ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

އަލިފާނުގެ ހާދިސާ: ވަގުތީ ހިޔާތަކުގައި 29 މީހުން

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ވަގުތީ ހިޔާތަކުގައި ޖުމުލަ 29 މީހަކު ތިބި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ވަގުތީ ހިޔާތަކުގައި ތިބީ 15 ދިވެހިންނާއި 14 ބިދޭސީން ކަމަށެވެ. މީގެތެރެއިން ނުވަ ބިދޭސީންނަކީ ނިރުފެހިގޭގައި ދިރިއުޅެމުން ދިޔަ މީހުން ކަމުގައި ހިސާން ވިދާޅުވި އެވެ.

"ހާލުގައި ޖެހުނު ބިދޭސީންނާ ދިވެހިންގެ މެދުގައި އެއްވެސް ވަރަކަށް ތަފާތު ކުރުމެއް ނެތި އަޅުގަނޑުމެން މިދަނީ ޒަރޫރީ އެހީތެރިކަން ފޯރު ކޮށްދެމުން،" ހިސާން ވިދާޅުވި އެވެ.

އެނާ ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް ގެސްޓް ހައުސްތަކުގައި ވަގުތީ ގޮތުން ދިރިއުޅެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިހާތަނަށް 90،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

މ. ނިރުފެހިގޭގައި 18 ވަރަކަށް ބިދޭސީން ދިރިއުޅުނު ކަމަށް އެގޭގެ އަވަށްޓެރިން މައުލޫމާތުދެ އެވެ. އެގެއަކީ ލަކުޑި ބޭނުންކޮށްގެން ޑެކު އަޅައިގެން ދެ ބުރިއަށް ހަދާފައި ހުރި 10 ކޮޓަރި ހިމެނޭ ގެއެކެވެ.

މި ހާދިސާގައި މިހާތަނަށް 10 މީހުން މަރުވެފައިވާއިރު، އެކަކަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މަރުވި މީހުންގެ ހަށިގަނޑުތައް ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފަ އެވެ.

އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ކަމާ ގުޅޭ އިދާރާތަކަށް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.