ރިޕޯޓް

އެލާމްސްގެ ކާމިޔާބު 25 އަހަރު

ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅު މަރުކަޒީ ބެންކު އެމްއެމްއޭގެ ތިޖޫރީ ފަޅާލަން ބަޔަކު ކުރި މަސައްކަތްތަކެއް ފަޅާއެރި އެވެ. އެއް ފަހަރު ފުލުހުން އެކަން ހުއްޓުވީ ތިޖޫރީ ފަޅާލަން އެ ބަޔަކު ވަދެ ތިއްބަ އެވެ. ދެވަނަ ފަހަރު ފަހަރު ވަގުން އަތުލައިގަތީ އެމްއެމްއޭގެ ފުރާޅު މަތިންނެވެ. އޭގެ ފަހުން ސްރީ ލަންކާއަށް ނިސްބަތްވާ ބަޔަކު ސީދާ އެކަމަށް ރާއްޖެ އައިސް އުޅުމުގެ ތެރޭގައި އެއިން އެކަކު ހައްޔަރު ކޮށް ތަހުގީގު ހިންގުނެވެ. މި ހާދިސާތަކާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ދިރާސާ އެއް ކުރުމަށް އެމްއެމްއޭއަށް ފޮނުވި ޓީމުގައި އުމަރު ނަސީރު ހިމެނިވަޑައިގަތެވެ.

އެ މައްސަލަތަކަށް އޮތް ހައްލަކީ ރަނގަޅު ސެކިއުރިޓީ އެލާމް ސިސްޓަމެއް ކަމަށް އޭރު ވެސް އުމަރު ނަސީރު ދެންނެވިއެވެ. ނަމަވެސް އެއީ ސަރުކާރުގެ އިދާރާއަކަށް ކުރެވޭނެ މަސައްކަތަކަށް ވުރެ ބޮޑަށް އެއީ އަމިއްލަ ކުންފުނިތަކުން ކުރަން ޖެހޭ މަަސައްކަތެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެ ވާހަކަ އޭރުގެ ވެރިންނަށް ވެސް ދެންނެވި އެވެ.

ސިފައިންގެ ހިދުމަތުން ވަކިވުމަށް ފަހު އުމަރު ފެއްޓެވީ އެ މަސައްކަތެވެ. ޕްރައިވެޓް ސެކިއުރިޓީ އަދި ފަޔާ ސޭފްޓީގެ ހިދުމަތް ދިނުމުގެ މަސައްކަތަށެވެ. އެކަމަށް ޓްރޭޑް މިނިސްޓްރީން ހުއްދައެއް ހޯދާ އެ މަސައްކަތް ފެށީ 1995 ވަނަ އަހަރު އެވެ. މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕްރައިވެޓް ސެކިއުރިޓީ އަދި ފަޔާ ސޭފްޓީގެ ހިދުމަތްދޭ "އެލާމްސް ޕްރައިވެޓް ލިމިޑެޓް" ގެ އުފެދުމަކީ އެއީ އެވެ. ނަމަވެސް ފުރަތަމަ އެ ކުންފުނި އުފެދުނީ "'ރިލޭބަލް އެލާމްސް" ގެ ނަމުގައެވެ.

"އަޅުގަނޑު ބޭނުންވީ ޕްރައިވެޓްކޮށް ސެކިއުރިޓީ އަދި ފަޔާ ސޭފްޓީގެ ހިދުމަތް ރާއްޖޭގައި ފަށަން. އެއީ 1995 ވަނަ އަހަރު. އެ މަސައްކަތް ފެށުމަށްޓަކަައި 'ރިލޭބަލް އެލާމްސް' ގެ ނަމުގައި ލޯކަލް އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކޮށްގެން އެ މަސައްކަތް މީގެ 26 އަހަރު ކުރިން އެ މަސައްކަތް ފެށީ،"

ކުންފުނީގެ މަސައްކަތް ފެށި ޓޫރިޒަމުން ނެގި ހާއްސަ ހުއްދައެއްގެ ދަށުން ރިސޯޓްތަކުގައި އަލިފާން ނިއްވާނެ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ފެށިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ޑިފެންސް މިނިސްޓްރީން ހުއްޓުވި އެވެ. އެއީ ޑިފެންސްގެ މަސައްކަތެއް ކަމަށް ބުނެއެވެ.

ނަމަވެސް ޑިފެންސްގެ ދައުރަކީ އަލިފާނުގެ ހާދިސާއެއް ހިނގުމުން އެ އަލިފާނެއް ނިއްވުމާއި ވައްކަމެއް ހިނގުމުން އެކަން ތަހުގީގުކޮށް ބެލުން ކަމަށް އުމަރު ވިދާޅުވި އެވެ. އެކަންކަން ހުއްޓުވެން އޮތް މަގަކީ ޒަމާނީ އާލަތްތަކާއެކު އަލިފާނުގެ ހާދިސާ ހިނގާފާނެ ހުރިހާ މަގުތަކެއް ބަންދު ކުރުމާއި ވަގުންގެ ކިބައިން ވިޔަފާރިތައް ސަލާމަތް ކުރެވޭނެ އާލަތްތަކުގެ ބޭނުން ހިފުން ކަމަށް ވަކާލާތު ކުރެއްވިއެވެ. އެކަން ކުރެވޭނީ އަމިއްލަ ކުންފުނިތަކަށް ކަމަށްވެސް އޭނާ ގެންދެވީ ވިދާޅުވަމުންނެވެ.

އުމަރުގެ ވިޔަަފާރިއަށް ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތަކުގެ މައުލޫމާތު ހިއްސާކޮށް އޭނާ ވަނީ ރައީސް މައުމޫނަށް ސިޓީއަކުން އެކަން ދަންނަވާފައެވެ. ނަމަަވެސް ދެން ހިނގާދިޔަ ކަންތައްތަކަށްފަހު ކުންފުނީގެ މަސައްކަތް ހުއްޓުވާ އުމަރު ނުވަ ދުވަހު ޖަލުގައި ބަންދު ކުރިއެވެ. ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރެއްވުމުން ވަރަށް ބޮޑަށް ހާލު ދެރަވެ ދެ ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ވެސް ޖެހުނެވެ.

"އޭގެ ފަހުން އަޅުގަނޑު ގެއަށް ބަދަލުކޮށް ޖަލުގަޔާ ގޭގައި މުޅި ޖުމްލަ 45 ދުވަހު ބެހެއްޓުމަށްފަހު އަޅުގަނޑު ދޫކޮށްލީ. ދޫކޮށްލާފައި މި ހިދުމަތް ދިނުމުގެ ހުއްދަ އަޅުގަނޑަށް ދިނީ މީގެ 25 އަހަރު ކުރިން 4 ފެބްރުއަރީ 1996 ގައި. އެހެންވީމަ އަދު މި ފުރުނީ ރަސްމީކޮށް މި ހިދުމަތަށް 25 އަހަރު،" އެލާމްސް ޕްރައިވެޓް ލިމިޑެޓް ވުޖޫދު ކުރުމަށް ކުރި މަސައްކަތުގެ ފެށުން ވިދާޅުވެ ދެއްވާ ކުންފުނީގެ ޗެއާމަން އުމަރު ނަސީރު ވިދާޅުވިއެވެ.

ގޮންޖެހުންތަކާއެކު ލިބުނު ހުއްދައާއެކު މިއަދު އެލާމްސް ހިމެނޭހެން މި ދާއިރާގައި 15 ކުންފުންޏަކުން ދަނީ ހިދުމަތް ދެމުންނެވެ. އެއީ ޑިމާންޑް އޮތް ފައިދާ ނެރެވޭ ދާއިރާއަކަށް ވެއްޖެއެވެ. އެލާމްސްގެ 25 އަހަރުގެ ހަޔާތުގައި އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އުމަރު ސިފަ ކުރައްވަނީ މި ދާއިރާ ކުރިއަރާ އެތަށް ވަޒީފާތަކެއް އުފެދި 15 ކުންފުންޏަކުން ހިދުމަތުގައި މިއަދު ދެމި އޮތުމެވެ.

މިދިޔަ 25 އަހަރުގެ ތެރޭގައި އެލާމްސްއިން ވަރަށް ގިނަ ރިސޯޓްތަކާއި ކުންފުނިތަކަށް ހިދުމަތް ދީފައިވެއެވެ. އެތަށް ސަތޭކަ ބަޔަކު ވަނީ ތަމްރީނު ކޮށް ހިދުމަތަށް ނެރެދީފައެވެ. ވިޔަފާރިތައް ހިމާޔަތްކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ކުރެވޭނެ ވަރަށް ގިނަ ވަސީލަތްތައް އެކި ރިސޯޓްތަކާއި ކުންފުނިތައް ހިނގާ އިމާރާތްތަކުގައި ގާއިމުކޮށްދީފި އެވެ.

އުމަރު ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމުގެ ކުރިން ރިސޯޓްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ބޮޑު ގެއްލުމެއް ލިބެނީ އަލިފާން ނިއްވުމަށް ހޭދަކުރަން ޖެހޭ ވަގުތުގެ ސަބަބުންނެވެ. މާލެއިން ފަޔާ ޓީމުތައް އަންނަންދެން ރިސޯޓްތަކުގެ މުވައްޒިފުން ތިބެނީ "ބާލިދީ" ފެން ޖަހައިގެން އަލިފާން ނިއްވާށެވެ. ނަމަވެސް އެ ކުންފުނިން ގާއިމުކޮށްދިން ވަސީލަތްތަކުންނާއި ތަމްރީން ކޮށްދިން މުވައްޒިފުންނާއެކު މިއަދު ރިސޯޓްތަކަށް ވަނީ ރައްކާތެރިކަން ޔަގީން ކުރެވިފައެވެ.

"އަޅުގަނޑުމެން މި ހިދުމަތް ފެށީމަ ކޮންމެ ރިސޯޓެއްގައި ފަޔާ ޕަންޕު ބަހައްޓާ އަލިފާން ނިއްވާ ނިޒާމު ގާއިމުކޮށް އެ އެއްޗެހި ބޭނުންކުރާނެ ގޮތުގެ ތަމްރީން ރިސޯޓްތަކުގެ މުވައްޒިފުންނަށް ދީ އަދި ކޮންމެ މަހަކު އެއް ފަހަރު އެ ތަންތަން އަޅުގަނޑުމެން އިންސްޕެކްޓްކޮށް ތަނުގެ ފަޔާ ސޭފްޓީ ކަންކަން ބަލާ ޕްރިވެންޓް ކޮށްފައި ހުންނާނީ،"

ރިސޯޓްތަކުގެ އިތުރުން މާލޭގައިވާ އުސް އިމާރާތްތަކުގެ ތެރެއިން ވަރަށް ގިނަ އިމާރާތްތަކުގައިވެސް އެލާމްސްއިން ވަނީ ވަގުންގެ ކިބައިން ސަލާމަތް ކުރާނެ އާލަތްތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކަން ލިބޭނެ ވަސީލަތްތައް ގާއިމުކޮށްފައެވެ. އުމަރު ވިދާޅުވި ގޮތުގައި އިމާރާތެއްގައި ހިނގާ އަލިފާނުގެ ހާދިސާއެއް ބޮޑު ކާރިސާއަކަށް ބަދަލުނުވެ ރައްކާތެރިކަން ލިބުމުގައި އެ ވަސީލަތްތަކުގެ ބޭނުން ވަރަށް ބޮޑެވެ. އެކަން ޓެސްޓް ކުރެވި ޔަގީން ކުރެވިފައިވާ ނިޒާމެކެވެ. އެފަދަ ކިތަންމެ ހާދިސާއެއް މިދިޔަ 25 އަހަރުތެރޭ ހިނގާ ގޮސްފިއެވެ.

"އެންމެ ބޮޑު ކާމިޔާބަކީ މިދިޔަ 25 އަހަރުތެރޭ އެތަށް ހާދިސާއެއް ޕްރިވެންޓް ކުރެވުން. ވައްކަމުގެ އެތަށް ހާދިސާއެއް އަދި އަލިފާނުގެ އެތަށް ހާދިސާއެއް ޕްރިވެންޓް ކުރެވުން. މި ހިދުމަތް އަޅުގަނޑުމެން ފެށުމުގެ ކުރިން ރާއްޖޭގައި އެވްރެޖްކޮށް ފަސް ރިސޯޓްގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާފައިވޭ. އެ ރިސޯޓްތައް ހަ މަސް ދުވަހަށް ބަންދު ކުރަންޖެހޭ ހާލަތަށް އެ ހާދިސާތަކުން ގެއްލުންވޭ. ނަމަވެސް މިއަދު އިރާދަކުރެއްވިއްޔާ އެފަދަ ހާލަތަށް ނުދޭ،" އުމަރު ވިދާޅުވިއެވެ.

އެލާސްގެ ކާމިޔާބީގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބެންކުތަކުގެ ސެކިއުރިޓީ ބެލެހެއްޓުންވެސް ހިމެނެއެވެ. މިހާރުވެސް ބައެއް ބެންކުރަކުގެ ބްރާންޗުތަކުގައި ރައްކާތެރިކަމުގެ ވަސީލަތްތައް ގާއިމުކޮށް އެތަންތަން ބެލެހެއްޓުމުގައި ތިބީ އެލާމްސްގެ ދިވެހި މުވައްޒިފުންނެވެ.

"ފަނަރަ އަހަރު ވަންދެން ރާއްޖޭގެ އެންމެ ބޮޑު ބެންކުގެ ހުރިހާ ބްރާންޗުތައް އަޅުގަނޑުމެން ބަލަހައްޓަމުން ގެންދިޔައިން. އަޅުގަނޑުމެން ބެލެހެއްޓި ފަނަރު އަހަރުގެ ތެރޭގައި އެއްވެސް ބްރާންޗެއް ވަގަކަށް ނުވަތަ ވަގުންގެ ބަޔަކަށް ފަޅާލެވިފައެއް ނެތް،" އެލާމް ސިސްޓަމް ބޭނުން ކޮށްގެން ވަރަށް ގިނަ ހާދިސާތައް ހުއްޓުވިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އެލާމްސްގެ ހިދުމަތް ފުޅާކުރެވި މިއަދު އެ ކުންފުނިން ގެންދަނީ އަލފާން ނިއްވާފުޅި ރާއްޖޭގައި ރިފިލް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެކަމަށްޓަކައި ހާއްސަ ސާވިސް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. އެ ކުންފުންޏަކީ މި ދާއިރާއިން އެންމެ ތަޖުރިބާކާރު ޓީމެއް އޮތް ކުންފުންޏަށް ވުމާއި ޓީމުގައި ތިބީ މުޅީންވެސް ދިވެހި ޓެކްނީޝަނުން ކަމަށްވުމީ އެންމެ ބޮޑު ފަހުރެވެ.

"އެންމެ ކޭޕަބަލް ޓެކްނިކަލް ޓީމެއް މި އޮތީ އެލާމްސް ޕްރައިވެޓް ލިމިޑެޓްގައި. މިދިޔަ 26 އަހަރު އަޅުގަނޑުމެން އެލާމް ސިސްޓަމެއް ނުވަތަ ފަޔާ ސިސްޓަމެއް ހަރުކުރުމަށް ފަހު އޭތި ފަންކްޝަން ނުކޮށްގެން އަތް ދޫކޮށްލާފަައި ނޯންނާނެ އެއްވެސް ސިސްޓަމެއް އިނގޭތޯ. ހުރިހާ ސިސްޓަމެއް ހުންނާނީ ރަނިން ކޮންޑިޝަންގައި. އޭގެ ހިދުމަތް ލިބިލިބި ހުންނާނީ. އެހެންވީމަ މިހާތަނަށް އަޅުގަނޑުމެން މި ދެމެހެއްޓި ރެކޯޑަކީ ކިތަންމެ ކޮންޕްލިކޭޑެޓް ސިސްޓަމެއް އަޅުގަނޑުމެން ހަރުކުރި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ނުވެގެން އެއްވެސް ސިސްޓަމެއް ދޫކޮށެއް ނުލާނެ. އަދި އަޅުގަނޑުމެން ހަރުކުރާ ސިސްޓަމަކަށް އެޓެންޑް ކުރަން ބޭރުން ބަޔަކު ގެންނާކަށް ނުވެސް ޖެހޭނެ. އަޅުގަނޑުމެންގެ ދިވެހި ޓެކްނީޝަނުން ހުންނާނީ އެކަންކަން ކޮށްފައި،"

މި އަހަރު މުޅިން އާ ހިދުމަތްތަކެއް

އެލާމްސް ޕްރައިވެޓް ލިމިޑެޓްގެ ހަޔާތުން ނުރަސްމީ ކޮށް 26 އަހަރު އަދި ރަސްމީކޮށް 25 އަހަރު ހޭދަ ކުރެވިފައިވާއިރު 2021 ވަނަ އަހަރާ އެ ކުންފުނި ކުރިމަތި ލަނީ މުޅީން އާ އުންމީދަކާއެކުގައެވެ. މުޅީން އާ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމުގެ އުންމީދުގައެވެ.

އެއް ކަމަކީ ކުންފުނިތަކާ ރިސޯޓް ތަކުގެ ޑީސަލް ނުވަތަ ޕެޓްރޯލް ތާންގީ ތަކުން ވައްކަން ކުރުން ހުއްޓުވާދޭ ނިޒާމެއް މި އަހަރު ތައާރަފު ކުރުމެވެ. މިއީ ރިސޯޓްތަކާއި ކުންްފުނިތަކުން ވަރަށް ބޮޑަށް އެދިތިބި ހިދުމަތެވެ. އެލާމްސްގެ ޗެއާމަން ވަނީ މި އަހަރު އެ ހިދުމަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މާލޭގައި ސައިކަލް ގެއްލޭ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ. އެ މައްސަލައަށްވެސް ހައްލު ހޯދާދޭން އެލާމްސް ދަނީ ތައްޔާރު ވަމުންނެވެ. އެ ގޮތުން ސައިކަލް ގެއްލޭ ގެއްލުމަށް ވެސް އިލެކްޓްރޯނިކް ހައްލެއް ވަރަށް އަވަހަށް ތައާރަފު ކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ވަރަށް ކުޑަކުޑަ ހަރަދަކުން އަގުބޮޑު މުދަލަށް މި ލިބެނީ ރައްކާތެރިކަން. އިރާދަކުރެއްވިއްޔާ މި ދެ ހިދުމަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ އުފާވެރި ހަބަރު މާތްﷲގެ ރަހުމަތުން އިއުލާނު ކުރަން،"

ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާއި ވަގުންގެ ކިބައިން މުދަލާއި ފައިސާއަށް ރައްކާތެރިކަން ދިނުމުގައި އެލާމްސްއިން ހޭދަކުރި ކާމިޔާބު 25 އަހަރަށް ފަހު އާ އަހަރާއެކު އެ ކުންފުނިން ވިޔަފާރިތަކަށް ދެނީ ހާއްސަ މެސެޖެކެވެ. މިފަދަ ހާދިސާތައް ވަރަށް ކުޑަކުޑަ ހަރަދެއް ކޮށްގެން ޕްރިވެންޓް ކުރެވިދާނެ ކަމެވެ. ގުދަނެއްގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން އާލީ ޑިޓެންޝަން ސިސްޓަމެއް ހަރުކުރުމުން ރައްކާތެރިކަން ލިބޭނެ ކަމެކެވެ. އެހެންވީމަ އަގުބޮޑު އިވެންސްމަންޓްގެ ރައްކާތެރިކަމަށް މި ފުރުސަތުގެ ބޭނުން ހިފުމެވެ.

"އަޅުގަނޑުގެ ނަޒަރުގައި އަދިވެސް ވަރަށް ބޮޑަށް ދިވެހި ވިޔަފާރިތަކަށް އެނގެން އެބަޖެހޭ އަލިފާނުގެ ހާދިސާތަކުން ނޫނީ ވަގުންގެ ކައިރިން މުދާ ރައްކާތެރިކުރުމަށް ޕްރައިވެޓް ހިދުމަތް ހޯދުން އެއީ ވަރަށް މުހިންމު ކަމެއް. އެހެންވީމަ ރާއްޖޭގެ ރިސޯޓްތަކުގައިވެސް އަދި މާލޭގައި މިހިނގާ ހުރިހާ އަލިފާނުގެ ހާދިސާތަކަކީ ޕްރިވެންޓް ކުރެވޭނެ ކަންކަން އެނގޭތޯ. އެކަމަށް ސަމާލުކަން ދެއްވުމަށް ހުރިހާ ކަސްޓަމަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" އުމަރު ވިދާޅުވިއެވެ.