އަވަސް ހުކުރު

ރިލްވާން އާއި އަފްރާޝިމް މަރުގެ ނުދައްކާ ވާހަކަތަކެއް އުމަރު ހާމަ ކުރައްވައިފި

Nov 23, 2018
43

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އާއި ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގައި އުމަރު މީގެ ކުރިން ހާމަނުކުރައްވާ ހުންނެވި ވާހަކަތައް އުމަރު ނަސީރު ހާމަ ކުރައްވައިފި އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދަދައްކަވަމުން އުމަރު ވިދާޅުވީ ޑރ. އަފްރާޝިމް މަރާލުމަށް ފަންޑު ކުރީ ކޮން ބައެއްކަން ނޭނގެއޭ ބުނެ ދައްކާ ވާހަކަތަކަކީ މުޅިން ތެދު ވާހަކައެއް ނޫން ކަމަށެވެ. އެ މައްސަލާގައި ކުރި ތަހުގީގަށް އޭނާ މަރާލުމަށް ފަންޑު ކުރި މީހުން ދެނެގަނެވުނު ކަމަށާއި އެ މީހުން ހައްޔަރުކޮށްގެން ޖަލަށް ވެސް ލި ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އެ މީހުންގެ މައްޗައް ޝަރުއީ ކޯޓެއްގައި ސާބިތު ކުރާ ވަރަށް ހެކި ނެތުނީ ކަމަށާއި އެހެންވެ އެ މީހުން ދޫވީ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އަފްރާޝިމް މަރާލުމަށް ފަންޑު ކުރި މީހުންނަކީ، އެމްޑީޕީ ބަޔަކަށް ވިޔަސް، އެއީ އެމްޑީޕީގެ ލީޑަޝިޕުން ރާވައިގެން ކޮށްފައި އޮތް ކަމެއް ނޫން ކަން ޔަގީންވާ ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ރާވައިގެން ކުރި ކަމެއް ނޫން ކަން ޔަގީން ކުރެވޭ ކަމަށް އުމަރު ވިދާޅުވި އެވެ.

"ރައީސް ޔާމީންއާ އަފްރާޝިމް މަރަކާ ގުޅުމެއް ނެތް، އަޅުގަނޑު ތަހުގީގުގައި އެކަން ވަރަށް ރަނގަޅަށް ބެލި މީހެއް، އަދި އެމްޑީޕީއަކާ ވެސް ގުޅުމެއް ނެތް، އެކަމަކު ފަންޑު ކުރި މީހުން ގޮސް ގުޅެނީ އެމްޑީޕީއާ. އެއީ އެމްޑީޕީގެ ބަޔަކަށް ވިކަން، އެކަމަކު އެމްޑީޕީގެ ލީޑާޝިޕުން އެކަހަލަ ކަމެއް ނުކުރާނެކަން ޔަގީން،" އުމަރު ވިދާޅުވި އެވެ.

އެ މައްސަލާގެ ތަހުގީގުގައި އެތަށް ހެއްކަކާއި ގަރީނާ ހޯދައިގެން އަފްރާޝިމް ގަޔަށް ވަޅި ޖެހީ ސީދާ ކާކުކަން ކަށަވަރު ކުރެވުނު ކަމަށާއި އެއީ ހުމާމް ކަމަށް އުމަރު ވިދާޅުވި އެވެ. އެ މައްސަލަ ތަހުގީގު ކުރުމަަށް އެފްބީއައިގެ އެންމެ މަތީ ލެބޯޓަރީތަކުން ވެސް މީހުން ގެނައި ކަމަށާއި ހުމާމްގެ މައްޗައް ސާބިތު ކުރީ އެ މީހުންގެ ހޯދުންތަކާ އެކުގައި ކަމަށް އުމަރު ވިދާޅުވި އެވެ.

"ދަ ކިލާ އިޒް ހުމާމް، އެއްވެސްް ސުވާލެއް ނެތް ކަމެއް އެއީ، ދެން އޭގެ ފަހަތުގައި ތިބި ހުރިހާ އެންމެން ތޯތޯ ވާހަކަ ދެއްކި ދާނެ، އެކަމަކު އަޅުގަނޑުމެންނަށް އެއަށް ފަންޑު ކުރި މީހުންނާއި ރޭވި މީހުން ހައްޔަރު ކުރެވި ސުވާލު ކުރެވި އެ މީހުން ޖަލުގަ ބޭތިއްބި ހުރިހާ ކަމެއް ކުރެވިފައި އޮތީ،" އުމަަރު ވިދާޅުވި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކޯޓުން ކުރި ހުކުމުގައި އެ މައްސަލަ އެކަށީގެންވާ ވަރަށް ތަހުގީގުކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އުމަރު ވިދާޅުވީ "އެއީ ދޮގެއް" ކަމަށެވެ. އެންމެ ގިނަ ވަސީލަތްތައް ބޭނުންކޮށްގެން ތަހުގީގު ކުރެވުނު އެއް މައްސަލައަކީ ރިލްވާންގެ މައްސަލަ ކަމަށާއި ރިލްވާން ހޯދަން ފުލުހުންނަށް ކުރެވޭ ހުރިހާ ކަމެއް ފުލުހުން ކުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮނެވޭނެ ހުރިހާ އޭންގަލްއަކަށް އޭތި ކޮނުނިން، ޝަރުއީ މިނިވަން ކޯޓެއްގައި މީހެއްގެ މައްޗައް ކުށް ސާބިތު ކުރާ ވަރަށް ހެއްކެއް ނުލިބުނު،" އުމަރު ވިދާޅުވި އެވެ.

ދަ ކިލާ އިޒް ހުމާމް، އެއްވެސްް ސުވާލެއް ނެތް ކަމެއް އެއީ، ދެން އޭގެ ފަހަތުގައި ތިބި ހުރިހާ އެންމެން ތޯތޯ ވާހަކަ ދެއްކި ދާނެ،
އުމަރު ނަސީރު - ކުރީގެ ހޯމް މިނިސްޓަރު

އުމަރު ވިދާޅުވީ ކޮންމެ މައްސަލައަކީ ހުރިހާ ކަމެއް ހޯދައިގަނެވި އެންމެ ފުނަށް ގޮސްގެން ދައުވާ ކުރި ހުރިހާ އެންމެންގެ މައްޗައް ކުށް ސާބިތުވެދާނެ މައްސަލަތަކެއް ނޫން ކަމަށެވެ. ނަމަވެސް ސިޔާސީ މީހުން އެ ވާހަކަތައް އަނބުރާލާ ސިޔާސީ އިސް މީހުންގެ ބޮލުގައި މަރުތައް އެޅުވިދާނެ ކަމަށާއި ނަމަވެސް އެއީ އެއްވެސް ތެދެއް ނޫން ކަމަށެވެ.

"އަޅުގަނޑު މިއީ ޔާމީން ސަޕޯޓަރެއް ނޫން އިނގޭތޯ، އެކަމަކު އަޅުގަނޑު މި ދަންނަވަނީ ރިލްވާން ކޭސްއަކާ ޔާމީންއަކާ ގުޅުމެއް ނެތް، އަދި އަފްރާޝިމް މައްސަލައަކާ ވެސް ޔާމީންއަކާ ގުޅުމެއް ނެތް. މިކަން ތަހުގީގުކޮށް ބަލާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ހަގީގަތް މި ދަންނަވަނީ،" އުމަރު ވިދާޅުވި އެވެ.

އަފްރާޝިމް އާއި ރިލްވާންގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަތައް އަލުން ތަހުގީގުކޮށް ފުނަށް ދާނެ ކަމަށެވެ.