އީޕީއޭ

ރޯވި ސަރަހައްދުގެ ޖައްވުގައި ނުރައްކާތެރި މާއްދާ ހިމެނޭ: އީޕީއޭ

އަލިފާން ރޯވި އިމާރާތުން އަރަމުންދާ ދުމުގެ ތެރޭގައި އިންސާނުންގެ ފުރާނަޔަށް ނުރައްކާވާ ކަހަލަ ވިހަ މާއްދާތައް ހިމެނޭ ކަމަށް އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ނޫސްތަކަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އިންސާނުންގެ ފުރާނަޔަށް ނުރައްކާވާ ކަހަލަ ނުރައްކާ މާއްދާތައް ދުމުގައި ހުރިކަން އެސަރަހައްދުގައި ހުރެ ނޭވާލަމުން ދާއިރު ފާހަގަވާ ކަމަށެވެ.

"މި މާއްދާތައް މިހާރު މިހުރީ ކިހާވަރަކަށް ތޯ ހޯދުމުގެ މަސައްކަތް ކުރަން މިއުޅެނީ." ނައީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވި ސަރަހައްދާ ވަރަށް ގާތުގައި އަދި ދުމުގެ އަސަރުވެސް ކުރާ ހިސާބުގައި ބައެއް މީހުން މާސްކު އަޅައިގެން ނޫޅޭތީ ނައީމު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަމުގައި އިތުރަށް ކުރިއަށް ދާނެ ގޮތުގެ އިރުޝާދު އެ ހިސާބުގައި ހަރަކާތްތެރިވަމުންދާ ފުލުހުންނަށް ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން މީހުންވެސް ނެރުނެވެ. ނަމަވެސް އިތުރު އިމާރާތެއްގައި އަލިފާން ރޯވެ އިތުރު ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގަ އެވެ. ހާދިސާ ހިނގި ސަރަހައްދުގައި ސިފައިންނާއި ދިވެހި ރެޑްކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.