މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް މިހާރު ނުހުންނާނެ ކަމަށާއި ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭގައި އަލިފާނުގެ ހާދިސާ ހިނގި އިމާރާތް ހުރި ސަރަހައްދަށް މިއަދު ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި މާލޭގައި ހިންގާ ގަރާޖުތަކާއި ވޯކްޝޮޕްތައް މާލެއިން ބޭރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ ބޮޑު ކަމަކީ މާލެ ތޮށްޖެހުން ކުޑަކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު މާލޭގައި ހިންގަމުންދާ ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރަންޖެހޭ ކަން ރައީސްވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ. އެގޮތުން ގުޅީފަޅާއި ތިލަފުށީގައި ތަރައްގީކުރަމުންދާ ސަރަހައްދުތަކުގައި މިފަދަ ތަންތަނަށް ހާއްސަ ސަރަހައްދެއް މިހާރު ތައްޔާރުކޮށްފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލޭގައި ބިދޭސީން ދިރިއުޅެމުންދާ ތަންތަނާއި ގަރާޖުތަކާއި ވޯކްޝޮޕްތައް މޮނީޓާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކުރުމުން އެކަމަށް މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާތީ ނޫސްވެރިއަކު ވަނީ އެ ސުވާލު ރައީސްއަށް އަމާޒު ކޮށްފަ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ އެކަން އޮތް ގޮތެއް ބައްލަވާނެ ކަމަށެވެ.
"ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލު ކުރުން އެއީ ކުރަން ޖެހިފައި އޮތް ކަމެއް. ދެން ތިވިދާޅުވި ކަންތައްތައް އަޅުގަނޑު ބަލާނަން. ތިކަހަލަ ރިޕޯޓެއް ހުށަހަޅާފައި އޮތްތޯ. އޮވެއްޖިއްޔާ އޭގައި އޮތް ގޮތަށް އަމަލުކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ގަރާޖާއި ވޯކްޝޮޕްތައް އެ ސަރަހައްދަކަށް ބަދަލުކުރުމަކީ މިހާރުން މިހާރަށް ހައްލު ގެންނަން ޖެހޭ މައްސަލައެއް ކަމަށާއި މިކަން ކުރަން ލަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މާލޭގައި ހިންގަމުން ދިޔަ ކެމިކަލް ގުދަނެއްގައި 2019 ވަނަ އަހަރު ރޯވުމުގެ ސަބަބުން އޭރު ކުރެވުނު މަސައްކަތުން ހުރިހާ ކެމިކަލް ގުދަނެއް މާލެއިން ބޭރަށް ބަދަލު ކުރެވުނު ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"މިހާރު މާލޭގައި ހުރެގެން ނުވާނެ ކެމިކަލް އެއްވެސް ގުދަނެއް. އަޅުގަނޑަށް ހަމަ ޔަގީން މިހާރު ނުހުންނާނެކަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ކަމާބެހޭ ފަރާތަކާއެކު ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށާއި ބައްދަލުވުމުގެ މައުލޫމާތު މީޑިއާތަކާއި ފަހުން ހިއްސާ ކުރާނެ ކަމަށެވެ. މިބައްދަލުވުމުގައި އެމްއެންޑީއެފް، ޕޮލިސް، ޑިފެންސް މިނިސްޓްރީ، ހޯމް އެފެއާޒް، އިކޮނިމިކް މިނިސްޓްރީ، ފޮރިން އެފެއާޒް އަދި ކަމާބެހޭ އެހެން އިދާރާތައް ބައިވެރިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ އަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި 10 މީހަކު މަރުވި އެވެ. އަލިފާން ރޯވި އިމާރާތުން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ސިފައިން ކަށަވަރުކޮށްދެ އެވެ. އަލިފާން ރޯވިތަނުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ވަނީ މަރުވެފަ އެވެ.