ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

އަލިފާނުގެ ހާދިސާގައި ހަތަރު ގެއަކުން 30 ދިވެހިން ނެރުނު

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގެއަކުން 30 ދިވެހިން ނެރެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވެއްޖެ އެވެ.

އަލިފާނުގެވ ހާދިސާއާއި ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ހަސަން ވިދާޅުވީ ގެތަކުން ނެރުނު މީހުން އެންމެ ފުރަތަމަ ގެންދިޔައީ މާފަންނު ސްޓޭޑިއަމަށް ކަމަށެވެ.

އެތަނުގައި މީހުންނަށް ތިބެވޭނެ ގޮތްތަކެއް ހެދުމަށްފަހު އަލިފާން ރޯވި އިމާރާތް ހުރި ސަރަހައްދުން 28 ބިދޭސީން ވެސް ސްޓޭޑިއަމަށް ގެންދެވުނު ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެންޑީއެމްއޭގެ ބެލުމުގައި މިހާރު ތިބީ ނުވަ ބިދޭސީން ކަމަށާއި ބާކީ ތިބި މީހުން އެމީހުންގެ އެޖެންޓުން ގެންގޮސްފައިވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

"މާފަންނު ސްޓޭޑިައަމްގައި މިވަގުތު ތިބި މީހުންނައް ދަނީ ކެއުން ބުއިމުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައް ފޯރު ކޮށްދެވެމުން." ހިސާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދު ހަމައަށް އެޅޭ ވަރަކުން މީހުން އަނބުރާ އެ މީހުން ދިރިއުޅުނު ގެތަކަށް ބަދަލު ކުރަމުން ދާނެ ކަމަށެވެ.

ބަދަލުނުކުރެވޭ ހާލަތުގައި ހުރި ގެތަކުގައި ދިރިއުޅޭ އާއިލާތައް ގެސްޓްހައުސް ފަދަ އިމާރާތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމުގައިވެސް ހިސާން ވިދާޅުވި އެވެ. މި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު މީހުންނާޢީ އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލައި އެ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި ކުރިއަށްދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވެފައި ގިނައިން ތިބީ ބިދޭސީންނެވެ. އޭގެ ބައެއް މީހުން އެ މީހުންނާ އެކު އުޅުނު ބައެއް އެކުވެރިންނާއި އާއިލާ މީހުންގެ ހަބަރެއް ނުވެގެން އުޅޭތަން ވެސް ފެނުނެވެ.

އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.