AVAS PHOTO ESSAY

ހާލުގައި ޖެއްސި ބޮޑު އަލިފާނުގެ ހާދިސާ

ހުކުރު ދުވަހުގެ އިރު އޮއްސި މާލެއަށް ވަރަށް އާދައިގެ ރެއެކެވެ. މަގްރިބް ނަމާދު ވަގުތަށް ފަހު އޮތް ހަމަހިމޭންކަމުގެ ތެރެއިން މުޅި މާލެ ގުޑުވާލީ ބާރުގަދަ އަޑަކާއެކު، ފަޅައިގެން ދިޔަ ބޮޑު ހުޅުގަނޑުންނެވެ. ގ. އަބަދަށް ފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނދުކޮޅެއް ތެރޭ އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރިގަތެވެ. ބިޔަ އަލިފާންގަނޑާއި ބޯދުންގަނޑު ތެރޭ މާލެ އޮތީ ބިރުވެރިކަމުގެ "ވިލާގަނޑެއް" ދަށުވެފަ އެވެ.

އަލިފާން ރޯވި ވަގުތު މާލޭ ބޭރުން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ސޯޝަލް މީޑިއާ

"ހީވީ ބާރުގަދަ ގުގުރިއެއް ޖަހައި އެއްޗެއް ގޮވިހެން، ދަރިފުޅު ރޮއެގަތް އަޑަށް ބެލްކަނި ކައިރިޔަށް ދިޔަ އިރު އަލިފާންގަނޑު އަރާ އަށް ވަނަ ބުރިއާ ހަމަޔަށް، މީހުންގެ ހަޅޭކާ ރުއިމުގެ އަޑު މުޅި އިމާރާތްތުގައި. ގަތް ބިރުން ސިހިގެން ގާވެފައި ހުރި ދައްތަ ގޮވައިގެން ސިޑިން ފައިބައި ނިކުމެވުނީ އަލިފާންގާނޑު ކުރިމައްޗަށް. އެ ހިސާބުން ސިފައިން އަހަރުން އެތަނުން ސަލާމަތްކޮށްގެން ގެންދިޔަ،" ކެމިކަލް ގުދަން ކުރިމަތީ ހުރި ގޭގައި ދިރިއުޅުނު މީހަކު އޭނަގެ ތަޖުރިބާ ހިއްސާ ކުރި އެވެ.

އަލިފާންގަނޑު ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަހުމަދު ޝުރާއު
އަލިފާންގަނޑު ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަހުމަދު ޝުރާއު

އަލިފާންގަނޑު ފެތުރެން ފެށުމާއެކު އިސާހިތަކު ސަލާމަތީ ބާރުތައް އެލާޓަށް އައެވެ. މުޅި ސަރަހައްދު ބަންދުކޮށް އިމާރާތްތަކުން މީހުން ނެރުމުގެ މަސައްކަތް ކުރި އެވެ. އެ ހިމަ މަގުގައި ހުރި ސައިކަލުތައް ގޮވަމުން ގޮވަމުން ގޮސް އަލިފާންގަނޑު ދިޔައީ ބޮޑުވަމުންނެވެ. އޭރު ވެސް އެތަށް ބަޔަކު ގެތަކުގައި ތާށިވެފައި ތިއްބެވެ. ފުލުހުންނާއި ސިފައިންނާއި ރެޑް ކްރެސެންޓު އަދި އޭޑީކޭ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރުން ވެސް ސީދާ ސައިޓުގައި ހަރަކާތްތެރިވެ މީހުންނަށް އެހީތެރިވަމުން ދިޔަ އެވެ.

އަލިފާންގަނޑު އެންމެ ގަދައަށް ފެތުރިގެން ދިޔަ ވަގުތު އަވަސްގެ ނޫސްވެރިޔާ މޫސާ ނަގާފައިވާ ފޮޓޯއެއް

އަލިފާންގަނޑު ދިޔައީ ކޮންޓްރޯލު ނުވެ ބާރުގަދަ ވަމުންނެވެ. އިމާރާތްތަކުން މީހުން ނެރެ އެމްބިއުލެންސްތަކަށް އަރުވަމުން ދިޔަ އެވެ. ބައެއް މީހުން ބޯ ދުންގަނޑު ތެރޭ ހާސްވެ އަނބުރާގަތެވެ. އަނެއްބައި މީހުން އާއިލާގެ ހަބަރެއް ނުވެގެން ސިފައިން ކައިރީ ރޮއެ އާދޭސް ކުރަނީ އެވެ. އަލިފާންގަނޑާ ހަނގުރާމަ ކުރި ބައެއް ސިފައިންނާއި ފުލުހުން ވެސް އެމަޖަންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

މާސިންގާ އަލިފާންގަނޑުގެެ ދިގު މިން 10 ބުރީ އިމާރާތްތަކަށް ވުރެ މަތީގައި ހުއްޓެވެ. ވަށައިގެން އެ ބްލޮކުގައި ހުރި ހަތް ގެއެއްގައި ހުޅުހިފި އެވެ. އަދި 50 އަށް ވުރެ ގިނަ މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ. ހޮސްޕިޓަލު ފުރި ބާރުވުމާ ގުޅިގެން އެހެން ހިދުމަތްތައް ހުއްޓާލައި، ސީދާ އަލިފާނުގެ ހާދިސާގައި ތިބި މީހުންނަށް ފަރުވާ ކުރަން ފެށި އެވެ.

އޭޑީކޭއަށް ދުމުގެ އަސަރުކޮށްގެން މީހުން ގެންދަނީ - ފޮޓޯ: މުހައްމަދު އަފްރާހު

އެންމެ ގިނަ ބަޔަކު ހާލުގައި ޖެހުނު ހާދިސާ

އެ ހާދިސާގައި 170 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހި ގެދޮރު ދޫކޮށް ވަގުތީ ހިޔާތަަކަށް ބަދަލުވާން ޖެހުނެވެ. އުމުރު ދުވަހު ކުރި މަސައްކަތާއި ދިރިއުޅުން އަނދާ އަޅިއަށްވީ އެވެ. ވަގުތީ ހިޔާއެއް ގޮތުގައި ފުރަތަމަ ހަމަޖެއްސި ކަލާފާނު ސްކޫލުގެ ތެރެއިން ފެނިގެން ދިޔަ މަންޒަރުން އެ ބޮޑު މުސީބާތް ތެރެއިން ވެސް ހިތަށް ފިނިކަމެއް ގެނުވި އެވެ. އެންމެ ބޭނުންވި ވަގުތު ހާލުގަ ޖެހުނު މީހުންނަށް އެތަށް ސަތޭކަ ބަޔަކު އެހީވި އެވެ.

ކަލާފާނު ސްކޫލްގައި ގާއިމް ކުރި ވަގުތީ ހިޔާގައި ވޮލެންޓިއަރުން - ފޮޓޯ: އަބްދުﷲ ޝަފީއު
ކަލާފާނު ސްކޫލްގައި ގާއިމް ކުރި ވަގުތީ ހިޔާގައި ވޮލެންޓިއަރުން - ފޮޓޯ: އަބްދުﷲ ޝަފީއު

އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް ސިފައިންނާއި ފުލުހުން ދެ ވެހިކަލް ގެނައެވެ. އެއަށް ފަހު އެއާޕޯޓުގައި ފޯމް ޖެހުމަށް ބޭނުން ކުރާ އަލިފާން ނިއްވާ ވެހިކަލް ވެސް ގެނެސް ފެހި އާބާދީ މަގަށް ވައްދާ ފޯމް ޖަހަން ބޭނުން ކުރި އެވެ. ސިފައިންގެ ތެރެއިން ބައެއް ޓީމުތައް ދިޔައި ފެން ޖަހަމުންނެވެ. އަނެއް ޓީމުތައް ގެތަކަށް ވަދެ މީހުން ސަަލާމަތް ކުރެ އެވެ. ފުލުހުން ދިޔައީ މުޅި ސަރަހައްދު ކޮންޓްރޯލުކޮށް އާންމުންގެ ސަލާމަތަށްޓަކައި ފިޔަވަޅު އަޅަމުންނެވެ. އަދި ހަމަ އެ ވަގުތު އާންމުން ވެސް ފެން ޖެހުމަށް ހޮޅި އުފުލުމަށާއި ސައިކަލުތައް ދުރަށް ޖައްސަން ފުލުހުންނަށް އެހީވި އެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އާންމުންގެ ބަޔަކު އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: އަހުމަދު އަޔާދު
އަލިފާނުގެ ހާދިސާ ހިނގި ވަގުތު އާންމުންގެ ބަޔަކު އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: އަހުމަދު އަޔާދު

ޝައުނާގެ ފުރާނަ ނެތް ހަށިގަނޑު

ސިފައިންނާއި ފުލުހުންގެ ގަދަ ހިތްވަރާއި އާންމުންގެ ބޮޑު އެހީތެރިކަމަކާއެކު ރޭ 10:00 ހާއިރު އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް އަލިފާން ރޯވި އިމާރާތުގެ ތެރެއިން އުމުރުން 46 އަހަރުގެ އައިޝަތު ޝައުނާ އޮތީ ތާށިވެފަ އެވެ. އާއިލާއަށް ގުޅައި އެންމެ ފަހުން ބުނީ "ނިކުމެވޭނެ ގޮތެއް ނެތެވެ، ހެޔޮ ދުއާކޮށްދީ" އެވެ.

ޝައުނާ ހޯދުމުގެ މަސައްކަތް ކުރަމުން ގޮސް އޭނާ ފެނުނު އިރު އޮތީ ފިހިގެން ކަބަޑެއްގެ ދަށުވެ މަރުވެފަ އެވެ. ހަށިގަނޑު ފެނުނީ އަލިފާންގަނޑު ނިއްވާލުމަށް ފަހުގަ އެވެ. އެއަށް ފަހު 11:00 ހާއިރު އިމާރާތުން ޝައުނާގެ ހަށިގަނޑު ނެރުނެވެ.

އެ ހިތާމަވެރި ހާދިސާގައި މަރުވެި ޝައުނާގެ ޖަނާޒާ އޮތީ މިއަދު މެނދުރު ނަމާދަށް ފަހުގަ އެވެ. އެ ޖަނާޒާގައި ޝައުނާގެ ދަރިންނާއި އާއިލާ ބައިވެރިވި އެވެ. އަދި އެ ހިތާމާގައި ބައިވެރިވުމަށް އެތަށް ބަޔަކު ޖަނާޒާއަށް ދިޔަ އެވެ. ވަަރަށް ހިތާމަވެރި ވަގުތުކޮޅެކެވެ.

ޝައުނާގެ ޖަނާޒާގެ ތެރެއިން - ފޮޓޯ: އަބްދުﷲ ޝަފީއު
ޝައުނާގެ ޖަނާޒާގެ ތެރެއިން - ފޮޓޯ: އަބްދުﷲ ޝަފީއު

އަބަދަށްފެހި މަގު އަޅިއަށްވެފައި

މިހާރު އަބަދަށް ފެހި މަގު އޮތީ އަޅިއަށް ވެފަ އެވެ. މަންމައެއްގެ ފުރާނަ ގެއްލުނު ގޮތާއި އެތަށް ބައެއްގެ މުޅި ހަޔާތް ވީރާނާވި ގޮތް ހަނދާނުގައި އަބަދަށް އޮންނާނެ އެވެ. ސިފައިން އަންނަނީ އެތަން ސާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުން މީހުން ނިކުމެ ގިނަ ބަޔަކު ވަންނާނެ ތަނެއް ނެތެވެ. ވަނަސް ހަޔާތް އަލުން ފަށަން ޖެހޭނީ ސުމަކުންނެވެ.

ބޮޑު އަލިފާނުގެ ހާދިސާއަށްފަހު އިމާރާތްތައް ވަނީ އަނދާ އަޅިއަށް ވެފަ - ފޮޓޯ: މޫސާ ރަޝީދު
ބޮޑު އަލިފާނުގެ ހާދިސާއަށްފަހު އިމާރާތްތައް ވަނީ އަނދާ އަޅިއަށް ވެފަ - ފޮޓޯ: މޫސާ ރަޝީދު
ބޮޑު އަލިފާނުގެ ހާދިސާއަށްފަހު އިމާރާތްތައް ވަނީ އަނދާ އަޅިއަށް ވެފަ - ފޮޓޯ: މޫސާ ރަޝީދު