އަލިފާން

އެކުވެރިންގެ ޚަބަރެއް ނުވާތީ ގޮތްހުސްވެފައި

މާ ލޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާ ރޭ ހިނގީ މ. ނިރުފެހިގޭގަ އެވެ. އެ ހާދިސާގައި މިހާތަނަށް 10 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެމީހުން ތިބީ ލޯބިވާ މައިންބަފައިންނާއި އާއިލާގެ މެންބަރުންނާއި އެތައްހާސް މޭލެއް ދުރުގަ އެވެ. މާލޭގައި ދިރިއުޅެމުންދިޔަ ގޭގައި އަލިފާން ރޯވެ އަނދައި އަޅިއަށްވެ އެތައް ބައެއްގެ ފުރާނަ ގެއްލިގެންދިޔައިރު އާއިލާގެ މެންބަރަކު ކައިރީގައި ނެތެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގެ ތިރީގައި ގަރާޖެއް ހުންނައިރު މަތީ ދެ ފަންގިފިލާގައި ދިރިއުޅެނީ ބިދޭސީންނެވެ. މައިގަނޑު ގޮތެއްގައި ދިރިއުޅުނީ އިންޑިއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

އިމާރާތުގެ ހާލަތު ވަރަށް ދަށް

އިންސާނުންތަކެއް ދިރިއުޅެމުންދިޔަ މ. ނިރުފެހިގޭގެ ހާލަތު ވަރަށް ދަށެވެ. ލަކުޑި ޑެކް އަޅައިގެން ހަދާފައިވާ ތަނުގައި ހުރި ކޮޓަރިތަކުގައި މުޅިންހެން ދިރިއުޅެމުން ދިޔައީ ބިދޭސީން ނެވެ.

ފިލައިން ޑެކް އަޅައިގެން މަތީގައި ދިރިއުޅުނު މީހުންގެ ތެރެއިން އަލިފާން ރޯވުމާ އެކު ސަލާމަތުން ނިކުމެވުނީ މަދު ބަޔަކަށެވެ. ހާދިސާގައި ގިނަ ބަޔަކު މަރުވާން މެދުވެރިވީ ތަނުގެ ހާލަތު ހުރި ގޮތުން ބޭރަށް ނުނިކުމެވި ތާށިވެގެންނާއި ދުމާއި ކެމިކަލްގެ ވަހުން ހާސްވެގެން ކަމަށް ގަބޫލުކުރެވޭ އެތައް ކަމެއް ހުރީ ދިމާއަށް ފެންނާށެވެ. އަލިފާން ރޯވި ތަނުގައި ބަޔަކު ތިބިކަން ސަލާމަތީ ފަރާތްތަކަށް ރޭކާލީވެސް ރޯވި ތަނުން ސަލާމަތްވެގެން ނިކުން ބިދޭސީންތަކެއް އެ ވާހަކަ ދެއްކުމުންނެވެ. .

ބިދޭސީން ދިރިއުޅެމުންދިޔަ މި އިމާރާތުގައި "ކުދި ގޮޅިތަކެއް" ހަދައި ވަކިން ކައްކާ ކެވޭ ގޮތަށް އުނދުން ހުރީ ބަހައްޓާފަ އެވެ. އެހެންވެ އަލިފާން ރޯވާން ދިމާވި އަސްލު ސަބަބެއް އަދިވެސް ސާފެއް ނޫނެވެ. ފަހަރުގައި އުނދުނެއްގައި ރޯވީ ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް މ. ނިރުފެހިގޭގެ އަވަށްޓެރިން ބުނާ ގޮތުގައި އަލިފާން ރޯވީ ގޭގެ ތިރީގައި ހުރި ގަރާޖެއްގަ އެެވެ.

"އެތަނުގައި ދޭތެރެ ދޭތެރެއިން މިކަހަލަ ކަންކަން ހިނގާ. މީގެކުރިން އެފަދަ ހާދިސާތައް ބޮޑު ކަމަކަށް ވެގެން ނުދަނީ. ރޭގައިވެސް ފުރަތަމަ ހުޅުގަނޑު ފެނުނީ އެތަނުން. ބޮޑަށް ބުރަ ވެވެނީ ގަރާރުޖައި ރޯވެ ފަހުން ހުޅުގަނޑު ފަޅައިގެން ދިޔައީމާ،" އަވަށްޓެރިޔަކު އަވަސްއާ ވާހަކަދައްކަމުން ބުންޏެވެ.

ގާތް އެކުވެރިޔާ ހޯދުމުގައި

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ދިރިއުޅުނު މީހުންގެ އެކުވެރިން ދަނީ އެ މީހުންގެ އެހެން އެކުވެރިންނާއި އަވަށްޓެރިން ކޮބައިތޯ ހޯދައި ބަލަމުންނެވެ. އެކަމަކު އެކުވެރިޔާ ހޯދުމަށް ކުރަންވީ މަސައްކަތެއް ނޭނގި ގޮސް ހުސްވެފައި ތިބި ބިދޭސީންތަކެއް ވެސް ފެނުނެވެ. މަރުވި މީހުންނަކީ ކޮން ބައެއްކަން އަދިވެސް މުޅިން ސާފު ނުވާތީ ސަލާމަތްވި ބިދޭސީންނަށް އޮތް ކަންބޮޑުވުން ބޮޑެވެ.

ބިދޭސީންގެ އެކުވެރިން ތިބީ އެމީހުންގެ އެކުވެރިޔާ ހެޔޮ ހާލުގައި ހުއްޓާ ފެންނާނެ ކަމުގެ އުންމީދު ގައެވެ. ރޯވެ އަނދާފައިވާ ހަށިގަނޑުތަކުން އެއީ އަންހެނެއްކަން ނުވަތަ ފިރިހެނެއް ކަން ވަކި ކުރަން ނޭނގޭތީ ބިދޭސީން ތިބީ އެކުގައި ދިރިއުޅުނު އެމީހުންގެ އެކުވެރިން ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.

"އަހަރެން އަދިވެސް އެއް ފްރެންޑް ނުފެނޭ. އޭނާ މަރުވީ ކަމެއް އެހެން ތަނަކަށް ދިޔައީ ކަމެއްވެސް އަދި ނޭނގޭ. އަހަރެން މިހުރީ ދެރަވެފައި އޭނާގެ ހަބަރެއް ނުވާތީ،" އަލިފާނުގެ ހާދިސާގައި ސަލާމަތްވި ބިދޭސީ އަކު ބުންޏެވެ.

އިދާރަތަކުން ދައްކާ ވާހަކަ

އަލިފާނުގެ ހާދިސާ ހިނގި ތަން އިތުރަށް ބެލުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވެސް ދަނީ ކުރަމުންނެވެ. އެތަނުގައި އިތުރު ބަޔަކު ތިބިކަން ކަށަވަރު ނުވާ ކަމަށް އެމްއެންޑީއެފުން ހެނދުނު ބުންޏެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް އިބްރާހީމް ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އެކި ބާވަތްތަކުގެ ގޭސް ހުރި ކަމަށާއި އެކަމުގެ ސަބަބުން އަލިފާން ކޮންޓްރޯލްކުރަން އުނދަގޫވި ކަމަށެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް ދަންނަވަން އޭނާއަށް ދައްޗެވެ.

އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅޭ ތަނެއްގަ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ މިހާދިސާ އާއި ގުޅިގެން އެންމެ ފުރަތަމަ މަރުހަލާގައި 28 ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށް ދިން ކަމަށެވެ. ނަމަވެސް އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ނުވަ ބިދޭސީން ކަމަށާއި ބާކީ ތިބި މީހުން އެމީހުންގެ އެޖެންޓުން ގެންގޮސްފައިވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

"މާފަންނު ސްޓޭޑިައަމްގައި ތިބި މީހުންނައް ދަނީ ކެއުން ބުއިމުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައް ފޯރު ކޮށްދެވެމުން." ހެނދުނު ހިސާން ވިދާޅުވި އެވެ.

އެންމެ ފަހުގެ ހާލަތު

އަލިފާން ރޯވި ގެއިން މަރުވެފައިވާ 10 މީހެއްގެ ހަށިގަނޑު ނެރުނުއިރު އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ފަހުން ގެންދިޔަ މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެހެންވެ މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އިތުރުވެފަ އެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި އިމާރާތެއްގަ އެވެ. ހާދިސާ ހިނގި ސަރަހައްދުގައި ސިފައިންނާއި ފުލުހުންނާއި ދިވެހި ރެޑްކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް އިދާރާ އަކަށް އަދި ސާފު ނުވާތީ އެ މައުލޫމާތު އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން މީހުންވެސް ނެރުނެވެ. އިމާރާތް ތަކުން ނެރުނު މީހުންގެ ތެރޭގައި 30 ދިވެހިންވެސް ހިމެނެ އެވެ.