ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މަގުމަތީގެ އެންމެ ބޮޑު ސިޔާސީ އެއްވުމެވެ. މޭޑޭގެ އެ އެއްވުމަކީ އޭރުގެ އިދިކޮޅު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި އަދާލަތު ޕާޓީން އިސް ނަގައިގެން ޖުމްހޫރީ ޕާޓީގެ ވެސް އެހީތެރިކަމުގައި ބޭއްވި ސިޔާސީ ހަރަކާތެކެވެ. އެތައް ހާސް ރައްޔިތުން މާލޭ މަގުމައްޗަށް ނުކުމެ އެ ހަރަކާތުގައި ބަައިވެރި ވިއެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ބާރުވެރި ވަރުގަދަ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށް ބުނެ އެ ވެރިކަން ނިންމަން ބޭއްވި އެފަދަ ފުރަތަމަ އެއްވުމެވެ. އޭގެ ފަހުން އެމަނިކުފާނުގެ ގަދަ ފަދަ ވެރިކަން ފަސް އަހަރުން ނިމިގެން ދިޔައީ ރާޅަކަށް ފަހު ރާޅެއްގައި ކޮނޑު ވިދައިގެން ހުންނަވިކޮށް ރައްޔިތުންގެ އަތުން ބަލިވެގެނެވެ.
އިދިކޮޅުން ބޭނުންވި ގޮތަށް އެ ދުވަހު ރައީސް ޔާމީންގެ ވެރިކަން ބަދަލު ނުކުރެވުނު ނަމަވެސް އެއީ ބާރާއި އާރުގެ ގޮތުން އަރާއޮތް އެ ވެރިކަމަށް ލޮޅުން އަރުވާލި އެއްވުމެވެ. އެތައް ހާސް ރައްޔިތުން ރުޅިވެރިކަމާއެކު މަގުމައްޗަށް ނުކުތުމުން އެ ސަރުކާރަށް ސިހުން ލިބުނެވެ. ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ގިނަވި އެވެ.
މާޒީގެ ރޮނގުމަތީން މޭޑޭގެ މުޒާހަރާގެ ހައިލައިޓްސް ބަލައިލާއިރު އެތައް އެތައް ކަމެއް އެ ދުވަހާއި އެރޭ ހިނގައި ދިޔަ ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކަންކަމެއް ގޮތުގައި މިއަދާ ހަމައަށް ވެސް މަންޒަރުން ނުގެއްލި، އަޑު ކަނޑައިގެން ނުގޮސް މި އޮންނަނީ އޭރުގެ އިދިކޮޅު އެއް ލީޑަރު އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ދުވަހު ދެއްވި ވަރުގަދަ ތަގުރީރުގެ ތަންތަންކޮޅެވެ.
އެއްވެފައިވާ އެތައް ހާސް ރައްޔިތުންނާއި މުހާތަބުކޮށް އޭނާ ވަނީ 12 މިނެޓާއި ތިން ސިކުންތުގެ ޖޯޝުހުރި ވަރުގަދަ ތަގުރީރެއް ދެއްވާފަ އެވެ. އެ ތަގުރީރުގައި އިދިކޮޅުން މަގުމައްޗަށް ނުކުންނަން ޖެހުނު ސަބަބުތައް ވިދާޅުވެ ދެއްވި އެވެ. ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުންނެވޭނީ އިދިކޮޅުން ކުރާ ޝަރުތުތަކަށް ރުހި ވަޑައިގެން ކަމަށްވެސް ވިދާޅުވެ އެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.
މައިގަނޑު ގެންގުޅުއްވާފައި ވަނީ ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލި ހާދިސާގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނާއި އަދީބަށް ކަމަށް ވިދާޅުވެ ދެެއްކެވި ވާހަތަކާއި އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި ހާދިސާގެ މައުލޫމާތު ހާމަ ކުރުމުގައި ފުލުހުން ފަސްޖެހިފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ މައްޗަށެވެ. އެ ހުރިހާ މައުލޫމާތުތައް ފުލުހުންގެ އިދާރާގައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަ އެ ތަގުރީރުގައި އަދީބަކީ ދުނިޔޭގެ އެންމެ ވަރުގަދަ މާފިއާ ގޭންގުތަކާއި ގުޅިފައިވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. "އެއްވުމުގެ ބައިވެރިންގެ ގަޔަށް ވަޅިި ޖަހާ މަރަން ވެސް އަދީބު އަމުރު ކޮށްފާނެ" ކަމަަށް ވިދާޅުވެ އެވެ. އަދި މަޖިލިސް މެންބަރު އަފްރާޝީމްގެ ގަތުލާ ގުޅިގެން ހަތް މީހަކު މަރާލާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އެއަށްފަހު އޭނާގެ އަތްޕުޅުގައި އެކަމުގެ ޑޮކިއުމަންޓްތައް އެބަހުރި ކަަމަށް ވިދާޅުވެ ސިޓީ އުރައަކުން ނެންގެވި ކަރުދާސް ބޮނޑިއެއް ދެއްކެވި އެވެ. އެ ހުރިހާ ޑޮކިއުމަންޓެއް އަތްޕުޅުގައި އެބަހުރި ކަމަަށް ވިދާޅުވި އެވެ.
އިމްރާންގެ އެ ވާހަކަތަކާއި ގުޅިގެން އޭރުގެ ސަރުކާރަށް ނިސްބަތްވާ ގިނަ ބޭފުޅުން އޭރު ވެސް ތަފާތު ވާހަކަތައް ދެއްކެވި އެވެ. އިމްރާންގެ އަތްޕުޅުގައި ހުރީ އެ މައްސަލައާ ގުޅޭ ކޮން ހެކިތަކެއްތޯ ސުވާލު އުފެއްދި އެވެ. ނަމަަވެސް އެ ސުވާލުތައް ހުއްޓުނީ އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލާ 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. ސިއްރުން ހެކި ބަސް ނެގި، ވަރަށް އަވަސް އަރުވާލައިގެން ހިންގުނު އެ ޝަރީއަތަކީ ވެސް ސުވާލުތައް އުފެދޭ ޝަރީއަތެކެވެ. އެ ވާހަކަ ފަހުން ދައްކާނީ އެވެ.
މޭޑޭގައި އިމްރާން ދެއްކި ވާހަކަތަކުގެ އަޑު ދޭތެރެއަކުން ގަދަވެލާފައި އޮބޭތަނުން އިމްރާނަށް ފިތާލެއްވޭ ކޮންމެވެސް ބަޓަނެއްގެ ސަބަބުން އެ އަޑު އަލުން ގަދަވެ އެވެ. މިދިޔަ ހޯމަ ދުވަސްވީ އޭގެ ދުވަހަކަށެވެ. މަޖިލީހުގެ ޖަލްސާއަށް އިމްރާން ހާޒިރު ކުރެވިފައި ވަނިކޮށް މޭޑޭގައި އިމްރާން ދެއްކެވި ހެކީގެ ކަރުދާސްތަކާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލެއް ކުރެއްވި އެވެ. އޭނާ އެއްސެވީ މަރުތަކާއި ރައީސް ޔާމީނާ ގުޅުވައި އިމްރާން ވާހަކަ ދެއްކެވި މޭޑޭގައި ދެއްކެވި ހެކިތައް ނުވަތަ އެ ދުވަހު ދެއްކެވި ޑޮކިއުމަންޓްތައް ކޮބައިތޯ އެވެ؟
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވި ގޮތުގައި އެ ކަރުދާސްތައް އަތުލީ އެ ދުވަހު އޭނާ ހައްޔަރުކުރަން ދިޔަ ފުލުހުންނެވެ. އަދި އެ ދުވަހު ހައްޔަރުކުރަން ދިޔައީ ކޮން ފުލުހުންނެއް ކަން އެނގިވަޑައިނުގަންނަވަ އެވެ. އެ ކަރުދާސްތައް ވީ ތަނެއް އެނގިވަޑައިނުގަންނަވަ އެވެ.
"މޭޑޭ މުޒާހަރާގައި ތިޔަ ބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން،" އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެ ދުވަހުގެ އެ ވާހަކަ ޔައުމިޔާއިން އުނި ކުރުމަށް އެއް ވެސް ބޭފުޅަކު ވިދާޅެއް ނުވެ އެވެ. ވީމާ އެ ވާހަތައް މަޖިލީހުގެ ޔައުމިއްޔާގައި އޮންނާނެ އެވެ.
އިމްރާން ދެއްކެވީ ކޮން ޑޮކިއުމެންޓްތަކެއް
މޭޑޭގެ އެ ބޮޑު އެއްވުމުގައި އިމްރާން ދެއްވި ތަގުރީރުގެ ތެރޭގައި ކަރުދާސްތައް ދެއްކެވުމުގެ ކުރިން އޭނާ ވާހަކަ ދައްކަވަމުން ގެންދެވީ ދިނީ ދަންނަ ބޭކަލެއް ކަމަށްވާ އަފްރާޝީމްގެ ގަތުލާ ގުޅޭ ގޮތުންނެވެ. އިމްރާން ވިދާޅުވި ގޮތުގައި އަފްރާޝީމްގެ ގަތުލާ ގުޅިގެން ގާތްގަނޑަކަށް ހަތް މީހަކު އަނިޔާވެރިކަމާއެކު މަރާލާ މި ބިންމައްޗަށް ވައްޓާލާފައިވެ އެވެ. އެކަންކަމުގެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ އެވެ.
އަފްރާޝީމްގެ ގަތުލުގެ ތުހުމަތު އޮތް އަދި އެ މައްސަލައާ ގުޅިގެން މަރަން ހުކުމް ކޮށްފައިވާ ހުސައިން ހުމާމަށް ހުކުމް އިއްވި ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަަކަތަކެއް ކަމަށް ވިދާޅުވެ ވެސް ވާހަކަތަކެއް ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުމާމަށް މަރުގެ ހުކުމް އިއްވުމުން ހަގީގީ ގާތިލް ހޯދަން ފަސޭހަ ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެން ވިދާޅުވެ ދެން އަތްޕުޅު މައްޗަށް އުފުލަވާ ދެއްކެވީ ކަރުދާސްތަކެކެވެ. އަދި މިހެން ވިދާޅުވެ އެވެ:
"އަޅުގަނޑު އަތުގައި މި ހުރީ ޑޮކިއުމަންޓްތައް އެނގޭތޯ!"
ވަރަށް ގަދަ އަޑު އިމްރާން އޭނާގެ ވާހަކަ ކުރިޔަށް ގެންދެވި އެވެ؛ "އާދެ، ޑޮކްޓަރު އަފްރަޝީމާއި ގުޅިގެން ގާތްގަނޑަކަށް ޑޮކްޓަރު އަފްރަޝީމާއި ގުޅިގެން ހަތް މީހުން، ހަތް މީހުން އަނިޔާވެރިކަމާއެކު މަރާލާފައި މި ބިންމައްޗަށް ވެއްޓުނީ. ކޮބައިތޯ ޔާމީނަށް އެނގޭ ހަގީގަތް. ޔާމީން އަމިއްލަ ދުލުން އެތައް ފަަހަރަކު ހުމާމުގެ މައްޗަށް ހުކުމްކުރި ދުވަހު، ޔާމީން އަމިއްލަ ދުލުން ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކުރެވުނީމާ ހަގީގީ ގާތިލް ހޯދަން ފަސޭހަ ވާނޭ. މި ހުރީ އަޅުގަނޑު އަތުގައި މި ހުރީ ޑޮކިއުމަންޓްތައް އިނގޭތޯ. ހުރިހާ ޑޮކިއުމަންޓެއް އެބަހުރި އަޅުގަނޑު އަތުގައި. ދިވެހި ލޮބުވެތި ރައްޔިތުން... މިހުރީ ޑޮކިއުމަންޓްތައް. މި ހުރީ ޑޮކިއުމަންޓްތައް. މީގެ ހައްގުގައި، މީގެ ފަހަތުގައި ވަނީ ހުސައިން ވަހީދާއި އަދީބު ވަނީ. އާދެ، މިކަން އަޅުގަނޑުމެން ދޫކޮށްލައިފިނަަމަ ދެން މި ގައުމަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނެތް،"
އިމްރާން އެ ދުވަހު ދެއްކެވި ކަރުދާސް ގަނޑުތަކާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެ އެވެ. އިތުބާރު ހުރި، އެއް ގޮތަކަށް ބުނާ ގިނަ އެކައުންޓްތަކުން ޔަގީން ކުރެވިފައިވާ ގޮތުގައި އެ ދުވަހު އިމްރާން ގެންގުޅުއްވީ އޭރު ނެރެމުން އައި "ހަވީރު" ނޫހުގައި އަފްރާޝީމްގެ ގަތުލާ ގުޅޭ ގޮތުން ލިޔެފައިފައިވާ ތަފާތު ގިނަ ހަބަރުތަކެއްގެ ޕްރިންޓްތަކެކެވެ. ދެން ބައެއް ފޮޓޯތަކެވެ. އިމްރާންގެ އަތްޕުޅުގައި އެ ނޫން އެއް ވެސް ލިޔުމެއް ވެސް ހެއްކެއް ވެސް ގަރީނާއެއް ވެސް ނެތެވެ.
އެ ހަބަރުތަކަކީ ވެސް މީހަކު ޕްރިންޓެއް ނެގުމަށް ފަހު އެއިން ފޮޓޯ ކޮޕީ ހައްދާފައި ދިން ގަނޑުތަކެކެވެ. ގެންގުޅުއްވީ އަސްލެއް ނޫނެވެ. އެކަމުގައި އުޅުއްވެވި އިތުބާރު ހުރި ފަރާތްތަކުން ބުނާ ގޮތުން އެ ކަރުދާސްތަކަކީ އަދާލަތު ޕާޓީ އާއި އޭރު ވަރަށް ބޮޑު ގުޅުމެއް އޮތް ސޯޝަލް މީޑިއާގެ އިސް އިކްޓިވިސްޓަކު ގެންގުޅުނު ހަބަރު ޕްރިންޓްތަކެކެވެ. ނޫހެއްގައި ޝާއިއު ކޮށްފައި ހަބަރުތަކެކެވެ. އެ ހަބަރުތައް ޕްރިންޓްކޮށް އިމްރާނަށް ދިނީ އިމްރާން އެކަމަށް އެދިވަޑައިގަތުމުންްނެވެ. ކުލަ ޕްރިންޓް ބާއްވާފައި އިމްރާނަށް ދިނީ އޭގެ ފޮޓޯ ކޮޕީއެކެވެ.
މި ވަރުގަދަ ޕޮލިޓިކްސް ހިނގަ ހިނގާ އޮތް ދިވެހި ރާއްޖޭގައި މިހާރު އެންމެ ގިނައިން އިވެނީ އިމްރާނުގެ އަޑެވެ. އެންމެ ގިނައިން ސުރުހީ އަތުލައްވަނީ އިމްރާނެވެ. ޝިޔާމްގެ ސުވާލާ ގުޅިގެން މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ފަހު މިދިއަ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގެ އަޑުން ގެެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވެސް އިމްރާން ވަނީ ބަޔަކު މީހުން ހައިރާންވާާނެ ލައްކަ ގިނަ ވާހަކަ ލައްކަ ގިނަ ކަންކަމާ ގުޅޭ ގޮތުން ދައްކަވާފަ އެވެ.
އެރޭ ވެސް އެންމެ ގަދަވީ ޑޮކިއުމެންޓްތަކާ ގުޅޭ ގޮތުން އައި ވާހަކަ ތަކެވެ. އެ ޕްރޮގްރާމްފައި ވަރަށް ފަސޭހަ ކަމާއެކު އިމްރާން ވިދާޅުވި ގޮތުގައި މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުންގެ ހަނދާނަކު ނެތެވެ. އެހެނެއްކަމަކު ޓޭޕް ހުއްޓާލާ ނުލައި ސޯޝަލް މީޑިއާގައި ޕްލޭ ކުރާ ކަމެއް އަދި އެ ވާހަކަތައް މީހުން ހިތު ދަސް ކަމެއް އޭނާއަކަށް އެނގިވަޑައެއް ނުގަތެވެ. އިމްރާން ވިދާޅުވާ ގޮތުން ނަމަ އެ ދުވަހުގެ ވާހަކަތައް މިހާރު ހަނދާންހުރީ އޭނާ އެކަންޏެވެ.
ހޮނިހިރު ދުވަހުގެ ރޭ ސުވާލެއް ކުރީ އާންމު ރައްޔިތެކެވެ. ނަސީބަކުން އެ ސުވާލު ކުރި މީހަކު އެ ކުރި ގޮތަށް ސެންސަރަކާއި ނުލައި އިމްރާނަށް އަމާޒުވި އެވެ. އެއީ ބޮޑު ދެ މަރަކާ ގުޅޭ މުހިންމު ހެކިތަކެއްގެ އަސްލު އެ އެއްވުމަށް ގެންދެވީ ކީވެގެންތޯ އެވެ؟ ތަހުގީގީ ނަޒަރަކުން ވިސްނާލާއިރު ކޮށްލަން އެންމެ ރަނގަޅު ސުވާލެކެވެ. އަދި އެހާ މުހިންމު ހެކި ތަކެއްގެ ކޮޕީއެއް ނަމަވެސް ނުގެންނެވީ ކީއްވެގެންތޯ ވެސް ސުވާލު އެހުނެވެ. އެ ވެސް އަހައިލަން ރަނގަޅެވެ.
އިމްރާން ވިދާޅުވި ގޮތުގައި އޭނާގެ އަތުގައި އެ ދުވަހު ހުރި ކަރުދާސްތަކަކީ އަސްލެއް ނޫނެވެ. "އެ ކަރުދާސްތަކުގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެ" އެވެ. އޭނާގެ ވާހަކަ ވަރަށް ފަސޭހަ އެވެ.
"އަޅުގަނޑު އަތުގައި ހުރި ކަަރުދާސްތަކަކީ އެ އެއްޗެއްގެ އަސްލެއް ނޫން! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ އަސްލުތައް ވާންޖެހޭ ތަންތާ ވާނެ. އެ ތަހުގީގު ކުުރުމުގައި މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ!" އިމްރާން ވިދާޅުވިއެވެ. -- ފުލުހުންގެ ވެރިޔާގެ ގޮތުގައި ހޯމް މިނިސްޓަރަކަށް އިމްރާން ހުންނަވާތާ ދެ އަހަރުވާން ދާއިރު މިފަދަ ތަހުގީގެއް ކުރާ ވާހަކަ އަދި ކިރިޔާ އިމްރާންގެ ފަރާތުން މި އައީ އެވެ.
ބައެއް ބޭފުޅުންގެ ނަޒަރުގައި އަނެއްކާވެސް މި މައްސަލާގައި އިމްރާން އިތުރުފުޅު ހެއްދެވީ އެވެ. މުޒާހަރާއަށް ގެންދެވީ އަސްލު ނޫން ނަމަ އޭގެ އަސްލު ދިން މީހެއް އުޅޭނެ އެވެ. ކޮބައި ހެއްޔެވެ؟ އެެއެއްޗެއް ވާންޖެހޭ ތަނަކީ ކޮންތަނެއް ހެއްޔެވެ؟ އަދި އެވަރުގެ ހެކި ހުރިއިރު މަގާމު ލިބިވަޑައިގެން، އިންސާފު ގާއިމު ކުރެވޭނެ ފަދަ މަގާމަކަށް ވަޑައިގެން ހަނު ހުންނެވީ ކީއްވެ ހެއްޔެވެ؟ ކަމެއް ނުވެސް ހިނގާ ކަމަށް އަދި ހިނގި ކަންކަމާއި ގުޅޭގޮތުން އަޑަށް ބާރު ލައްވާފައި ދެއްކެވިހާ ވާހަކަތައް ކޮބައި ހެއްޔެވެ؟ މި ކޮންހަލަ މޭރުމަކުން ވާހަކަފުޅު ދައްކަވާ ހޯމް މިނިސްޓަރެއް ހެއްޔެވެ؟
ކަރުދާސްތައް އަތުލީ ފުލުހުން؟
މޭޑޭގައި އިމްރާން ގެންގުޅުއްވި އެ ކަރުދާސްތައް ދެއްކެވުމުގެ ކުރިން އެ ކަރުދާސްތައް ހުރީ މުޒާހަރާ ލީޑް ކުރެއްވި ބޭފުޅުންގެ ފަހަތުގައި ހުރި މީހެއްގެ އަތުގަ އެވެ. އެއީ އިމްރާންގެ ގާތް ނުވަތަ އޭނާ ނިސްބަތްވާ އަދާލަތުގެ މީހަކަށް ވުން ވަރަށް އެކަށީގެންވެ އެވެ. އެ މުޒާހަރާގައި އޭގެ ފަހުން ވެސް އެރޭ ވެސް ވަރަށް ނުކުރައްކާތެރި ވަރަށް ގިނަ ކަންކަން ހިނގައި ދިޔައެވެ. "މުހިންމު" އެ ޑޮކިއުމެންޓްތައް ހިފައިގެން އުޅުނު މީހާއަށް ގޮތެއްވީ ކަމެއް އެނގިފައެއް ނެތެވެ. އެ މީހާ ގެއްލުވާލާފައި ވިޔަސް ޖަލު ބަންދުގައި ވިޔަސް އަނިޔާވެފައި އޮތަސް މިވަގުތު އެކަން އެންމެ ސާފުކޮށް ހޯދޭނެ ބެލޭނެ ބޭފުޅަކީ އިމްރާނު ނޫން ދެން ކާކު ހެއްޔެވެ؟ ރައީސް އިބްރާހިމް ސޯލިހު އެކަން ކުރައްވަން އެދި ވަޑައިގެންނެވި ނަމަވެސް އެކަން އަންގަވާނީ އިމްރާނަށް ނޫން ހެއްުޔެވެ؟
ވީޑިއޯ ޕްލޭ ކޮށްލައްވާށެވެ؛ ޑޮކިއުމަންޓްތައް އެބަހުރި ކަމަށް އިމްރާނު ވިދާޅުވާނެ އެވެ. އަދި ފަހަތަށް އެނބުރި ވަޑައިގެން ކަރުދާސްތައް ދެއްވުމަށް މީހެއްގެ ގާތުގައި އެދިވަޑައިގަންނަވާނެ އެވެ. އެ ކަރުދާސްތައް އޭރު ހުރީ ބޮޑު ސިޓީ އުރައެއްގަ އެވެ. އެމީހާ ސިޓީ އުރަ، މިހާރު ލަންޑަންގައި އަރުވާލެއްވިގެން ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމްގެ އަތްޕުޅަށް އެރުވުމުން އިމްރާނާ އެ ކަރުދާސްތައް ހަވާލު ކުރައްވަނީ އަމީނެވެ.
އަދިވެސް ޕްލޭކޮށްލައްވާށެވެ؛ ފެންނަނީ ސިޓީ އުރައިން ކަރުދާސްތައް ނެންގެވުމަށްފަހު މިހެން ވިދާޅުވާ ތަނާއި އަޑެވެ: "އަޅުގަނޑު އަތުގައި މި ހުރީ ހުރިހާ ޑޮކިއުމަންޓް!"
އެ ކަރުދާސްތައް ދެއްކުމަށް ފަހު ކުރިން ވެސް އެ ކަރުދާސްތައް ގެންގުޅުނު މީހާއާ ހަވާލު ވެސް ކުރެއެވެ. އެ މުޒާހަރާގެ ޓެޓްޓިކްސް ރާވާފައި އޮތީ އިރުއޮއްސެންދެން އެ ސަރަހައްދުގައި ތިބުމަށްފަހު މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒާ ދާ ހިނގުމެކެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ޓެކްޓިކްސްގެ މައިގަނޑު އަނެއް ބޭނުމަކީ ޖުމްހޫރީ މައިދާން ހުރަސް ކުރުމެވެ.
ރޭވުންތެރިކަން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ހިނގައިގަތް އިރު އިމްރާންގެ އަތްޕުޅުގައި އެ ކަަރުދާސްތަކެއް ނެތެވެ. މުޒާހަރާގެ ބައިވެރިންނާއެކު އިމްރާނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޑައިގަތީ މަސްމާރުކޭޓާ ހަމައަށެވެ. އޭގެ ފަހުން އެ ދެ ބޭފުުޅުން މުޒާހަރާގެ ތެރެއިން "ޣައިބު" ވީ އެވެ.
"އިމްރާންގެ އަތުގައި ހިފައިން އަލީ ވަހީދު ވަޑައިގެންނެވީ. އެ ހިސާބުން މުޒާހަރާގެ ބައިވެރިން ދޫކޮށްލައިފި. އެ ދެ ބޭފުޅުން ވެސް ވަޑައިގެންނެވީ އަލީ ވަހީދުގެ ގެއަށް. ދެ ބޭފުޅުން ހައްޔަރު ކުރެއްވީ އެ ގެއިން. ދެން ކިހިނެތްތޯ ފުލުހުން އިމްރާންގެ އަތްޕުޅުން ކަރުދާސްތައް އަތުލައް ވާނީ،" މިވާހަކަ އަވަސްއަށް މިގޮތަށް ކޯޓް ކޮށް ދެއްވީ އިމްރާންގެ ވަރަށް އަރިސް ހާއްސަ ބޭފުޅަކެވެ. -- ހާމަ ކުރާންޖެހޭ ހާލަތު އަންނަން ދެން ސޯސް ހިމާޔާތް ކުރީ އެވެ.
މޭޑޭގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އިމްރާނު ހައްޔަރު ކުރަން ދިޔަ ފުލުހުން އެ ކަރުދާސްތައް އަތުލީ ކަމަށް ވިދާޅުވެ އިމްރާން ހައްދަވަނީ ބުހުތާން ދޮގެކެވެ. މެއި، 1 2015 ގައި ހައްޔަރު ކުރުމަށް ފަހު ފުރަތަމަ އިމްރާން ޖަލުގައި ހޭދަ ކުރެއްވީ 15 ދުވަހު އެވެ. ފަހުން ދޫކޮށްލެއްވުމަށް ފަހު އަލުން ހައްޔަރުކޮށް ދައުވާ އުފުލީ އެވެ. އަދި 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަ ކުރެއްވި އެވެ.
އިމްރާން ސްޕީޗްގެ ޖާނަލް އެކްޕްލޮރޭޝަން
މިދިއަ ހޮނިހިރު ދުވަހު އަޑުން ގެނެސްދިން ޕްރޮގްރާމްގައި އިމްރާން ވިދާޅުވި ގޮތުގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ މީހުން ހަނދާނުގައި ނެތް ނަމަވެސް އޭނާ ހަނދާނުގައި އެ ވާހަކަތައް އެބަހުއްޓެވެ. -- އަލްހަމްދު ﷲ ވަރަށް ރަނގަޅެވެ.
އެހެނެއް ކަމަކު ހުއްޓާ ނުލައްވައި ދެއްކެވޭ ވާހަކަފުޅުތަކުން އޭނާގެ ހަނދާނުގައި އެ ވާހަކަތައް ހުރި މިންވަރާއި އަދި އާންމުންނަށް އަލުން ހަނދާން އައު ކޮށްލަ ދިނުމަށް އެ ދުވަހުގެ އެއްވުމުގައި އިމްރާން ދެއްކެވި މުހިންމު އެ ވާހަކަތަކުގެ ސްކްރިޕްޓްގެ "ޖާނަލް އެކްސްޕްލޮރޭޝަނެ" އް ގެނެސް ބަލައިލެވޭ ވަރަށް އަތުރާލަން ރަނގަޅުވާނެ އެވެ.
އަންނަނިވި އިބާރާތްތަކަށް ބަލާށެވެ: އެ ދުވަހުގެ އިމްރާން ވިދާޅުވި ގޮތުގައި މެންބަރު އަފްރާޝީމްގެ ގާތިލުން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަ ވާނީ ރައީސް ޔާމީނާއި އަދީބަށެވެ. އެއީ އާ ވާހަކައެއް ވެސް ނޫނެވެ. އަފްރަޝީމްގެ ގާތިލް ކަމަށް ޝަރީއަތުން ނިންމި ހުމާމް ވެސް ދެއްކެވި ވާހަކައެކެވެ. ހަމަ އެ ތަގުރީރުގައި ހުމާމް އެ ވާހަަކަތައް ދެއްކެވި ކަމަށްވެސް އިމްރާން ވިދާޅުވެފައި އޮވެއެވެ. އަދި ރައީސް ޔާމީނާއި އަދީބަކީ ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން ކަމަށް ވެސް ވިދާޅުވެ އެވެ.
"ހުމާމު ބުނީ ތެދެއް! ހުމާމު ބުނީ ތެދެއް! ހުމާމު ބުނީ ޑޮކްޓަރު އަފްރަޝީމް ޝަހީދު ކުރި މީހުން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާއި އަހުމަދު އަދީބާ ދެ މީހުންނަށޭ. އެ ދެ މީހުންނަށް އެނގޭނެ! އާދެ މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން އެ ދެ މީހުންނަކީ! އަޅުގަނޑުމެން އެއްވެ މި ތިބީ މި އަނިޔާވެރިކަމާއި ދެކޮޅަށް!"
އެ ތަގުރީރުގައި މުޒާހަރާގެ ބައިވެރިން ފަަހަތަށް ނުޖެހުމަށް ތަކުރާރުކޮށް އިމްރާން އިލްތިމާސް ކުރައްވަ އެވެ. މޭޑޭ ގެންނަން ޖެހުނީ އަނިޔާވެރި ވެރިކަމުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތުމުން ކަމަށްވެސް ވިދާޅުވެ އެވެ.
"އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައިނުގަންނަވާތި! އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައިނުގަންނަވާތި! ހިތްވަރާ އެއްކޮށް ކުރިއަށް ވަޑައިގަންނަވާތި!"
އޭރުގެ ކޮމިޝަަނަރު ހުސައިން ވަހީދާއި އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަދީބަކީ ބޮޑު ދެ އަނިޔާވެރިން ސިފަ ކުރެއްވި އެވެ. އެ ދެ މީހުންގެ ކަންކަން އެ ދުވަހު ނިންމަން ޖެހޭނެއޭ ވިދާޅުވި އެވެ.
"އާދެ މިއަދު ތި ބޭފުޅުން މި ދެ މީހުން [ހުސައިން ވަހީދު އާއި އަދީބު] ކަންކަން ނިންމަންވާނެ އިނގޭތޯ؟!"
އިމްރާން ވަނީ އަފްރާޝީމްގެ މައްސަލަ ތަހުގީގު ކޮށް އިންސާފު ހޯދުމަށް އިހުލާސްތެރިކަމާއެކު އެއްވެސް ކަމެއް ރައީސް ޔާމީން ނުކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އަފްރަޝީމްގެ މައްސަލައާ ގުޅުންހުރި ހަތް މަރެއް ހިނގި ކަމަށް "އޮން ރިކޯޑް" ގައި ވިދާޅުވި އެވެ.
"އާދެ، ޑރ. އަފްރަޝީމާއި ގުޅިގެން ގާތްގަނޑަކަށް ޑރ. އަފްރަޝީމާއި ގުޅިގެން ހަތް މީހުން، ހަތް މީހުން އަނިޔާވެރި ކަމާއެކު މަރާލާފައި މި ބިންމައްޗަށް ވެއްޓުނީ! ކޮބައިތޯ ޔާމީނަށް އެނގޭ ހަގީގަތް؟ ޔާމީން އަމިއްލަ ދުލުން އެތައް ފަަހަރަކު ހުމާމުގެ މައްޗަށް ހުކުމްކުރި ދުވަހު، ޔާމީން އަމިއްލަ ދުލުން ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކުރެވުނީމާ ހަގީގީ ގާތިލް ހޯދަން ފަސޭހަވާނޭ! މި ހުރީ އަޅުގަނޑު އަތުގައި މި ހުރީ ޑޮކިއުމަންޓްތައް އެނގޭތޯ. ހުރިހާ ޑޮކިއުމަންޓެއް އެބަހުރި އަޅުގަނޑު އަތުގައި. ދިވެހި ލޮބުވެތި ރައްޔިތުން... މިހުރީ ޑޮކިއުމަންޓްތައް. މި ހުރީ ޑޮކިއުމަންޓްތައް. މީގެ ހައްގުގައި، މީގެ ފަހަތުގައި ވަނީ ހުސައިން ވަހީދާއި އަދީބު ވަނީ. އާދެ މިކަން އަޅުގަނޑުމެން ދޫކޮށްލައިފިނަަމަ ދެން މި ގައުމަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނެތް،"
ގެއްލިފައިވާ ރިލްވާންގެ މައްސަލައިގެ ހަގީގަތް ބުނެދިނުމުގައި ފުލުހުން ނުކުޅެދިފައިވާ ވާހަކަ ވެސް ދެއްކެވި އިރު ރިލްވާނަށް ވީ ގޮތް ފުލުހުންނަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ރިޕޯޓްތައް ފުލުހުގައި ހުރެމެ އެކަންކަން ސިއްރު ކުރަނީ ކަމަށް ވިދާޅުވި އެވެ: "އާދެ، ރިލްވާން އަދިއަދަށް ދާންދެން ވެސް ރިލްވާނަށް ވީގޮތެއް ބުނެދިނުމަކަށް ޕޮލިސް ވަނީ ނުކުޅެދިފައި. ޕޮލިސްއަށް އެނގޭ ވީ ގޮތް. ޕޮލިސްއަށް އެނގޭ ވީގޮތް! ޕޮލިހުގައި އެބަހުރި ރިޕޯޓްތައް. ޕޮލިހުގައި އެބައޮތް ތަހުގީގު! އެކަމަކު މި އަނިޔާވެރި ސަރުކާރުން އަހުމަދު އަދީބާއި ހުސައިން ވަހީދު ވަނީ ރިޕޯޓްތައް ހިފަހައްޓާފައި. މިކަމަކަށް މިއަދަށް ފަހު ޖާގައެއް ނުދެވޭނެ،" އިރު އޮއްސޭން ދިޔައިރު އިމްރާން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެކިއެކި ހަބަރުތައް އަންނަނީ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮށާލާފައި ގޯންޏަކަށް އަޅާލާފައިވީ! އަނެއް ބަޔަކު ބުނާ ގޮތުން ކަނޑު ފައްތާފައިވީ. މި ކަމުގެ ހަގީގަތް ޕޮލިހުން އެބަޖެހޭ ހާމަކޮޮށް ދޭން،"
އެ ދުވަހު އިމްރާން އަދީބަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. އަދީބު ގުޅިފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ މާފިއާ ގޭންގުތަކާ ކަމަށް ވިދާޅުވި އެވެ. މޭޑޭ ހުއްޓުވަން އަދީބު ގޭންގުތައް މަގުމައްޗަށް ނެރެފައިވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
"އަހުމަދު އަދީބު ގުޅިފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ މާފިއާ ގޭންގުތަކާ. މީނަ ކޮންޓްރޯލް ކުރަނީ ދުނިޔޭގެ މާފިއާ ގޭންގުތަކުން،" ވިދާޅުވި އެވެ. "އަހުމަދު އަދީބު ވަޅި ޖަހަންވެސް އަމުރު ކުރާނެ. މި ރައްޔިތުން މަރަންވެސް އަމުރު ކުރާނެ. ލޮބުވެތި ސިފައިންނާއި ފުލުހުން ނަމަނަމަ އެކަންކަން ނުކުރައްވާތީ،"
ތަގުރީރު ދެއްވަމުން "އެހެން ގޮތަކަށް ތެދުވުމުގެ" ކުރިން ކެތްތެރިވުމުގެ އިލްތިމާސެއް ކުރެއްވި އެވެ. ވިދާޅުވަނީ މިހެނެވެ: "އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން. ކެތްތެރިވެވަޑައިގަންނަވާ. ކެތްތެރިވެވަޑައިގަންނަވާ! އަޅުގަނޑުމެން އިރޮއޮއްސޭ ގަޑީގައި ދުއާ ކުރާނަން. ދުއާ ކުރުމަށް ފަހުގައި ދެން ތި ބޭފުޅުން 'އެހެން ގޮތަކަށް ތެދުވެވަޑައިގަންނަވާ'. އިހަށް ކެތްތެރިވެވަޑައިގަންނަވާ، ކެތްތެރިވެވަޑައިގަންނަވާ!" އެ ވިދާޅުވި އެހެން ގޮތާއި މަރުޣުރިބު ނަމާދުގެ ގަޑިއާ ދިމާ ކުރުމަށް ރޭވި ޓެކްޓިސްއާ ގުޅުވާލުމުން ކޮންމެވެސް ވަރެއްގެ މަގެއް އަލިވެދާނެ އެވެ.
އެ ދުވަހުގެ އެ ތަގުރީރަށް ފަހު އެކަހަލަ ތަގުރީރެއް ދެއްވާނެ ފުރުސަތެއް އަދި އިމްރާނަކަށް ލިބި ވަޑައެއް ނުގަންނަވަ އެވެ. އެހެނެވީމާ މުޅި ތަގުރީރަށް ބަލާއިރު ނިންމާން ވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުންނެވޭނީ އިދިކޮޅު ހަތަރު ލީޑަރުންނާއެކު އެއް މޭޒަކަށް ވަޑައިގެން ސުލްހައިގެ އެއްބަސްވުމެއް ހަދައިގެން ކަމަށް ވިދާޅުވެ އެވެ. އެ ނޫން ގޮތަކަށް ދެން ވެރިކަމުގައި ހުންނެވުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުރެވޭނީ އަޅުގަނޑުމެން ހަތަރު ޕާޓީގެ ލީޑަރުންނާއެކު އިށީންދެ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހުގައި. ދެން ހުރެވޭނީ އަޅުގަނޑުމެންނާއެކު މޭޒު ދޮށަށް ވަޑައިގަތުމަށްފަހުގައި. މިހާރު އިންނަވާނެ އާ ރަށުގައި ބައްލަވަން! މި ދަންނަވަނީ ތި ބޭފުޅުންގެ ހިތްވަރު ބަހައްޓަވާ،" އިމްރާން ވިދާޅުވި އެވެ.
މިއީ މައިގަނޑު ގޮތެއްގައި އިމްރާން ދެއްކެވި ވާހަކަތެކެވެ. މިހާރު އިމްރާނަށް ވެސް އެމަނިކުފާނަށް ދެއްކެވުނު ހަގީގީ ވާހަކަތައް ތަސައްވުރު ކޮށްލެވިދާނެ އެވެ. މިއީ މޭޑޭގެ ބޮޑު މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކުގެ ފަސްމަންޒަރެކެވެ.
މި ވާހަކަތަކަށް އެކަނި ވިސްނާލުމުންވެސް މޭޑޭގައި އިމްރާނަށް ދެއްކެވުނު ވާހަކަތައް އެމަނިކުފާނުގެ ހަނދާނުގައި ނެތްކަން ނުވަތަ ހަނދާނުން ފުހެލައްވާފައިވާކަން ސާފެވެ. އެހެން ނޫންނަމަ ކުރިން އެ ވިދާޅުވި ފުލުހުންނަށް އެނގޭ ރިލްވާން މައްސަލައިގެ ހަގީގަތް މިހާރު ހާމަ ކުރައްވާނެއެވެ. ބާރުވެރިކަމުގައި ދެ އަހަރު ހޭދަވީއިރު އަފްރަޝީމްގެ ގަތުލުގެ ހަގީގަތާއި ގުޅޭގޮތުން ރައީސް ޔާމީނާއި އަހުމަދު އަދީބު އަދި ހުސައިން ވަހީދާ ސުވާލު ކުރެއްވީހެވެ. އަފްރަޝީމްގެ މަރާ ގުޅުން އޮތް ކަމަށް ބުނާ ހަތް މަރުގެ ހަގީގަތް ހާމަކޮށްދިނީހެވެ. މި ނޫންވެސް ކިތަންމެ ކިތަންމެ ކަމެކެވެ. މިކަންކަން ނުކުރައްވާ އެހެން ހުުންނެވުމުގައި ސަބަބުތަކެއް ވާނެއެވެ. އެއް ގޮތަކީ އެއީ ސިޔާސީ ބޭނުމަށް އެތަށް ހާސް ރައްޔިތުންގެ ލޭ ކައްކުވާލަން ދެއްކެވި ބުހުތާނު ބޮޑެތި ދޮގުތަކަކަށް އެ ވާހަކަތައް ވުމެވެ.