ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ހާލުގައި ޖެހުނު 33 މީހުން ގެސްޓް ހައުސްތަކަށް

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ވަގުތީ ހިޔާތަކުގައި ޖުމުލަ 33 މީހަކު ތިބި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޑިރެކްޓަރު ފަރޫޝާ އަލީ ނަސީރު ވިދާޅުވީ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުން މިވަގުތު ތިބީ މާލޭގެ ގެސްޓް ހައުސްތަކެއްގައި ކަމަށެވެ. މީގެތެރޭގައި 18 ދިވެހިން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

ބާކީ ތިބި 15 މީހުންނަކީ ބިދޭސީންނެވެ. އެއީ އިންޑިއާގެ 14 މީހުންނާ ބަންގްލަދޭޝްގެ މީހެކެވެ.

"މި ހުރިހާ މީހުންނަކީވެސް ސީދާ އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބި މީހުން،" ފަރޫޝާ ވިދާޅުވި އެވެ.

ނިރުފެހިގޭގައި އަލިފާން ރޯވި ދުވަހު ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެ ދުވަހު އެކަނިވެސް އެންޑީއެމްއޭ އިން ވަނީ 90،000 ރުފިޔާ ހަރަދުކޮށްފަ އެވެ. ހާދިސާ ހިނގިތާ މިއަދަށް ތިން ދުވަސް އެހީވުމަށް މާބޮޑު ހަރަދުތަކެއް އިތުރަށް އަދި ކޮށްފައި ނުވާ ކަމަށްވެސް ފަރޫޝާ ވިދާޅުވި އެވެ.

"އެންމެފަހުން ނެރުން އަދަދުގެ އަޕްޑޭޓަށްފަހު މާބޮޑު އެއްޗެއް އިތުރެއް ނުވާނެ. 29ގެ ތެރެއަށް އިތުރުވި ހަތަރު ބޭފުޅުންނަށް ހަރަދެއް ގޮސްފައި ހުއްޓަސްވެސް ހުންނާނީ. ސީދާ އަދަދު މިއަދުގެ ވަގުތެއްގައި ހިއްސާ ކޮށްލާނަން،" ފަރީޝާ ވިދާޅުވި އެވެ.

މ. ނިރުފެހިގޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގާ 10 މީހުން ވަނީ މަރުވެފަ އެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ނިރުފެހިގޭގައި ރޯވި ތަނުގައި ގޭސް ފުޅިތަކެއް ގެންގުޅެފައިވާ ކަމަށް އެނގިފައިވެ އެވެ.