ރިޕޯޓް

އަލިފާން ނިވާ ނިޒާމް މާލޭގައި ރަނގަޅުތަ؟

  • ހައިޑުރަންޓް ސިސްޓަމުގައި މައްސަލަ އުޅޭ
  • އަލިފާން ނިއްވާނެ ފަހުގެ ވަސީލްތަތައް ބޭނުންވޭ
  • އިއްޔެގެ ހާދިސާއިން ފިލާވަޅު ހޯދަން ޖެހޭ

އިއްޔެ މާލޭގައި ހިނގާ ދިޔައީ މިއިން ދުވަހަކު ނުހިނގާވަރުގެ ނުރައްކާތި އަލިފާނުގެ ހާދިސާއެކެވެ. މަޝްހޫރު ވިޔަފާރި ކުންފުނި، ކޯސްޓްލައިންގެ މައި ފިހާރާގައި ރޯވެ އަނދައި އަޅިއަށްވީ އެވެ. ހާދިސާ ހިނގުމާއެކު އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވި އެވެ. ނަމަވެސް އަލިފާންގަނޑު މައިތިރި ކުރުމުގައި މާބޮޑު ކަމެއް ނުކުރެވި ހުލިވީ އެވެ. މި ހާދިސާގައި ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ސިފައިންގެ އަތުގައި އަލިފާން ނިއްވާނެ އާލާތްތައް ނެތީ ހެއްޔެވެ؟ ނުވަތަ މާލޭގައި ގާއިމްކޮށްފައިވާ އަލިފާން ނިވި ނިޒާމް ރަނގަޅު ހެއްޔެވެ؟

"ވަރަށް ދުރުން ފެން މި ގެންނަން މި ޖެހެނީ، މާލޭގައި މިހިރަ ހައިޑުރަންޓް ސިސްޓަމަކުންނެއް ޕްރެޝަރުގައި ފެނެއް ނުލިބޭ، އަޅުގަނޑުމެން އެތާކައިރީ ހުރި ހުރިހާ ހައިޑްރޯން ސިސްޓަމަކުން ގުޅީމަ ވެސް ފެނެއް ނުލިބޭ،" "ސަން " އޮންލައިނަށް ދީފައިވާ އިންޓަވިއުއެއްގައި އެމްއެންޑީއެފްގެ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވި އެވެ.

ސިފައިންގެ ވާހަކަ ތަކުން އެނގޭ ގޮތުގައި މާލޭގައި އަލިފާން ނިއްވުމަށް ގާއިމްކޮށްފައިވާ "ހައިޑުރަންޓް ސިސްޓަމުން" ރަނގަޅަށް ފެނެއް ނުލިބެ އެވެ. ނުވަތަ މި ސިސްޓަމް ވަނީ ހަލާކުވެފަ އެވެ. މާލޭގައި ފެނުގެ ނިޒާމު ބަލަހައްޓަނީ ގައުމީ ފެން ކުންފުނިންނެވެ. ނަމަވެސް މިހާތަނަށް އެ ކުންފުނިން މިކަމުގައި އަދި ބަހެއް ބުނެފައެއް ނުވެ އެވެ.

ދެން އޮތް ސުވާލަކީ ހައިޑްރަންޓް ސިސްޓަމްގައި މައްސަލަ އުޅޭކަމުގެ ޝަކުވާ އައީ މި ފަހަރު ހެއްޔެވެ؟ ދާދި ފަހުން ލިލީ ގުދަނުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ކޮންޓްރޯލް ކުރުމުގައި ވެސް ހައިޑްރަންޓް ސިސްޓަމުން ފެން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ސިފައިންގެ މަސައްކަތްތަކަށް ވަނީ ބުރޫ އަރާފަ އެވެ.

މާލޭގައި ގާއިމްކޮށްފައިވާ ހައިޑްރަންޓް ސިސްޓަމުން އަލިފާން ނިއްވާ ހޮޅިތަކަށް ޕްރެޝަރު ނެގޭ ވަރަށް ފެން ދޫކުރެވޭނީ ހަތްބާ އާ ހިސާބަށް ފެން ލިިބިގެންނެވެ. ނަމަވެސް މިހާރު މި ސިސްޓަމް ހުރި ގޮތުން ފެން ލިބެނީ ތިން ބާއާ ހަމައަށް ކަމަށްވެ އެވެ. މީގެ މާނައަކީ އަލިފާން ނިއްވުމަށް އެކަށީގެންވާ ޕްރެޝަރު ނުލިބުމެވެ. އެހެންވެ ދެން އޮންނަ އޮޕްޝަނަކީ މޫދުން ފެން ނެގުމެވެ. މިކަން ކުރުމަށް ބަލާއިރު ދުރުން ފެން ނަގާނަމަ އެކަށީގެންވާ ޕްރެޝަރުގައި ފެނެއް ނުލިބޭނެ އެވެ. ނުވަތަ ޕްރެޝަރު ދައްވާނެ އެވެ.

އިއްޔެގެ ހާދިސާގައި ސުވާލަކީ ސިފައިން ފޯމް ބޭނުން ނުކުރީ ކީއްވެގެން ހެއްޔެވެ؟ ނަމަވެސް ފަހުން އެއާޕޯޓުން ވަނީ ފޯމް ލޮރީއެއް ބާޖެގައި ގެނެސް ފޯމްވެސް ޖަހާފަ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ފޯމް ސިފައިންގެ އަތުގައެއް ނުހުރެ އެވެ. މިއީ އަގު ބޮޑު އެއްޗެކެވެ. ފޯމް ގެންނަން ޖެހުނީ އެހެންވެ އެވެ. ދެން އޮތް ސުވާލަކީ އަލިފާން ނިއްވަން ތަމްރީން ދީފައި ތިބި ބަޔަކަށް އެކަށީގެންވާ ވަސީލަތްތައް ހޯދައިދީފައި ނެތީ ކީއްވެގެން ހެއްޔެވެ؟

"އިއްޔެގެ ހާދިސާގައި ސިފައިން ވަރަށް ބުރަކޮށް މަސައްކަތް ކުރި. އެ މީހުންގެ ވަސީލަތް ހުރި ގޮތަށް ބަލާއިރު ބުނެވޭނީ ވަރަށް ފުރިހަމައަށް މަސައްކަތް ކުރިއޭ،" ސިފައިންގެ ފަޔާގައި ކުރިން މަސައްކަތް ކުރި މީހަކު ބުންޏެވެ.

އަލިފާން ނިއްވާނެ ޒަމާނީ ވަސީލްތައް ހޯދަން ޖެހޭ

މާލޭގެ ތޮއްޖެހުމާއި ގެދޮރު ހުރި ގޮތައް ބަލާއިރު މާލެއަކީ ދުނިޔޭގައި ވެސް އޮތް އަލިފާން ނިއްވާ މީހުންނަށް އެންމެ ނުރައްކާ އެއްތަން ކަމަށް ބުނެވިދާނެ އެވެ. ސަބަބަކީ ގިނަ މަގުތަކަށް ފަޔާ ލޮރީއެއް ނުވަދެވުމެވެ. އަދި ގިނަ އިމާރާތްތައް ފަރުމާކޮށްފައިވަނީ އަލިފާނުގެ ފަޔާ ސިޑިއެއް ވެސް ނެތި އެވެ. ނަމަވެސް މާލެ ފަދަ ބައިބޯ ތަންތަނުގައި އަލިފާން ނިއްވުމަށް އެކަށީގެންވާ ކިތަންމެ އާލާތެއް ދުނިޔޭގައި މިހާރު އެބަ ހުއްޓެވެ. ޓެކްނޮލޮޖީ އެބަ ހުއްޓެވެ. މީގެ ތެރޭގައި އެކައްޗަކީ އަލިފާން ނިއްވުމަށް ހާއްސަކޮށްފައި ހުންނަ ހެލިކޮޕްޓަރެވެ. މީގެ އުޅަނދެއް ރާއްޖެއަށް މުހިންމުކަން ބޮޑެވެ.

ފެން އުފުލާނެ ބިޔަ ދަބަހެއް އެލުވާފައި ހުންނަ މި "ބަންބީ ބަކެޓް" ހެލިކޮޓަރެއް ރާއްޖެއަށް ބޭނުންވެ އެވެ. މީގެ އުޅަނދެއް ހޯދައިފިނަމަ ފެން ފުރާލައިގެން ގޮސް އިމާރާތުގެ މަތިންވެސް ފެން ޖެހިދާނެ އެވެ.

އަލިފާނުގެ ހާދިސާ ތަކަށް ދުރާލާ ތައްޔާރުވެ ތިބެން ޖެހެ އެވެ. އަދި މިފަދަ މަސައްކަތްތަކުގައި ހަރަކާތެރިވާން ތިބި މީހުންނަށް އެކަށީގެންވާ ވަސީލަތްތައް ހޯދައިދޭން ޖެހެ އެވެ. މިއީ ކުރަން ޖެހޭ ކަމެކެވެ.