ރައީސް އަބްދުﷲ ޔާމީން

"އިންތިހާބަށް ފައިސާ އަޅަން ތިން ބަޔަކު ނިކުމެ އެބަތިބި: ޔާމީން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --
100%
0%
0%

އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުގެ ފަރާތުން ފައިސާ އެޅުމަށް ތިން ފަރާތަކުން ނިކުމެ އެބަތިބި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނަލް 13ގެ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ޔާމީން ވަނީ ފައިސާގެ ދަޅާގައި ޖެހިވަޑައިނުގަތުމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ހުރިހާ ކަމަކީ ފައިސާއަށް ކޮށްދޭ ކަަމަކަށް ހަދައިފިނަމަ ޕީޕީއެމުން ކުރަމުންދާ ބިނާ ކުރުމުގެ ވިސްނުމާއި މަސައްކަތަށް އެގެނެވެނީ ވަރަށް ބޮޑު ނާއުންމީދެއް ކަމަށެވެ.

ޔާމީންގެ ވިދާޅުވި ގޮތުގައި މި އިންތިހާބަށް ސަރުކާރުގެ ފަރާތުން ފައިސާ އެޅުމަށް ތިން ފަރާތަކުން ނިކުމެ އެބަތިއްބެވެ. ސަރުކާރުގެ ވަޒީރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީން ކުރަމުންދަނީ އެ މަަސައްކަތް ކަމަށް ތުހުމަތު ކުރެއްވި އެވެ.

"މިހާރުވެސް އެ ތިބީ މި ސަރުކާރުގެ ފަރާތުން ފައިސާ އެޅުމަށް ތިން ފަރާތަކުން ނިކުމެ އިނގޭތޯ. ސަރުކާރުން އެބަ ހަރަދުކުރޭ. ސަރުކާރުގެ ހުރިހާ ވަޒީރުންނާއި ހުރިހާ އެންމެން ގޮސް އެބައުޅޭ އެތަނުގައި. ބޮޑެތި މަޝްރޫއުތަކެއްވެސް ހިނގަމުން އެބަދޭ. އަދި އެއީ މީހުންނަށް ވަކިވަކިން ދޭ ފައިސާގެ އިތުރަށް، އެއީ ކިހާ އަދަދެއް ކަމެއްވެސް އަޅުގަނޑުމެންނަކަށް ނޭންގެ. ހަމަ އެގޮތަށް ގާސިމް އިބްރާހިމް އެ ހުންނެވީ ނިކުމެ. މިއީ އޭގެ ޒާތުގައި އޭނާއާ ބެހޭވެސް ކަމެއް ނޫން. އޭނާގެ ޕާޓީން މި އުޅެނީ ކައުންސިލަކަށްވެސް މީހަކު ކުރިމަތި ނުލާ. އެހެން ނަމަވެސް އޭނާވެސް އެތާ ހުންނަވައިގެން އެ ކުރައްވަނީ އެ މަސައްކަތް. ދެން ހަމައެއާ އެކީ އެމްއެންޕީން ނާޒިމްވެސް އެ ކުރަނީ ހަމަ އެ މަސައްކަތް. ނާޒިމްމެންނަށް އެނގޭނެ މި ގޮޑި ނެގުމަށް އެ މީހުންނަށް ހުވަފެނަކުންވެސް ނުފެންނަހާ ދުރުގައިކަން އޮތީ. އެހެން ނަމަވެސް އެކުރާ ކަމަކީ އަޅުގަނޑުމެންގެ ވޯޓަށް އަސަރު ކުރުވަން ކުރާ ކަންކަން،" ޔާމީން ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ގޮޑި ހޯދުމަށް ސަރުކާރުން އެހާ ވަރަށް މަސައްކަތް ކުރާ ސަބަބުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެމްޑީޕީއަށް ކުރީންވެސް 65 ގޮޑި ލިބިފައިވާ ކަމަށާ އެ ނަންބަރު ލިބިގެން ރައްޔިތުންނަށް ވީ ފައިދާއެއް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނަށް ހަނި ފުރުސަތެއް ލިބުނަމަވެސް ދާއިރާގެ ހައްގުގައި އަޑުއުފުލާ ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތް ކުރެވޭނެ ކަމަށެވެ.

ކޮމަންޑޫ ގޮޑި ހޯދަން ސަރުކާރުން ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަނީ ފަސޭހަކޮށް އެ ގޮޑި ޕީޕީއެމުން ނަގާނެކަން އެނގޭތީ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު ސިޔާސީ މަސްރަހުގެ އޮއިވަރު ހުރި ގޮތުން ކޮމަންޑޫ ގޮޑި ސަރުކާރަށް ހޯދައިދޭން އިންޑިއާއިންވެސް މުހިންމު ކަމެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ފަހަރުގައި ވެދާނެ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މިއޮތް ގޮތުން އަދި މިހާރު މި ދެކެވޭ ބައެއް ވާހަކަތަކުން އިންޑިއާވެސް ވަރަށް މުހިންމު ކަމެއް ދޭ ކަމަކަށް ވެދާނެ މި ގޮޑި [ކޮމަންޑޫ ދާއިރާ] ހޯދުން. އެއީ ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާ ތިބީމަ އަޅުގަނޑުމެން އެކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ވަގުތެއްގައި ވީމަ ސިޔާސީ ގޮތުން އިތުރު އެއްވެސް ބާރެއް ޕީޕީއެމަށް ލިބޭކަށް އިންޑިިއާއިން ނޭދޭނެ ދެއްތޯ. އެެހެންވީމަ އެއީވެސް ވެދާނެ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕޭންގައި ގާސިމް ބައިވެރިވެވަޑައިގަންނަވާތީވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ކޮވިޑަށް ހައިރިސްކްވެ ގާނޫނީ ގޮތުން ކުރަންވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅާ ވެސް ދުރުގައި ހުންނެވި ބޭފުޅަކު އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގަތުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި އެމްއެންޕީ އާއި ކާނަލް ނާޒިމް ކުރައްވާ މަސައްކަތަށްވެސް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިތިބަ އަށެއްކަ މެންބަރުން ނަގާފައި ދެން މިތިބީ މުޅީންވެސް ސަރުކާރު މެންބަރުން ދެއްތޯ. އެހެންވީމަ ގާސިމްވެސް ގޮސް ކީކިމިނީގައި އެ ހުރީ. ހަމަ ކޮވިޑަށް ހައިރިސްކު ބޭފުޅެއް ކަމަށް އަމިއްލަ އަށް ގަބޫލުކުރައްވާ، އެހެން ނަމަވެސް މިކަމާ ޖެހުނީމަ ކޮވިޑެއްވެސް ނެތް އެހެން ކަމެއްވެސް ނެތް. ދެން ހަމަ އެގޮތަށް އެމްއެންޕީ ނާޒިމްވެސް އެކުރައްވާ މަސައްކަތުގައި، ނާޒިމަށް ކަނޑައެޅިގެން އެނގޭނެ ނާޒިމްގެ ކެންޑިޑޭޓް ނުހޮވޭކަންވެސް. ކައިރިއަށްވެސް ވޯޓް ނުލިބޭނެކަން،"

އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ފަށާ ފައިސާގެ މުއާމަލާތްތައް ހިންގާ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަންކަން ބެލުމުގެ ޒިންމާ އޮތް އޭސީސީ މި ދަނޑިވަޅަށް "ޕެރެލައިޒް" ކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންވެސް ގާނޫނީ ޒިންމާ އަދާކުުރުމުގެ ބަދަލުގައި ހަމައެކަނި އިލްތިމާސްއެއް ކޮށްލާ ހިނގާ ކަންކަން ނުފެންނަ ކަމަށް ހަދައިގެން އޮންނަ ކަމަށް ވިދާޅުވެ އެ ކޮމިޝަނަށްވެސް ފާޑުވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަށް އެކަން [އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް] ހުއްޓުވަން ޖެހޭ ނޫންތޯ. ކޮމިޝަނަށް އެކަންކަން ހުއްޓުވެން ވާނެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީވެސް ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ގާނޫނާއި ހިލާފަށް ބޭނުންކޮށްގެން ހިންގި އިންތިހާބެއް. ކޮމަންވެލްތްގެ އޮބްޒާވާ ގުރޫޕުން މިތަނަށް އައިސް އެ މީހުންގެ ރިޕޯޓްގައި އެބައޮތް އެކަން ފާހަގަކޮށްފައި. އެކަމަކު ރާއްޖޭގައި އެ ރިޕޯޓްތައް ބެލި ހުރިހާ ފަރާތްތަކުން އެއްވެސް ބަޔަކަށް ކަމެއް ކުރެވުނު ކަމަކަށް ނުވި އެނގޭތޯ. އެއްވެސް ކޯޓަކުންވެސް ކަމެއް ނުކުރޭ އިލެކްޝަންސް ކޮމިޝަނަކުންވެސް ކަމެއް ނުކުރޭ،" ޔާމީން ވިދާޅުވިއެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުހައްމަދުބެ

މިނުހަކީ ފިތުނަ އުފައްދާ ނޫހެއް. ދައްކަނީ ކިނބުލެއްގެ ވާހަކަ

ތަރި

ކުޑަކުދިން ކުރާޒާތުގެ ނުކުޅެދުންތެރި ޝަކުވާ. ބުއްދިގަބޫލުނުކުރާ ވާހަކައިން ހެޔޮވިސްނޭ މީހެއްގެ ވޯޓް އިތުރެއް ނުކުރެވޭނެ. ޕީޕީއެމް ތީ އެމްޑީޕީގެ ގޮތްޕެކޭ ކިޔައިގެން މަވެސްވީ އަމިއްލަ ބޭނުމަށް ކެމްޕޭން ޖައްސަން ދޮތަ؟

ތަރި

ކުޑަކުދިން ކުރާޒާތުގެ ނުކުޅެދުންތެރި ޝަކުވާ. ބުއްދިގަބޫލުނުކުރާ ވާހަކައިން ހެޔޮވިސްނޭ މީހެއްގެ ވޯޓް އިތުރެއް ނުކުރެވޭނެ. ޕީޕީއެމް ތީ އެމްޑީޕީގެ ގޮތްޕެކޭ ކިޔައިގެން މަވެސްވީ އަމިއްލަ ބޭނުމަށް ކެމްޕޭން ޖައްސަން ދޮތަ؟

އަހް މަދު ޢަލީ

މިހާރުގެ ސަރުކާރުން ތި ގޮޑިއެއް ހޯދު މަށް ކުރާ ކަ މަކީ އެ މްޑީޕީއަށް ވޯޓް ނުދީފާނެހެން ހީވާ މީހެއް ވިއްޔާ ރިޝްވަތުގެ ހަޑި މުޑުދާރު ކަން ކަ މުގައިވާ ގޮތަށް އެ މީހެއްގެ އައިޑީކާޑް 10000ރ ދީފަ ގަނެލަނީ. އޭރުން އެ މްޑީޕީއަށް ލިބޭ ވޯޓް ގިނަވާނެތާ.

އަލިމަގު

ރައްޔިތުންނޭ ތިގޮޑި ދޭންވީ ހަމަ ޕީޕީއެމް އަށް ގައުމަށް ކިިރިޔާވެސް އަލިމަގެެއް ފެންނަށް އޮތީ އެއިރުން

ޙަސަނުބެ

އަބަދު ފައިސާގެ ވާހަކަ ވައްކަމުގެ ވާހަކަ ވެދާނެޔޯ އެޔޯ މިޔޯ. ޙީވަނީ ޔާމީން ވިދާޅުވީމަ ރައްޔިތުން ދެންއެވީ ގަބޫލުކުރަންހެން. ބަލަ 65 ގޮޑި އައްވުރެ ވަކިގާނޫނީ ބާރެއްނޮއޮންނާނެ. ޔާމީނު ފިޔަވައި އރހެންމީހަކު އެރަށައްވެސް އަރައިގެން ވެސް ނުވަނީބާ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910