުގައި ދާއިރާގެ ތިން ރަށުން އެ މަންޒަރު ފެނިވަޑައިގެންފައިވާ ކަަމަށްވެސް ވިދާޅުވި އެވެ. އެ ޕާޓީން އޮތީ މަޖިލީހުގައި ހަތަރު މެންބަރުން ހަމަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަަސައްކަތް އެހެން ގިއަރަކަށް ގެންދިއުމުގެ އުއްމީދުގަ އެވެ.

"ކޮމަންޑޫ ރައްޔިތުން ވިސްނަންވީ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިތޯ. މިއީ ސިޔާސީ ސުވާލެއް ނޫން. އެ ނަޒަރުން ވިސްނާލުމުން އެނގިގެންދޭ ދާއިރާގެ ރައްޔިތުންނަށް އެންމެ ރަނގަޅު ކެންޑިޑޭޓަކީ ހަންނާން،" ނާޒިމް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމުންވެސް ވަނީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ފަށާފަ އެވެ. އެ ޕާޓީން ވެސް ވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފަ އެވެ. ފަތުހީގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގަތުމަށްވެސް ވަނީ ނިންމަވާފައިވެ އެވެ. ދޮރުން ދޮރަށް ހިންގަވާ ތާއީދު އިތުރު ކުރެއްވުމަށް ސީދާ އެމަނިކުފާނު މަސައްކަތް ކުރައްވާނެ އެވެ.

"މި ފަހަރުގެ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނެ އިރާދަކުރެެއްވިއްޔާ. ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ތިބި ޕާޓީގެ ސަޕޯޓަރުން އެ ތިބީ އެއް ރޫހެއްގައި ގަދަ އަޒުމެއްގައި،" ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި އެވެ.

ބައި އިލެކްޝަން އިއުލާނު ކުރުމާއެކުހެން ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްއެންޕީން ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ބަނޑަހަ ޖަހާ ކެމްޕެއިން ފަށާފަ އެވެ. މިވަގުތުވެސް ތިން ޕާޓީގެ އެކި ލެވެލްގެ ބޭފުޅުން ކޮމަންޑޫ އާއި މަރޮށި އަދި ފޯކައިދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ޕްރޮޖެކްޓްތައް ފަށަނީ، ނުފޫޒުގެ ތުހުމަތު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް ސަރުކާރުން ނުފޫޒާއި ބާރުގެ ބޭނުން ކުރާ ކަމުގެ ތުހުމަތު ޕީޕީއެމް އާއި އެމްއެންޕީވެސް ކުރެ އެވެ. އިންތިހާބާ ދިމާކޮށް އެކި ޕްރޮޖެކްޓްތައް ފެށުމާ ދެކޮޅަށް ވަކާލާތު ކުރަމުން އައި ސަރުކާރުން ވަނީ މި ފަހަރުގެ އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ޕްރޮޖެކްޓްތައް ފެށުމަށް ނިންމާ އެކަން އިއުލާނުކޮށްފަ އެވެ.

އެއް ކަމަކީ ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަަސައްކަތް ފެށުމެވެ. ޔޫތު މިނިސްޓްރީން އިއްޔެ ވަނީ ކުއްލި ގޮތަކަށް އެ ރަށުގައި އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ފުޓްބޯޅަ ދަނޑެއް ހަދަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ފެނަކައަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ ތުހުމަތުވެސް އިދިކޮޅުން ކުރެ އެވެ.

"މި އިންތިހާބް އިންސާފުވެރި ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

ނާޒިމް ވެސް ވިދާޅުވި ގޮތުގައި އިންތިހާބާ ދިމާކޮށް ރަށްރަށުގައި މަޝްރޫއުތައް ފެށުމަކީ ނާތަހުޒީބު ކަމެކެވެ. އަދި އެއީ އިންތިހާބަށް "ފޮޅުވާ" މާތަކެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ. ނާޒިމް ވަނީ ސަރުކާރުން ވަމުންދާ ވައުދުތައް ނުފުއްދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. މީގެ އިތުރުން އެކި ގޮތްގޮތުން އެ ޕާޓީގެ ކެމްޕޭނަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ރޭ އެ ޕާޓީން ބޭއްވި ޖަލްސާއަށް ހާޒިރުވާން ބޭނުންވި ބައެއް މީހުންނަށް ވަޒީފާ އާއި އެ ނޫން ގޮތްގޮތުންވެސް ބިރު ދައްކާފައިވާ ކަމަށް ނާޒިމް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އެކިއެކި މުއައްސަސާތަކުން އަޅުގަނޑުމެންގެ ޖަލްސާއަށް މެންބަރުން ހާޒިރުވުމަށް ހުރަސް އަޅާ ބިރު ދައްކާ މަންޒަރު،" ނާޒިމް ވިދާޅުވި އެވެ.

ނުފޫޒާއި ބިރުވެރިކަމުގެ ތެެރެއިންވެސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމާއި އެމްއެންޕީން ބުނެ އެވެ. އަދި ސަރުކާރު ހިންގާ ޕާޓީ އޮތީ ފަސޭހަ ކަމާއެކު އިންތިހާބު ނެގޭނެ ކަމަށް އުންމީދުގަ އެވެ.