"ކ ަމެއް ހިނގާ ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތަކެއް ވީމަ އެންމެން ތެޅިގަންނާނެ. ފަހުން ހަނދާން ނެތޭނެ. ދެންވެސް ތެޅިގަންނާނީ ކަމެއް ހިނގީމަ. އާންމު މީހަކަށް ވުރެ މިފަދަ ކަންކަމުގައި ސަރުކާރުގެ ވެރިން ހާލު ދެރަ. އިހްމާލު ބޮޑު،" ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ބުންޏެވެ.
މ. ނިރުފެހިގޭގައި ބުދަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ އެއް ހާދިސާ އެވެ. މި ހާދިސާގައި 10 މީހެއްގެ ފުރާނަ އެވަނީ ގެއްލިފަ އެވެ. ފުރިބާރުވެ ތޮއްޖެހިފައިވާ މާލޭގައި މީގެ ކުރިން ހިނގި އަލިފާނުގެ ބޮޑެތި ހާދިސާތަކަށް ވުރެ ނިރުފެހިގެ ހާދިސާ އިން އިބްރަތް ހޯދަން ޖެހޭ ފިލާވަޅުތައް ގިނަ އެވެ. މިހާދިސާ އާއި ގުޅިގެން ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނަށް އެއްޗެއް ވިސްނިވަޑައިގެން ޒިންމާ އަދާކުރެއްވުމުގައި މިހާރަށް ވުރެ ބޮޑު ސަމާލު ކަމެއް ދޭންޖެހެ އެވެ.
"ބުދަ ދުވަހުގެ ރޭ ހިނގި ހާދިސާވެސް ދުވަސްކޮޅަކުން ހަނދާން ނެތޭނެ. ދުވަހަކުވެސް ފިޔަވަޅެއް އެޅޭ ތަނެއް ނުފެނޭ،" ނެރުފެހިގެއާ މާދުރު ނޫން ހިސާބެއްގައި ހުރި އާންމުންގެ މީހަކު ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
އަލިފާނުގެ ބޮޑެތި ހާދިސާތަކަށް އަވަސް ކަޅިއެއް
މާލޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އެއް ހާދިސާއަކީ ސެޕްޓެމްބަރު 20، 2019ގައި ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާ އެވެ. ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑުގެ ފެތުރިގެން ގޮސް ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާގައި ވެސް 49 އަހަރުގެ ދިވެހި އަންހެނެއްގެ ފުރާނަ ގެއްލިގެން ދިޔަ އެވެ.
ކޯސްޓްލައިން ހާޑްވެއާ ފިހާރައިގައި ރޯވީ އެޕްރީލް 2016 ގައެވެ. މިހާދިސާގައި ދެ ތިން އިމާރާތެއްގައި ރޯވެ ފިހާރައެއް އެކީ އެކަށް އަނދާ ހުލުވި އެވެ. އޭގެފަހުން ސެޕްޓެމްބަރު 30، 2019ގައި ޓީޖެޓީގައި އޮތް ލޯންޗަކާއި ތިން ތެޔޮ ބައުޒަރުގައި އަލިފާން ރޯވެ ހަތް މީހަކު ފިހުނެވެ. އުޅަނދުތަކަކަށް އެތައް މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު މޯރީ ގަރާޖުގައި ރޯވި ހާދިސާ އަކީ ވެސް ބޮޑު ހާދިސާ އެކެވެ.
އާންމުން ބުނަނީ އިހުމާލު އޮތް ކަމަށް
އަލިފާނުގެ ހާދިސާތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާްއިރު ދައުލަތުގެ އިހްމާލު ބޮޑު ކަމަށް އާންމުން ދެކެެ އެވެ. ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު ހިފަހައްޓާފައި ހުރިތޯ ބަލައި ކަށަވަރުކުރުމަކީ ދައުލަތުގެ އިދާރާތަކުން ބަލައި ފާރަވެރިވާން ޖެހޭ ކަމެކެވެ. އެހެން ނޫނީ އިދާރާތަކެއް ހުރުމުގެ ބޭނުމެއް ނެތެވެ.
މާލޭގެ ހުޅަނގު ދެކުނު ފަރާތް ހިއްކައިގެން "އިންޑަސްޓްރިއަލް ޒޯން"ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަކި ސަރަހައްދެއް ހެދީ މާލެ ތެރޭގައި ހިންގާ ގުދަންތަކާއި ވޯކްޝޮޕްތަކާއި ގަރާޖުތައް އެ ތަނަށް ބަދަލުކުރާށެވެ. ނަމަވެސް އެއީ ޔާމީން ސަރުކާރުން ހެދި ސަރަހައްދަކަށް ވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެ ބިން އެންމެ ކަމުދިޔައީ ރެކްރިއޭޝަނަލް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރާށެވެ.
އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން، މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުމަށްޓަކައި ސާވޭއެއް ކޮށްގެން މަސައްކަތްތަކެއް ވެސް ފެށި އެވެ. އެކަމަކު މިސަރުކާރުން އެކަމަށް އެއްބާރުލުމެއް ނުދެ އެވެ. އަދި ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް އެ ބިން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކުރީ އެވެ.
އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރަން ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ގޮތުގެ ރީތި ޑިޒައިންތަކެއް ވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހާމަވެސް ކުރެއްވި އެވެ. މުއިއްޒު މި ކުރެހުންތައް ދައްކާލީ އޮގަސްޓް 2019 ގައެވެ.
އިންޑަސްޓްރިއަލް ޒޯނަށް ކެމިކަލް ގުދަންތައް ބަދަލުކުރުމަށް އިދާރާތަކަށް ގޮތްތަކަށް ނުނިމި އޮއްވާ ސެޕްޓެމްބަރު 2019ގައި މާލޭގެ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވީ އެވެ. އެހިސާބުން އަނެއްކާވެސް ސަރުކާރުގެ އާންމު އުސޫލުން މަޝްވަރާ ކޮށްގެން ހައްލު ހޯދަން އުޅޭ މަންޒަރު ޓީވީ ތަކުން ރައްޔިތުންނަށް ނަމެއްގައި ދައްކާލި އެވެ. ވަގުތުން ވަގުތަށް ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރާނީ ކަމަށްވެސް ބުންޏެވެ. ވަގުތުން ވަގުތަށް ގަވައިދުތައް ވެސް ހަދައި ބައެއް ކަންކަން ތަންފީޒު ކުރަންވެސް ފެށި އެވެ. ނަމަވެސް މ. ނިރުފެހިގޭގައި ހިތާމަވެރި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އިދާރާތަކުން ކަންކަން ތަންފީޒު ކުރާ މިންވަރު ބަލާލިއިރު އަދިވެސް މާލޭގައި ކެމިކަލް ހުރި ގުދަން ހުރި ބައެއް އާންމުން ބުނެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިން މި ހަގީގަތް ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެއީ ފެންނަން އޮތް ހަގީގަތެކެވެ.
"މަސައްކަތްކޮށްލި ވަރުން އޭރު އަހަރެން ހީކުރީ ދެން ކެމިކަލް ގުދަންތައް މާލެއިން ބޭރުކޮށްފައި ނޫނީ ސަރުކާރުގެ އިސްވެރިން ނޭވާވެސް ނުލާނެ ކަމަށް" ހޮޓެލެއްގައި ސައި ބޯން އިން މީހަކު އޭނާގެ ރަހްމަތެރިޔާ ކައިރީ ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް މިހާރު ނުހުންނާނެ ކަމަށާއި ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން ރައީސް ވިދާޅުވި ގޮތަށް އަމަލުކުރައްވާނެ ކަމަށް ގަބޫލުކުރަން ދަތިވެ އެވެ. ކަންކަމުގައި އިހްމާލު އޮތްލެއް ބޮޑު ކަމުން ވިދާޅުވާ ކޮންމެ އެއްޗެއް ގަބޫލުކުރަން އުދަނގޫ ވަނީ އެވެ.
ބިދޭސީންނާއި ގުދަންތަކުގެ މައްސަލަ ހައްލު ނުލިބި
މ. ނިރުފެހިގޭގައި މަރުވި 10 މީހަކުންނަކީ ވެސް ބިދޭސީން ކަމަށްވާއިރު އެ ގެއަކީ އެތައް ބިދޭސީ އަކު ތޮއްޖެހިގެން އުޅުނު ގެއެއް ކަން އަވަށްޓެރިންގެ ފަރާތުން އެނގެ އެވެ. މާލޭގައި ކުދިކުދި ތަންކޮޅުގައި އެތައް ބިދޭސީއަކު ތޮއްޖެހިގެން އުޅޭއިރު އެފަދަ އިމާރާތްތައް ގިނަ ފަހަރު ހަދާފައި ހުންނަނީ ވެސް ވަރަށް ދެރަވަރުކޮށެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ދަރަޖައަށް ތަން އޮންނާނީ ހަޑިކޮށްލާފަ އެވެ. އިމާރާތުގައި ސަލާމަތާއި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުހުރެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ މިދިޔަ ދައުރާއި މި ދައުރުގައިވެސް ބިދޭސީން އުޅޭ ތަންތަން މޮނީޓާކޮށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް މައްސަލަތަކެއް ހުށަހެޅި ކަމަށެވެ. އެކަންކަމަށް އިދާރާތަކުން އެއްވެސް ވަރަކަށް އިޖާބަ ނުދިން ކަމަށާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ހިއްސާކުރަންޖެހޭ ބިދޭސީންގެ އަދަދުތަކާ ގުޅޭ މައުލޫމާތުތައް ވެސް ސަރުކާރުން އިދާރާތަކުން ހިއްސާކޮށްފައި ނުވާ ކަމަށްވެސް ކައުންސިލް ބުންޏެވެ. އަދި އިންޑަސްޓްރިއަލް ވިލެޖަށް ގުދަންތަކާއި ވޯކްޝޮޕްތަކާއި ގަރާޖުތައް ބަދަލުކުރަން އުޅުމުން ތިލަމާލެ ބްރިޖް މަޝްރޫއުގެ ބޭނުމަށް އިންޑަސްޓްރިއަލް ވިލެޖު ސަރުކާރަށް ނެގީ ކަމަށް ކަނޑައަޅައި، ސިޓީ ކައުންސިލްގެ މަސައްކަތަށް ސަރުކާރުން ހުރަސް އެޅީ ކަމަށް ކައުންސިލުން ދެކެ އެވެ. އެހެންކަމުން މ. ނިރުފެހިގޭގައި ހިނގި ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް ސިޓީ ކައުންސިލަށް ސަރުކާރުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ކައުންސިލުން ބުނެ އެވެ. ސިޔާސީ ބޭނުމެއްގައި ކައުންސިލަށް ހުރަސް އަޅައިގެން މައްސަލައަށް ހޯދޭނެ ހައްލެއް އޮތް ކަމަކަށް ވެސް ސިޓީ ކައުންސިލުން ނުދެކެ އެވެ.
މ. ނިރުފެހިގޭގެ ތިރީގައި ގަރާޖެއް ހުރިއިރު އެ ގަރާޖުގެ މަތީގައި ދެ ފަންގިފިލާ ހަދައި ޑެކް އަޅާފައި ހުރި ފިލާ ބޭނުންކޮށްގެންނެވެ. އެތަނުގައި ހުރީ ކުދިކުދި ކޮޓަރި ތަކެކެވެ. އެ ކޮޓަރިތަކުން ކޮންމެ ކޮޓަރިއެއްގައި އުނދުނަކާއި ގޭސްފުޅިއެއް ބަހައްޓާފައި ހުއްޓެވެ. އެހެންވެ އަލިފާން ރޯވީ ގަރާޖުގައި ކަމެއް ނުވަތަ އެތަނުން ކޮޓަރިއެއްގައި ކަމެއް އަދިވެސް ސާފެއް ނުވެ އެވެ. އެއްވެސް އިދާރާ އަކުން ވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެނގޭ އެއް ކަމެއް އެބައޮތެވެ. އެއީ ނިރުފެހިގޭގައި އެތައް ބިދޭސީ އަކު އުޅެމުން ދިޔައީ ސަލާމަތާއި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅައިގެން ނޫން ކަމެވެ. އެ އިމާރާތުގެ ތިރީގައި ހުރި ގަރާޖަކީ ވެސް ހުއްދަ ނަގައިގެން ހިންގި ތަނެއް ނޫން ކަމަށް ސިޓީ ކައުންސިލުން ވެސް ބުނީ ހިތާމަވެރި ހާދިސާ ހިނގާ 10 މީހުން މަރުވި ފަހުންނެވެ. އިދާރާތަކަށް ކަންކަން ބެލި ގަވައިދުން ފިޔަވަޅު އެޅޭނަމަ ހިނގައިގެން މިދިޔަ ގެއްލުން ބޮޑު ހިތާމަވެރި ހާދިސާގައި ލިބުނު ގެއްލުން ކުޑަކުރެވުނީހެވެ.
މާލޭގެ ކޮންމެ ދިމާލަކުންވެސް ރޯވެދާނެ
ތޮއްޖެހިފައިވާ މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އަލިފާން ރޯވެއްޖެނަމަ ހުޅުގަނޑު ނިއްވާލުމަށްވެސް ހުރި ގޮންޖެހުންތައް ބޮޑެވެ. މާލޭގެ މަގުތައް ހަނިވުމާއި އިމާރާތްތަކުގެ އޮނިގަނޑު ޑިޒައިން ކުރެވިފައިވާ ގޮތާއި އަދި ސަލާމަތީ ފަރާތްތަކުގެ އަތުގައި ޒަމާނީ ވަސީލަތްތައް ނެތުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ. މާލޭގެ ކޮންމެ ދިމާލަކުންވެސް ރޯވެދާނެ ކަމުގެ އަލާމާތްތައް ފެންނަން ހުރިއިރު މައްސަލައަށް އަވަސް ހައްލެއް ހޯދަންޖެހެ އެވެ. އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރަށް އޮތް ޒިންމާ އެކެވެ.
މާލޭގެ ގިނަ މަގުތައް ހަނިކޮށް އޮންނަ އިރުވެސް މަގުތަކުގައި ވެހިކަލްތައް ޕާކްކޮށްފައި ހުންނަނީ ހާދިސާއެއް ހިނގާ ވަގުތު ކުއްލި އެހީއާއި ކުއްލި ފަރުވާ ދޭން ވަރަށް ބޮޑަށް ދަތިވާ ގޮތަށެވެ. އެކަމުގެ ސަބަބުން އަލިފާން ނިއްވާ އުޅަނދުތަކަށް ބައެއް މަގުތަކަށް ވަނުމަށް ދަތިވެ ހާދިސާއެއް ލިބޭ ގެއްލުން ބޮޑުވެ އެވެ. މާލޭގައި ގިނަ އިމާރާތްތައް ހަދާފައި ހުންނަނީ ވެސް އަލިފާނުން ރައްކާތެރިވެވޭ ގޮތަށް ފަޔާ ސިސްޓަމްތައް ހިމަނައިގެނެއް ނޫނެވެ. އިމާރާތްކުގެ ވެރިން ބޭނުންހާ ގޮތަކަށް އިމާރާތް ކުރެވެނީވެސް އިދާރާތަކުން ބަލަންޖެހޭ މިންވަރާ ގާތަށް ކަންކަން ނުބާލަތީ އެވެ.
އަލިފާން ނިއްވުމަށް ބޭނުންވާ ޒަމާނީ ބައެއް ވަސީލަތްތައް ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ނެތުމަކީވެސް އޮތް ކަންބޮޑުވުމެކެވެ. މާލޭގެ މަޖީދީ މަގުގައި 2016 ވަނަ އަހަރު ކޯސްޓްލައިންގެ ފިހާރައިގައި ރޯވެ އިތުރު ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައީ ސިފައިންގެ އަތުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުންނެވެ.
އެ ހާދިސާގައި އަލިފާން ކޮންޓްރޯލް ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ލޮރީއެއް ގެނެސް ފޯމް ޖަހައިގެންނެވެ. މާލޭގައި ފޮމް ލޮރީއެއް ނުބާއްވަނީ ކީއްވެ ކަމެއް ނޭނގެ އެވެ. ކޯސްޓްލައިން އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ މާލޭގައި ހުރި ހައިޑުރަންޓް ސިސްޓަމްތަކުން ޕްރެޝަރުގައި ފެން ނުލިބޭ ކަމަށްވެސް އޭރު ބުނެފައެވެ. މިހާރު ހާލަތު ހުރި ގޮތެއް ނޭނގެ އެވެ.
"ކުރިއަށް އޮތް ދެ ތިން ދުވަހު ސަރުކާރުގެ އިސްވެރިންނާއި އާންމުންވެސް ވަރަށް ގިނައިން މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ވާހަކަ ދައްކާނެ. ފިޔަވަޅު އަޅާނެ ކަމަށްވެސް ވެރިން ބުނާނެ. އެކަމަކު ހަމަ ދުވަސްކޮޅެއް ވާނީ. އަނެއްކާވެސް ހަނދާން ނެތިގެން ދާނެ." ރިޓަޔާކޮށްފައި ހުންނެވި އެމްއެންޑީއެފް ކުރީގެ އިސްވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ވެރިރަށް މާލޭގައި ފިޔަވަޅު އެޅުން އަވަސްކޮށް ހައްލުތަކެއް ހޯދަންޖެހެ އެވެ. އެހެން ނޫނީ މ. ނިރުފެހިގެއާއި ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި ފަދަ ހިތާމަވެރި ހާދިސާތައް ހިނގުން އަދިވެސް އޮތީ މާދުރަކު ނޫނެވެ.